ނޭޓޯއާ އެއްފަދަ އަރަބި– އިސްރާއީލު ޢަސްކަރީ އެއްބާރުލުމެއް ޢަރަބި ސަރަޙައްދުގައި ޤާއިމުކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރެވެމުންދާ ވާހަކައަކީ ޔޯލަ ވާހަކައެއް ނޫނެވެ. އެހެނަސް އެމެރިކާއާއި އިސްރާއީލާއި އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކޮށްފައިވާ އަރަބި ޤައުމުތަކުން އެކަމަށް ޓަކައި ޙަރަކާތްތެރިވަމުންދާތަން ފެނެއެވެ. މި ޢަސްކަރީ އެއްބާރުލުމުގައި އެމެރިކާއާއި އިސްރާއީލާއި ޢަރަބި ނުވަ ޤައުމެއް ބައިވެރިވާނެ ކަމަށް މުޙައްލިލުން ވިދާޅުވެއެވެ.
އިސްރާއީލުން ކަށަވަރުކޮށްދޭ ގޮތުގައި އެ މީހުން މިހާރު ދަނީ އީރާނަށް ފާރަލުމަށް ޓަކައި ބަޙްރައިނާއި އިމާރާތުގައި ރާޑަރު ނިޒާމުތައް ބަހައްޓަމުންނެވެ. އުރްދުންގެ ރަސްގެފާނު ޢަބްދުﷲ ވަނީ މެދުއިރުމަތީގައި ނޭޓޯއާ އެއްފަދަ ޢަސްކަރީ އެއްބާރުލުމެއް ޤާއިމުކުރުމަށް ޢައްމާނުން ތާއީދުކުރާނެ ކަން ކަށަވަރުކޮށްދެއްވައިފައެވެ.
މެދުއިރުމަތީގައި އިސްރާއީލާއި ޢަރަބި ޤައުމުތައް ބައިވެރިކޮށްގެން ޢަސްކަރީ އެއްބާރުލުމެއް ޤާއިމު ކުރުމުގެ ޚިޔާލަކީ އައު ޚިޔާލެއް ނޫނެވެ. މިގޮތުން 2018ގައި އެމެރިކާގެ އޭރުގެ ރައީސް ޓްރަމްޕް މި ޚިޔާލު ހުށައަޅުއްވައިފައި ވެއެވެ. އެ ޚިޔާލު ތަންފީޒު ކުރައްވަން ފަށްޓަވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
މި ޚިޔާލަށް ތާއީދު ހޯއްދެވުމަށް ޓަކައި އެމެރިކާއާއި އިސްރާއީލުގެ މަސްއޫލުވެރީން ޢަރަބި ބައެއް ޤައުމުތަކަށް ވަނީ ދަތުރުފުޅުތަކެއް ކުރައްވައިފައެވެ. މި މަހު ރައީސް ބައިޑްން މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި މި މަޝްރޫޢު ތަންފީޒު ކުރުމާ ބެހޭގޮތުން އެންމެ ފަހުގެ މަޝްވަރާތައް ކުރެވިދާނެކަމަށް ބެލެވެއެވެ. އެހެނަސް ރައީސް ބައިޑްންގެ ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާ ހިމެނޭކަން އަދިވެސް ކަށަވަރެއް ނުވެއެވެ.

