ޔުކްރޭނުގެ އެތައް މައިދާންތަކެއްގައި ހަނގުރާމަ ހިނގަމުންދާ ވަގުތެއްގައި ރޫސީ ޚާރިޖިއްޔާގެ ރަސްމީ ތަރްޖަމާނު މާރިޔާ ޒަޚަރޯވާ ލެޓްވޭނިޔާއަށް އިންޒާރެއް ދެއްވައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ ކެލިނިންގްރާޑަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އެތެރެކުރުމަށް ލެޓްވޭނިޔާއިން ހުރަސްއަޅައިނަމަ އެ ފިޔަވަޅުތަކަށް ރަޝިޔާއިން ރައްދު ދޭނެއެވެ. މި ރައްދު ޑިޕްލޮމެޓިކް ރައްދަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޒަޚަރޯވާ ނޫސްވެރީންނާ ބައްދަލު ކުތައްވަމުން ހާމަކުރެއްވި ގޮތުގައި ރަޝިޔާގެ ތަފާތު ވުޒާރާތަކުން މިހާރު ދަނީ މި މަސްއަލަ ދިރާސާކުރަމުންނެވެ.
މި މަސްއަލައާ ގުޅިގެން ރަޝިޔާއާ ލެޓްވޭނިޔާއާ ދެމެދުގައި ހިނގާ ކުރިމަތިލުމެއްގެ ތެރެއަށް ނޭޓޯ ވަނުމަށް ޓަކައި ނޭޓޯގެ ގުޅިފައިވާ ދިފާޢާ ބެހޭ މާއްދާއަށް ޢަމަލު ނުކުރުމަށް ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ރިޔަބިކޯވް ނޭޓޯއަށް ގޮވައިލެއްވިއެވެ. އޭނާ ޔޫރަޕަށް އިންޒާރު ދެއްވަމުން "މި އަރާރުމާ ބެހޭގޮތުން ފާޑުފާޑުގެ ވާހަކަތައް" ނުދެއްކުމަށް ގޮވައިލެއްވިއެވެ. އެމެރިކާގެ ޚާރިޖިއްޔާ ކަށަވަރުކޮށްދޭ ގޮތުގައި ނޭޓޯގެ އެއްބަސްވުމުގެ ފަސްވަނަ މާއްދާ ބުނާގޮތުގައި ނޭޓޯގެ މެންބަރު ޤައުމަކަށް ދެވޭ ޢުދްވާނީ ކޮންމެ ޙަމަލާއަކީ ހުރިހާ މެންބަރު ޤައުމުތަކަށް ދެވޭ ޙަމަލާއެކެވެ.
އަނެއްކޮޅުން ބަލާއިރު ޖަރްމަނުގެ މުސްތަޝާރު އޮލާފް ޝުލްޓްޒް އިއްޔެ ވިދާޅުވި ގޮތުގައި "ޔުކްރޭން – ރަޝިޔާ ޞުލްޙައިގެ ވާހަކަދެއްކުންތައް އަދި އޮތީ ވަރަށް ދުރުގައެވެ." ޖަރްމަނުގެ ބަރްލަމާނުގެ މެންބަރުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޕޫޓިން ހީފުޅު ކުރައްވަނީ އޭނާ ބޭނުންފުޅުވާ ގޮތަށް ޞުލްޙަ ޤާއިމު ކުރެއްވިދާނެ" އެވެ. އޭނާ ޖަރްމަނުގެ ހުރިހާ ބައިވެރީންނަށް ކިޔޭވަށް އެހީވުމުގައި ދެމިތިބުމަށް ގޮވައިލެއްވިއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް ކުރިއަށް ގެންދިޔުމަށާއި ޔުކްރޭނަށް ބޭނުންވާ ހަތިޔާރު ދިނުމަށް އޭނާ ގޮވައިލެއްވިއެވެ. މި އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖީ–7ގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޖަރްމަނުގެ މުސްތަޝާރު ޔުކްރޭނުގެ ރައީސް ޒިލެންސްކީއަށް ގޮވައިލެއްވިއެވެ. "އެއީ ޔުކްރޭނަށް ޓަކައި މާރޝަލް މަޝްރޫޢެއް ރޭވުމަށް ބޭނުންވާތީ" ކަމަށް ޝުލްޓްޒް ވިދާޅުވިއެވެ.
މަޝްހޫރު މާރޝަލް މަޝްރޫޢަކީ ދެވަނަ ބޮޑުހަނގުރާމަ ނިމުމާ ވިދިގެން ޔޫރަޕް ބިނާކޮށް އާރާސްތުކޮށްދިނުމަށް ޓަކައި އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޯރޖް މާރޝަލް ނެންގެވި އިސްނެންގެވުމުގެ ދަށުން އެކުލަވައިލެވުނު އިޤްތިޞާދީ ބޮޑު ޕާރުސަލެކެވެ. މި މަޝްރޫޢުގެ ދަށުން ޔޫރަޕްގެ ޤައުމުތަކަށް ދިގު މުއްދަތަކަށް ބޮޑެތި ދަރަނިތައް އެމެރިކާއިން ދިނެވެ.
ހަނގުރާމައިގެ މައިދާން
ޔުކްރޭން ހަނގުރާމައަށް ބަލާއިރު އެ ޤައުމުގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު އެލެގްޒަންޑަރު މޯޓޯޒިޔަނެކް ވިދާޅުވާ ގޮތުގައި ރަޝިޔާގެ އަމާޒަކީ ލޮގަންސްކް ސަރަޙައްދާއި ޑޮނެޓްސްކް ސަރަޙައްދު ހިފުމެވެ. މީގެއިތުރަށް ކްރެމިޔާ ސަރަޙައްދަށް ވާޞިލުވެވެން އޮންނަ އެއްގަމު މަގުތައް ވެސް ހިފުމެވެ. އަދި ކަޅުކަނޑުގެ ހުޅަނގު އުތުރު ހިސާބަށް ޔުކްރޭނަށް ދިޔުމަށް ދަތިކުރުމެވެ.
ޑޮނެޓްސްކް ސަރަޙައްދު މިނިވަން ޖުމްހޫރިއްޔާއަކަށް ހަދަން ބޭނުންވާ މީހުން ބުނާގޮތުގައި ޑޮނެޓްސްކްގެ ސިފައިން މިހާރު ވަނީ އެ ސަރަޙައްދުގައި މީހުން އުޅޭ ސަރަހައްދުތަކުގެ ތެރެއިން 239 ސަރަޙައްދު ހިފައިފައެވެ.
އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައިވާ ލޮގަންސްކް ސަރަޙައްދުގެ ވެރީން ވިދާޅުވާ ގޮތުގައި އެ ސަރަޙައްދުގައި ހުރި ޔުކްރޭން ސިފައިންގެ އެންމެ ފަހު ކޮށި ހަލާކުކޮށް ބާކީ ހުރި ތަންތަން މިހާރު ވަނީ ޙިޞާރު ކުރެވިފައެވެ.



advertisment