ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ދެމުންގެންދާ ޙަމަލާތަކާ ކުރިމަތިލުމަށް ޓަކައި ނޭޓޯގެ ވެރީން އިރުމަތީ ޔޫރަޕުގެ ނޭޓޯ ޤައުމުތަކަށް އެހީވުމަށް ޓަކައި ވަރުގަދަ އެއްބަސްވުމެއްގައި މިރޭ ސޮއިކުރެއްވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ދަނިކޮށް ޔުކްރޭން ހަނގުރާމަ ހުއްޓުމާ ބެހޭގޮތުން މޮސްކޯއިން ވަރަށް ވަރުގަދަ ޝަރްޠެއް ހުށައަޅައިފިއެވެ.
ފިންލެންޑާއި ސްވިޑްން ނޭޓޯއަށް ވެއްދުމާ ތުރްކީން ދެކޮޅުހެދުން ހުއްޓައިލުމުން މިއަދު ވަނީ އެ ދެ ޤައުމު ނޭޓޯއަށް ވައްދައިފައެވެ. ތުރްކީން ބުނާގޮތުގައި އެ ދެ ޤައުމުން ވަނީ ތުރްކީން ހުށައެޅި ހުރިހާ ޝަރްޠުތަކެއް ޤަބޫލުކޮށް އެކަމަށް ޢަހްދުކަށަވަރުވެފައެވެ. ތުރްކީން ބުންޏެވެ. "އަހުރެމެން ބޭނުންވާ ކަންތައްތައް ޙާޞިލު ކުރެވިއްޖެއެވެ."
އިއްޔެ މެޑްރިޑްގައި ފެށުނު ނޭޓޯގެ ސަމިޓަކީ ތިން ދުވަހުގެ ބައްދަލުވުމެކެވެ. މި ސަމިޓްގެ ވެރީން އެއްބަސްވެވަޑައިގެން ފާސްކުރައްވާ ޤަރާރަކީ ނޭޓޯގެ "ދިފާޢީ އަދި މައިތިރީގެ އިސްތިރާތީޖީއަށް އަސާސީ ބަދަލެއް ގެންނާނެ ކަމެކެވެ. "ނޭޓޯގެ އަމީންޢާންމު ސްޓޮލްޓެންބަރގް ސިފަކުރެއްވި ގޮތުގައި މިއީ ފިނި ހަނގުރާމައިގެ ފަހުން ނޭޓޯގެ ޖަމާޢީ ދިފާޢަށާއި ޝާމިލު މައިތިރިއަށް ގެނެވުނު އެންމެ ބޮޑު އިޞްލާޙެވެ."
ނޭޓޯއިން ދަނީ ރަޝިޔާ ސަރަޙައްދު ކައިރިއަށް ނޭޓޯގެ ހަތިޔާރުތައް ޖަމާކުރަމުންނެވެ. އޭގެ ތެރޭގައި ބަރު ހަތިޔާރު ވެސް ހިމެނެއެވެ. މީގެއިތުރަށް އިރުމަތީ ޔޫރަޕްގެ ޤައުމުތަކުގައި ތިބި ނޭޓޯ ސިފައިންގެ ޢަދަދު އިތުރު ކުރެވޭނެއެވެ. މިހާރު ތިބި 40ހާސް ސިފައިންގެ ޢަދަދު 300 ހާހަށް އިތުރު ކުރެވޭނެ ކަމަށް ނޭޓޯއިން ބުންޏެވެ.މެންބަރު ޤައުމުތަކުގައި އޮންނަ ނޭޓޯގެ ބާރު އޮންނާނީ އެ ޤައުމެއްގެ ވަޠަނީ އިސްވާރުކަމުގެ ދަށުގައެވެ. އެހެނަސް ނޭޓޯގެ ބާރުތަކުގެ އެންމެ އިސް ވެރިޔާއަށް މި ބާރުތަކުން ބައެއް މެންބަރު އެހެން ޤައުމަކަށް ފޮނުވިދާނެއެވެ.