މި އެއްބާރުލުމުގެ ލަނޑުދަނޑިތަކަކީ އިސްރާއީލު ޙިމާޔަތް ކުރުން
އިސްރާއީލު– އަރަބި ނޭޓޯގެ އަސާސީ މަޤްޞަދަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އިސްރާއީލު ޙިމާޔަތްކޮށްދިނުމެވެ. އިސްރާއީލަށް ބޭނުންވާ އެހީއާއި މަދަދު ދިނުމެވެ. އިސްރާއީލު ވުޖޫދުގައި ދެމިއޮތުން ކަށަވަރުކޮށްދީ އިސްރާއީލުގެ ޢަސްކަރީ ބާރު އެހެން ޢަރަބި ޤައުމުތަކަށް ވުރެ ވަރުގަދަކޮށް ދެމެހެއްޓުމެވެ. އަދި އިސްރާއީލަށް ފައިދާ ހުރި އިޤްތިޞާދީ އުދަރެސްތައް ހުޅުވުމެވެ. އިސްރާއީލުގެ ވައިގެ ދަތުރުތަކަށް ޓަކައި އަރަބި ޤައުމުތަކުގެ ވައިގެ ސަރަޙައްދުތައް ހުޅުވުމެވެ. މި އެއްބާރުލުމުގެ ސަބަބުން އީރާނުން އިސްރާއިލަށް ދީފާނެ ކޮންމެ ޙަމަލާއަކަށް ހުރަސްއަޅައި އިސްރާއީލަށް ރައްދު ޙަމަލާ ދިނުމަށް މަގު ތަނަވަސްވެގެން ދާނެއެވެ. މި އެއްބާރުލުމުގެ ސަބަބުން އަރަބި ޤައުމުތަކުން ހުއްދަ ނުހޯދާ އިސްރާއީލަށް އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދުތަކަށާއި ކަނޑުގެ ސަރަޙައްދުތަކަށާއި އެއްގަމުގެ ސަރަޙައްދުތަކަށް ވަދެ ނުކުވޭނެއެވެ.
މި އެއްބާރުލުމުގެ ދަށުން ފަލަސްޠީނުގެ މުޖާހިދުންނަށް ހަތިޔާރު ލިބުމުންނާއި ފަންޑު ލިބުމުން މަޙްރޫމު ކުރެވޭނެއެވެ. އަދި ފަލަސްޠީނުގެ މުޖާހިދުންނަށް ޙަރަކާތްތެރިވާނެ ބިންތައް ހަނިކޮށް އެ ބައިމީހުންގެ ޙަރަކާތްތައް ހިންގުން މަނާ ކުރެވޭނެއެވެ.
މިއީ ޙަމާސާއި ސޫރިޔާގެ ގުޅުން ބަދަހި ވެދާނެތީ އެކަމަށް ހުރަސްއެޅުމަށް ކުރެވޭ މަސައްކަތެކެވެ. ޙަމާސްގެ ޒަޢީމު ވަނީ ކުރިމަގުގައި ޖިހާދީ މަސައްކަތްތައް ވަރުގަދަ ކުރުމަށް ޓަކައި ހަ މައިދާނެއް ވަރުގަދަކުރުމަށް ގޮވައިލައްވައިފައެވެ.
މި ހަ މައިދާނަކީ:
ޣައްޒާއާއި ހުޅަނގު އައްސޭރިއާއި
އިސްރާއީލު ހިފައިފައިވާ ފަލަސްޠީނުގެ ބިންތަކާއި
ލުބްނާނާއި ސޫރިޔާއާއި އީރާނެވެ.
އީރާނާއި އީރާނުގެ އެކުވެރީން ޙިޞާރުކުރުން
އިސްރާއީލު ޢަރަބި ނޭޓޯ ވެސް މަސައްކަތް ކުރާނީ ނޭޓޯއާ އެއްގޮތަށެވެ. ރަޝިޔާ ޙިޞާރުކޮށް ރަޝިޔާގެ ޙަޔަވީ މައިދާންތައް ކަސްތޮޅު އެޅުވިގޮތަށް އީރާނު ޙިޞާރުކޮށް އީރާނުގެ ވަށައިގެން ޢަސްކަރީ ބާރުތައް ވަރުގަދަކޮށް އީރާނުގެ އަވަށްޓެރި ޤައުމުތަކާ އީރާނާ ދެމެދުގައިވާ ގުޅުންތައް ބަދަހި ކުރުން މަނާކުރުމެވެ. އިސްރާއީލުން ދިމަޝްޤު ވައިގެ ބަނދަރަށް ޙަމަލާދީ އެ ބަނދަރުގެ މަސައްކަތް ދުވަސްކޮޅަކަށް ހުއްޓުވާލިހުއްޓުވައިލުމުން އިސްރާއީލު ޙަރަކާތްތެރިވާނެ ގޮތުގެ ތަޞައްވުރެއް ދޭހަވެއެވެ. އިސްރާއީލުން މި ވައިގެ ބަނދަރަށް ޙަމަލާދިނީ ޙިޒްބުﷲއާ އީރާނާ ދެމެދުގައި އޮތް އެހީގެ ދޮރު ބަންދުކޮށްލުމަށް ޓަކައެވެ.
