ފިނި ހަނގުރާމަ ނިމުމާ ވިދިގެން ދުނިޔެއަށް އަތްގަދަކުރި އެމެރިކާގެ ބާރު ނިމުމަކަށް އަތުވެއްޖެ ކަމަށް ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން ހުޅަނގަށް ގޮންޖައްސަވަމުން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި ދުނިޔެއަށް ވެރިކޮށްފައި އޮތް އެމެރިކާގެ ސިޔާދަތު މަރުވެއްޖެއެވެ. އެމީހުން މި ސިޔާދަތު ދިރުވޭތޯ މަސައްކަތް ކުރެއެވެ. ޕޫޓިން ވިދާޅުވި ގޮތުގައި ހުޅަނގުގެ "ބޮޑުން" އަދިވެސް ބަގުޑިބައްދަމުންދަނީ މާޒީގެ "ބިލާހެއް" ގައެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ދުނިޔެއަށް ހަމަޖެހުން ގެނެސްދޭނެ ބަހާއަކީ ހުޅަނގުގެ އިޤްތިޞާދީ އަތްގަދަކުރުމެވެ. މިއީ އަވާމެންދުރެކެވެ.
ރޫސީ ރައީސް ރަޝިޔާގެ އިޤްތިޞާދީ އަހަރީ ސިންތާގައި މިއަދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ޔޫރަޕްގެ އިއްތިޙާދަށް އެ ޖަމާޢަތުގެ "ސިޔާސީ ސިޔާދަތު" ގެއްލިއްޖެއެވެ. މި އިއްތިޙާދުގައި އިތުރުވަމުންދާ ލާދައިން އަރައިގަތުމަށް ޓަކައި ގެންގުޅޭ "ފައިސާ ޗާޕުކުރުމުގެ ސިޔާސަތު" އަށް ރައީސް ޕޫޓިން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ދުނިޔޭގައި ބާރުގެ ތަފާތު ތަނޑިތައް އޮންނާން ޖެހޭނެ
ރޫސީ ރައީސް ޕޫޓިން ގަދައަޑުން ވިދާޅުވި ގޮތުގައި "ދުނިޔޭގައި ބާރުވެރިކަމުގެ ތަފާތު ތަނޑިތަކެއް އޮންނާން ޖެހޭނެއެވެ. މި ކަމާ ދުރަކަށް ނުދެވޭނެއެވެ. އެމީހުންގެ "ވަހްމީ އިސްވާރުކަމުގެ" މަތީގައި ދުނިޔެ އޮންނާން ޖެހޭނެކަމަށް ޤަބޫލުކުރާ މީހުން އެ އަރައިގަންނަނީ ވަރަށް ނުބައި ކުށަކަށެވެ. އޭގެ ސަބަބުން އެމީހުންނަށް ބޮޑު އަގެއް ދައްކަން ޖެހޭނެއެވެ."
ޕީޓަރސްބަރގް އިޤްތިޞާދީ ސިންތާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން ދުނިޔޭގައި ތަފާތު ތަނޑިތައް އޮންނާން ޖެހޭނެއެވެ. އަޅުގަނޑުމެންނާ މި ޙަޤީޤަތާ ކުރިމަތިލުމުގައި ފިލޭކަށް ނެތެވެ. ސޮވިއެޓް ޔުނިއަން ރޫޅިގެން ދިޔުމާ ވިދިގެން މީގެ 30 އަހަރު ކުރީން އޮތް ޙާލަތުގެ މަތީގައި ދުނިޔެ ގަނޑުކޮށްފައި ބޭއްވުމަށް މީހަކު މަސައްކަތް ކުރަމުންދާ ކަމަށް ބުނެފިނަމަ މީސްތަކުންނަށް އެ ވާހަކަ ބަލައެއް ނުގަނެވޭނެއެވެ. މޭރުމެއް ނުވާނެއެވެ. އުންމީދީ ޙަޔަވީ ބާރުގެ ވަރުގަދަ އައު މަރްކަޒުތަކެއް އުފަންވެއްޖެއެވެ. މިކަމާ ނުރުހުންވާ ފަރާތެއް އޮވެދާނެއެވެ."
