Support Us

ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު އިޝްތައްޔާ

ފަލަސްޠީނުގެ ޝަހީދުންގެ ހަށިތައް އިސްރާއީލުގެ ޔުނިވަރސިޓީތަކުގެ ލެބޯޓަރީތަކުގައި

އިސްރާއީލުން ޝަހީދުކޮށްލާ ފަލަސްޠީނީންނާއި އިސްރާއީލުގެ ޖަލުތަކުގައި މަރުވާ ފަލަސްޠީނީންގެ ހަށިތައް އިސްރާއީލުގެ ޔުނިވަސިޓީތަކުގެ މެޑިކަލް ލެބޯޓަރީތަކުގައި ބޭނުންކުރަމުންދާ ކަމަށް ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު އިޝްތައްޔާ ވިދާޅުވެއްޖެއެވެ. އޭނާ މި ކަން ހާމަކުރެއްވީ ރާމަﷲގައި ފަލަސްޠީނުގެ ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ހަފުތާ ބައްދަލުވުމުގައެވެ.

ފަލަސްޠީނުގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި "އިސްރާއީލުގެ ނިރުބަވެރިކަން ފަލަސްޠީނީންގެ ހަށިތަކަށް ވެސް ދަނީ ފޯރަމުންނެވެ. މިއަހަރު އިސްރާއީލުގެ ޢުދްވާނީ ޙަމަލާތަކުގެ ސަބަބުން ފަލސްޠީނުގެ 78 މީހަކު ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި  15 ކުޑަކުދީން ހިމެނެއެވެ."

ދަރީން ގެއްލުމުން މައިންބަފައިންނަށް ވޭނާއި ހިތާމަ ބަރުދާސްތުކުރާން ޖެހެއެވެ. އެ ކުދީންގެ ހަށިތައް ހިފަހައްޓައިފައިވާކަން އެނގުމުން ލިބޭ ކެކުޅުންތައް އަދި މާ ބޮޑެވެއެވެ." އިޝްތައްޔާ ވިދާޅުވިއެވެ. "އެ ހަށިތައް މިހާރު އިސްރާއީލުގެ ޔުނިވަރސިޓީތަކުގެ މެޑިކަލް ފެލަޓީތަކުގެ ލެބޯޓަރިތަކުގައި ތަޙްލީލުކުރުމަށާއި ދިރާސާތައް ކުރުމަށް ބޭނުންކުރެވެމުން ދެއެވެ."

މިކަން ކުށްވެރިކުރައްވަމުން އިޝްތައްޔާ ވިދާޅުވި ގޮތުގައި މިއީ އިންސާނީ ޙައްޤުތަކާއި ޢިލްމީ އަޚްލާޤީ އުޞޫލުތަކާއި އަގުތަކާ އަރާރުންވާ ކަމެކެވެ. ލާއިންސާނީ މި ޢަމަލުގައި ބައިވެރިވާ އިސްރާއީލުގެ ޔުނިވަރސިޓީތައް ބޮއިކަޓުކުރުމަށް ފަލަސްޠީނުގެ ބޮޑުވަޒީރު ދުނިޔޭގެ ޔުނިވަރސިޓީތަކަށް ގޮވައިލެއްވިއެވެ. އަދި މި ހަށިތައް ވަގުތުން ފަލަސްޠީނާ ހަވާލުކުރުމަށް އިސްރާއީލަށް އޭނާ ގޮވައިލެއްވިއެވެ.

ފަލަސްޠީނު މީހުންގެ ގެއްލިފައިވާ ހަށިތައް ހޯދުމަށް ޓަކައި މަސައްކަތް ކުރާ ފަލަސްޠީނުގެ ޤައުމީ ޙަމަލާގެ ވިލަރެސްވެރިޔާ ޙުސައިން ޝުޖާޢިއްޔާ  ހާމަކުރެއްވި ގޮތުގައި 2015ވަނަ އަހަރުން ފެށިގެން ފަލަސްޠީނުގެ 104 މީހެއްގެ ހަށިގަނޑު އިސްރާއީލުން ހިފަހައްޓައިފައި ވާކަން ކަށަވަރުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ އިތުރަށް އިސްރާއީލުގެ ޚާއްޞަ ސިއްރު ޤަބުރުސްތާނެއްގައި ފަލަސްޠީނުގެ 256 މީހަކު ބޭނުން އިރަކު ނެގޭ ގޮތަށް ވަޅުލައިފައި ވެއެވެ. މި ޤަބުރުސްތާނުގެ ނަމަކީ "ވިޔައަކުރު ޤަބުރުސްތާނު" އެވެ.

އިސްރާއީލުގެ ކެބިނެޓުން އޮކްޓޫބަރު 13، 2015ގައި ވަނީ ފަލަސްޠީނު މީހުންގެ ތެރެއިން މަރައިލާ މީހުންގެ ހަށިތައް ހިފެހެއްޓުމުގެ ސިޔާސަތަށް އަލުން ޢަމަލުކުރާން ފެށުމަށް ނިންމައިފައެވެ. އިސްރާއީލުގެ ސުޕްރީމު ކޯޓުން 2019ވަނަ އަހަރު ނިންމައިފައި ވަނީ ކުރިމަގުގައި ފަލަސްޠީނާއެކު ޑީލު ހެދުމަށް ޓަކައި ފަލަސްޠީނު މީހުންގެ ހަށިތައް ހިފެހެއްޓިދާނެ ކަމަށް ނިޔާ ކަނޑައަޅައިފައެވެ. އިސްރާއީލުން ހިފަހައްޓައިފައިވާ ހަށިތަކުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދީން ވެއެވެ.

ފަލަސްޠީނުން ތުހްމަތުކުރާ ގޮތުގައި އިސްރާއީލުން ދަނީ މި ގޮތަށް ހިފަހައްޓާ ފަލަސްޠީނު މީހުންގެ ގުނަވަންތައް ވަގަށް ނަގަމުންނެވެ. އިސްރާއީލުން މި ވައްކަން ކުރަނީ މި ހަށިތައް ތަޙްލީލުލު ކުރުމަށް ޓަކައި ފަޅައިފެޅުމެއް ކަމަށް ދައްކައިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *