ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ހިންގަމުންގެންދާ ޢަސްކަރީ ޚާއްޞަ ޢަމަލުތަކުގެ ސަބަބުން ދުނިޔޭގައި ކާބޯތަކެތީގެ ތަދެއް ފެތުރިފައިވާ ކަމަށް އެމެރިކާއިން އަރުވަމުންދާ އަޑަކީ ހަޑިމުޑުދާރު ސިޔާސީ ކުޅިގަނޑެއް ކަމަށް ރޫސީ ޚާރިޖީ ވަޒީރު ސަރގީ ލެވްރޯވް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއިން ޔުކްރޭނުގައި ކުރަމުންދާ ޢަސްކަރީ ޚާއްޞަ މަސައްކަތާ ކާބޯތަކެތީގެ ތަދާ އެއްވެސް ގުޅުމެއް ނެތެވެ.
ރޫސީ ޚާރިޖީ ވަޒީރު މި ގޮތަށް އެ މަސްއަލައާމެދު ވާހަކަފުޅު ދެއްކެވީ މިއަދު ޠަހަރާނުގައި އީރާނުގެ ޚާރިޖީ ވަޒީރު އަމީރު ޢަބްދުﷲޔާނާއެކު ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ކާބޯތަކެތީގެ ތަދު ފެށުނީ މިއަދަކު އިއްޔެއަކު ނޫނެވެ. އެހެނަސް މީގެ އެތައް އަހަރެއް ކުރީން މި ތަދު ފެށިއްޖެއެވެ. މި ތަދު ފެށިފައިވަނީ ހުޅަނގުން ކާބޯތަކެތި އަމާންކޮށްދިނުމާ ބެހޭގޮތުން ގެންގުޅެމުންދާ "ދޯހަޅި ސިޔާސަތު"ގެ ސަބަބުންނެވެ. އެއީ ކާބޯތަކެތި އަމާންކޮށްދިނުމާ ބެހޭ ގޮތުން ހުޅަނގުން ގެންގުޅޭ ހޭނުޖެހޭ ސިޔާސަތުގެ ނަތީޖާއެކެވެ.
ކާބޯތަކެތީގެ ތަދު ޙައްލުކޮށް ދިނުމަށް ޓަކައި ހުޅަނގު– ބައިނަލްއަޤްވާމީ އެއްބާރުލުމެއް ޤާއިމު ކުރުމާ ބެހޭގޮތުން ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރޫސީ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. "އެ ފަދަ އެއްބާރުލުމެއް ޤާއިމުކުރުމަކީ ބޭނުމެއް އޮތް ކަމެއް ނޫނެވެ." އޭނާ ވިދާޅުވިގޮތުގައި މި މަސްއަލައިގެ ޙައްލު ވަރަށް ސާދާއެވެ.އެކަމަށް ބޭނުންވަނީ ކަނޑުގައި އަމާން މަގުތަކެއް ތައްޔާރު ކުރުމަށެވެ. ވަކި ފަރާތަކަށް ތަބާނުވާ ބައިނަލްއަޤްވާމީ ކަނޑަށް ބަލާނަމަ އެ ކަނޑުތަކުގައި ދަތުރު ކުރާ އުޅަނދުފަހަރަށް ބޭނުންވާ އަމާންކަން ރަޝިޔާއިން ފޮރޯކޮށްދޭނެއެވެ.
ލެވްރޯވް ބާރުލައްވާ ވިދާޅުވި ގޮތުގައި ޔުކްރޭންގެ ގޮވާން ބޭރުނުކުރެވިގެން ކާބޯތަކެތީގެ ތަދެއް ދުނިޔެއާ ކުރިމަތިވެފައިވާ ކަމަށް ވޮޝިންގްޓަނުން ދައްކާ ވާހަކައަކީ އެއްވެސް ނަޒާހަތްތެރިކަމެއް އޮތް ވާހަކައެއް ނޫނެވެ. އެއީ އޭގައި އެއްވެސް އަޚްލާޤެއް އޮތް ވާހަކައެއް ވެސް ނުމެނޫންމެއެވެ.



advertisment