ޕޫޓިން ވިދާޅުވިއެވެ. "ޗައިނާގެ ބާރު ހެދި ބޮޑުވުމަށް ނުރުހޭ ފަރާތެއް އޮވެދާނެއެވެ. އިޤްތިޞާދީ ވޮލިޔުމަށާއި ގަނެވިއްކުމުގެ ބާރުގެ ތަރާދަށް ބަލާއިރު ދުނިޔޭގެ އިޤްތިޞާދުގެ އެއްވަނަ މަޤާމު ޗައިނާއިން ހޯދައިފިއެވެ. މިއީ ޙަޤީޤަތެވެ. މިއީ ތަފާސްހިސާބެވެ."
ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި އިންޑިޔާއަކީ ވެސް އިޤްތިޞާދު ވަރަށް ވަރުގަދަކޮށް ހެދޭ ޤައުމެކެވެ. ޕޫޓިން ވިދާޅުވި ގޮތުގައި "ބޮޑުވަޒީރު މޯދީއަކީ ކުރިމަގަށް ބައްލަވާ ވަރަށް ކުރުންތެރި އިސްވާރެކެވެ."
ޕޫޓިން ވިދާޅުވި ގޮތުގައި އިންޑޮނޭޝިޔާއާއި އެފްރިކާގެ ޤައުމުތަކާއި ލެޓިން އެމެރިކާގެ ޤައުމުތަކަކީ ވެސް އިޤްތިޞާދީ ދުވެލި ހަލުވި ޤައުމުތަކެކެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިޔާއާ ދެކޮޅަށް ޔޫރަޕްގެ އިއްތިޙާދުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔޭގެ ބާޒާރުގައި ވާދަކުރުމުގެ ބާރު އެ އިއްތިޙާދަށް ގެއްލިއްޖެއެވެ.
ޕޫޓިންގެ ޙަމަލާ
އިޤްތިޞާދީ މަސްއަލަތަކުގެ ޒިންމާ ހުޅަނގުން އޭނާގެ އިސްތަށިފުޅުގައި އަޅުވަމުންދާތީ ރައީސް ޕޫޓިންގެ ޚިޠާބުގައި ހުޅަނގަށް ހޫނު ޙަމަލާތަކެއް ދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއިން ޔުކްރޭނުގައި ހިންގަމުންދާ "ޢަސްކަރީ ޚާއްޞަ މަސައްކަތާ" ކުރިއަރައިފައިވާ ޤައުމުތަކުގެ އިޤްތިޞާދީ ދަތިތަކާ އެއްވެސް ގުޅުމެއް ނެތެވެ. ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅަމުންދާ ދަތިކުރުމުގެ ހަތްހާހެއްހާ ފިޔަވަޅު ދަނީ ނާކާމިޔާބުވެ ވަޅުލެވެމުންނެވެ. ޕޫޓިން ވިދާޅުވިގޮތުގައި ހުޅަނގުގެ އިޤްތިޞާދަށް ގެއްލުން ދިނީ ހަމަ އެމީހުންގެ އަމިއްލަ އަތުންނެވެ. އެމެރިކާއާއި ޔޫރަޕްގައި މުދަލުގެ އަގުމައްޗަށްދާ ދިއުން މިސާލަކަށް ފުދޭ ކަމަށް ރޫސީ ރައީސް ވިދާޅުވިއެވެ. ރައީސް ޕޫޓިން ހާމަކުރެއްވި ގޮތުގައި ރަޝިޔާއާ ދެކޮޅަށް ޔޫރަޕްގެ އިއްތިހާދުން އެޅި ފިޔަވަޅުތަކުގެ އެ ޤއއުމުތަކަށް މިހާތަނަށް 400 ބިލިޔަން ޑޮލަރުގެ ގެއްލުންތެކެއް ވަނީ ތަޙައްމުލު ކުރަން ޖެހިފައެވެ.
