ރޫސީ ރައީސް ޕޫޓިން ސަޚަލީން -2 ގޭސް ދަނޑު ދައުލަތުގެ މިލްކަކަށް ހައްދަވައި ބަންޑާރަކުރެއްވުމުން ހުޅަނގުގެ ހަކަތަޔާ ބެހޭ ބޮޑެތި ކުންފުނިތަކަށް ހަނދާން ނައްތައިނުލެވޭވަރުގެ ދަރުސެއް ދެއްވައިފި ކަމަށް އިނގިރޭސިވިލާތުގެ ފައިނަންޝަލް ޓައިމްޒް ދުވަހު ނޫހުން ބުނެފިއެވެ.
މި ނޫސް ބުނިގޮތުގައި މި ކުންފުނީގެ އުޞޫލުތައް ރޫސީ ދައުލަތަށް ނެގުމަކީ ރަޝިޔާއާ "ރަޙްމަތްތެރިނޫން ޤައުމުތަކުން" އެ ޤައުމުތަކުގެ ހަކަތަޔާ ބެހޭ ކުންފުނިތަކުގެ އުޞޫލުތައް ވިއްކައިލާން މަސައްކަތްކުރާތީ އެ ކުންފުނިތަކަށް ދެއްވި އިންޒާރެކެވެ.
ފައިނަންޝަލް ޓައިމްޒް ބުންޏެވެ. "ރޫސީ ޚަޒާނާއަށް އެއްވެސް ފައިދާއެއް ކޮށްނުދޭ ކުންފުންޏެއްގެ ގޮތުގައި "ޝެލް" ކުންފުނި އޮންނާނަކަށް މޮސްކޯ ބޭނުމެއް ނުވެއެވެ. މި ނޫސް ބުނާގޮތުގައި މިއީ ޖަޕާނުގެ މިޓްސުބިޝީ ކުންފންޏާއި މިޓްސުއި ކުންފުނީގައި ވުނަކުރާ ޖަޕާނުގެ ވުނޭރުންނަށް ދިން އިންޒާރެކެވެ. ރަޝިޔާގެ ސަޚަލީން -2 ކުންފުނީގައި މި ދެ ކުންފުނީގެ 22.5% ޙިއްޞާ ހިމެނެއެވެ.
މި ނޫސް ބުނާގޮތުގައި އިނގިރޭސިވިލާތުގެ ޝެލް ކުންފުންޏާ ކުރިމަތިވެފައިވާ ހިރާސްތައް އެ ކުންޏަށް އެނގެއެވެ. މިހެންވެ ޝެލް ކުންފުނީން ދަނީ އެ ކުންފުނީގެ ޙިއްޞާތައް ޗައިނާގެ Cnooc ކުންފުންޏަށާއި CNPC ކުންފުންޏަށް ވިއްކާލެވޭތޯ މަސައްކަތް ކުރަމުންނެވެ. މި ނޫސް ބުނާގޮތުގައި މިއީ އޮޅުންބޮޅުން ވަރަށް ބޮޑު ކަމެކެވެ.
ރަޝިޔާއިން މި އެޅި ފިޔަވަޅާހެދި އިނގިރޭސިވިލާތުގެ ބްރިޓިޝް ޕެޓްރޯލިއަމް ކުންފުންޏާއި ފަރަންސޭސިވިލާތުގެ ޓޯޓަލް އެނަރޖީ ދަނީ މި ދެ ކުންފުނީގެ ވުނަކުރުންތަކާމެދު ވިސްނަމުންނެވެ. ރަޝިޔާގެ ގޭސް ދަނޑުތައް ތަރައްޤީ ކުރުމާ ބެހޭ މަޝްރޫޢުތަކުގައި މި ދެ ކުންފުނިން ވެސް ވަނީ އެތައް ވުނަކުރުންތަކެއް ކޮށްފައެވެ.
ރޫސީ ރައީސް ޕޫޓިން މި މަހުގެ އެއްވަނަ ދުވަހު ނެރުއްވި ޤަރާރުގެ ސަބަބުން ރަޝިޔާގެ ގާޒުޕްރޯމް ކުންފުންޏާއި އިނގިރޭސިވިލާތުގެ ޝެލް ކުންފުންޏާއި ޖަޕާނުގެ މިޓްސުއި ކުންފުންޏާއި މިޓްސްބިޝީ ކުންފުނި ގުޅިގެން ހިންގާ ސަޚަލީން ހަކަތަޔާ ބެހޭ މަޝްރޫޢުގެ އުޞޫލުތައް ރޫސީ އިއްތިޙާދުގެ މިލްކަކަށް ވަނީ ބަދަލުވެފައެވެ. މި އުޞޫލުތައް ހިމަނައިގެން އުފެއްދި މި އައު ކުންފުންޏަށް ވަނީ ރޫސީ ދައުލަތުގައި ޤާނޫނީ ޝަޚްޞެއްގެ ބާރު ވެސް ލިބިދީފައެވެ.



advertisment