އިސްރާއީލު- އަރަބި ނޭޓޯގެ އަމާޒުތަކުގެ ތެރޭގައި އީރާން ނިކަމެތިކުރުމާއި އީރާނުގެ އެތެރެ ގަޑުބަޑުކޮށް ރައްޔިތުންނާ ސަރުކާރު ޖެއްސުވުމާއި އީރާނުގައި ސަރުކާރާ އިދިކޮޅު ޖަމާޢަތްތައް އުފައްދާ އެހީވެދިނުން ވެއެވެ. އެންމެ ފަހުގެ އަމާޒަކީ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔަތް އެހެން ނިޒާމަކަށް ބަދަލުކޮށްލުމެވެ.
މިފަދަ ޢަސްކަރީ އެއްބާރުލުމެއްގައި ޢަރަބި ޤައުމުތައް ބައިވެރިވުމުގެ ސަބަބުން އެ ޤައުމުތަކަށް ޤާބިލުކަންނެތް ހަނގުރާމައެއްގެ ތެރެއަށް ވަންނާން ޖެހޭނެކަން ކަށަވަރެވެ. އެ ފަދަ ހަނގުރާމައެއް ކުރުމުގައި ޢަރަބި ޤައުމުތަކަށް އެއްވެސް މަޞްލަޙަތެއް ވެސް ނެތެވެ. ނޭޓޯއަށް ބަލާއިރު ނޭޓޯ ވެސް ދަނީ "ހުލިވަމުންނެވެ." އެމީހުންގެ ތެރޭގައި ވެސް އޮތީ ބައިބައިވުމެވެ. ފަރަންސޭސީންނާއި ޖަރްމަނުން ބޭނުން ވަނީ އެންގްލޯސެކްސަނުންގެ ކިބައިން ނޭޓޯ ސަލާމަތް ކުރުމެވެ. ނޭޓޯއިން ރަޝިޔާ ހަނގުރާމައެއްގެ ތެރެއަށް ވައްޓައިލެވިއްޖެ ކަމަށް މުޙައްލިލުން ވިދާޅުވެއެވެ. އެހެނަސް މި ކަމުގެ ސަބަބުން ޔުކްރޭނަށް ލިބުނީ ކޮން ފައިދާއެއް ހެއްޔެވެ. ހަލާކުވުމާއި ފުޑުފުޑުވުމެވެ. ޙަޔަވީ ހުރިހާ ބިނާރުތަކެއް ހަލާކުވެ އަލުން ބިނާކުރަން ޖެހޭ ހިސާބަށް ދިޔައީއެވެ. މިފަދަ ނިކަމެތި ޙާލަތަކަށް ޢަރަބި ޤައުމުތައް ދިޔުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
އަރަބި ޤައުމުތަކުގެ ސަރުކާރުތައް ދެމެހެއްޓުން
މި ކަމށް ތާއީދު ކުރާ ޢަރަބި ޤައުމުތައް ދެކޭގޮތުގައި މިފަދަ ޢަސްކަރީ އެއްބާރުލުމެއް އޮވެއްޖެނަމަ އަރަބި ރަބީޢެއް ނުގެނެވޭނެއެވެ. މިފަދަ ކޮންމެ ބަސްނޭހުމަކާ ދެކޮޅަށް މި ބާރަށް ތެދުވެ އެ ޤައުމުތަކުގެ ސަރުކާރުތައް ވެރިކަމުގެ މަތީގައި ސާބިތުކޮށް ދެމެހެއްޓޭނެއެވެ.



advertisment