ރައީސް ޕޫޓިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ވޭތުވެދިޔަ އަހަރުތަކުގެ ތަޖްރިބާއިން އެނގޭގޮތުގައި އެނެމެ ފުރަތަމަ ގެއްލުން ލިބެނީ ދަތިކުރުމުގެ ފިޔަވަޅުތައް ހަތިޔާރަކަށް ހަދައިގެން އުޅޭ އައިޑިޔަލޮޖީގެ ސާހިބުންނަށެވެ." އޭނާ ވިދާޅުވިގޮތުގައި ހުޅަނގުން ރަޝިޔާއަށް ދަތިކުރާންވެގެން އެޅި ފިޔަވަޅުތައް އަޅައިފައި ވަނީ ރަޝިޔާގައި "އިޤްތިޞާދީ ސިޔާދަތެއް ނެތް" ކަމަށް ބަލައިގެން އެ ނުބައި ވަސްވާހުގައި ގެއްލެނިވެ ތިބެގެންނެވެ.
ޔުކްރޭންގައި ކުރަންހުރި ހުރިހާ ކަމެއް ކުރާނަން
ޔުކްރޭންގެ ހަނގުރާމަޔާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ޔުކްރޭންގައި މޮސްކޯއިން ފަށައިފައިވާ ޢަސްކަރީ ހުރިހާ މަސައްކަތްތަކެއް ކުރާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ޔޫރަޕުން ރަޝިޔާއަށް ކުރާން މަޖްބޫރުކުރުވި ކަމެކެވެ. މި ކަމާބެހޭގޮތުން މޮސްކޯއަށް ކަނޑައަޅަން ޖެހުނު ޤަރާރަކީ ވަރަށް ދަތި ޤަރާރެއް ކަމަށް ރައީސް ޕޫޓިން ވިދާޅުވިއެވެ.
ޔުކްރޭނުގެ ގޮވާމާ ބެހޭގޮތުން ރައީސް ޕޫޓިން ވިދާޅުވިގޮތުގައި ރަޝިޔާއިން ޔުކްރޭންގެ ގޮވާން ބޭރުކުރުމަށް އެއްވެސް ހުރަހެއް ނާޅައެވެ. ރަޝިޔާއިން ކަނޑަށް މައިންތަކެއް ނާޅައެވެ. ކާބޯތަކެތި ޔުކްރޭނުން ބޭރުކޮށްދިނުމަށް ޓަކައި އދ އިން ކުރާ މަސައްކަތަށް ރަޝިޔާއިން އެހީވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިޔާއިން 24 ފެބްރުވަރީގައި ޔުކްރޭނަށް ސިފައިން ފޮނުވީ ޔުކްރޭނުގެ އަތުގައި ހުރި ހަތިޔާރުތައް ނިގުޅައިގަތުމަށާއި ރޫސީ ބަހުން ވާހަކަދައްކާ މީހުން މިނިވަން ކުރުމަށް ޓަކައެވެ. ހުޅަނގުން ބުނާގޮތުގައި މިއީ އެއްވެސް އަސާސެއް ނެތް ބަހަނާތަކެކެވެ.
ޔޫރަޕްގެ އިއްތިޙާދުން ޔުކްރޭން އެ އިއްތިޙާދަށް ވެއްދުމަށް މަގުތަނަވަސްކޮށްދިނުމަށް ނިންމި ނިންމުމާ ބެހޭގޮތުން ރައީސް ޕޫޓިން ވިދާޅުވިއެވެ. "މިއީ ރަޝިޔާ ދެކޮޅު ހަދާ ކަމެއްނޫނެވެ. އެހެނީ އެއީ ޢަސްކަރީ ޖަމާއަތެއްނޫނެވެ."



advertisment
One Response
ސ ސިޔާސީ މީހުންނޭ މިކިޔާ މީހުންނަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން ! މުޅިންވެސް އެއްބަޔެއް މިމީހުންނަކީ ރައްޔިތުންނަށް ހީވެދާނެ މިއުޅެނީ ދެބަޔެއްހެންވެސް މީހަމަ މުޅިންވެސް އެއްބަޔެއް ދަޑުގައި ކުޅުނަސް ދަޑުން ބޭރުގައި ތިއްބަސް !