ޝަރުޠަކީ އަމާންދިނުން
އަނެއްކޮޅުން މޮސްކޯ ބުނާގޮތުގައި ޔުކްރޭން ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެ ހަމައެކަނި މަގަކީ ކިޔީވް އަމާންދީ ހަތިޔާރު ބެހެއްޓުމާއި މޮސްކޯއިން ހުށައަޅާ ޝަރްޠުތައް ޤަބޫލުކުރުމެވެ. ރޫސީ ރިޔާސީ ގަނޑުވަރުގެ ތަރްޖަމާނު ބިސްކޯވް ވިދާޅުވި ގޮތުގައި "ޔުކްރޭނަށް މި އަރާރުން އެންމެ ދުވަހެއްގެ ތެރޭގައި ހުއްޓުމަކަށް ގެނެވިދާނެއެވެ. ޔުކްރޭންގެ ބާރުތަކަށް ހަތިޔާރު ބަހައްޓައި އަމާންދިނުމަށް އަމުރުކުރާން ޖެހޭނެއެވެ. އަދި ޔުކްރޭން ސިފައިންނަށް ހަތިޔާރު ބަހައްޓައި އަމާންދިނުމަށް އަމުރުކުރާން ޖެހޭނެއެވެ. އަދި ރަޝިޔާއިން އަންގާ ހުރިހާ ޝަރްޠުތަކަކަށް ތަބާވާން ޖެހޭނެއެވެ. އޭރުން އެއް ދުވަހުގެ ތެރޭގައި ހަނގުރާމަ ހުއްޓުމަކަށް އަންނާނެއެވެ."
އދގެ ކޮމެޓީއެއް ފޮނުވުމަށް އެދިވަޑައިގަންފި
އަނެއްކޮޅުން ބަލާއިރު ޔުކްރޭންގެ ކްރެމެންޗޮކް ސަހަރުގެ ވިޔަފާރި މޯލަކަށް ރަޝިޔާއިން ބޮންއެޅި މަސްއަލަ ބަލައި ތަޙްޤީޤު ކުރުމަށް ޓަކައި އ.ދގެ ޚާއްޞަ ކޮމެޓީއެއް ޔުކްރޭނަށް ފޮނުވުމަށް ޔުކްރޭންގެ ރައީސް ޒިލެންސްކީ އ.ދ އަށް ގޮވައިލައްވައިފިއެވެ.
މި ކަމަށް އޭނާ އެދިވަޑައިގަތީ ޔުކްރޭންގެ އެދުމުގެ މަތީން ބޭއްވުނު ސަލާމަތީ މަޖިލީހުގެ ޖަލްސާއެއްގައި ދާދިވަރުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިން ރަޝިޔާ ބޭރަށް ލުމަށް ވެސް ރައީސް ޒިލެންސްކީ ގޮވައިލެއްވިއެވެ. އަދި ރަޝިޔާއިން ޔުކްރޭންގައި އަރައިގަންނަމުންދާ "ނިރުބަވެރި ޢަމަލުތައް" ބެލުމަށް ޓަކައި ޚާއްޞަ ކޯޓެއް ޤާއިމު ކުރުމަށް ވެސް ޒިލެންސްކީ ސަލާމަތީ މަޖިލީހަށް ގޮވައިލެއްވިއެވެ.
ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ "ޢުދްވާނީ ޙަމަލާތައް" ނިމުމަކަށް ގެންނާންދެން ސަލާމަތީ މަޖިލިސް ދާއިމީ ސިފައެއްގައި ޖަލްސާތައް ބާއްވަމުން ދިޔުމަށް ވެސް ޒިލެންސްކީ ގޮވައިލެއްވިއެވެ.
އ.ދގައި އިންނަވާ ރޫސީ ސަފީރާ މިކަމަށް ރައްދު ދެއްވައި ވިދާޅުވި ގޮތުގައި އ.ދގެ ސަލާމަތީ މަޖިލީހަކީ ރަޝިޔާއާ ދެކޮޅަށް ދޮގު ޚަބަރު ފަތުރާ ތަނަކަށް މިއަދު ބަދަލުވެއްޖެއެވެ. ތެދަކީ ހަމައެކަނި ހުޅަނގުން ބުނާ އެއްޗަކަށް ހަދައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޒިލެންސްކީ ތުހްމަތު ކުރައްވާ ތުހްމަތުތަކަކީ ހުޅަނގުން ތައްޔާރުކޮށް ވިޔެފައިވާ ދޮގު ބާޠިލު އަސާސެއް ނެތް ތުހްމަތުތަކެކެވެ.



advertisment