Support Us

ތުރްކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވޫސް

ތުރްކީގެ އެދުމަށް ފިންލެންޑާއި ސްވިޑްން އިޖާބައެއް ނުދޭ

ނޭޓޯއަށް ވަންނަން ފިންލެންޑާއި ސްވިޑްނުން އެދޭ އެދުމާ ތުރްކީން ދެކޮޅުހަދާތީ އެ ދެ ޤައުމުންވެސް ކަންބޮޑުވުން ހާމަކޮށްފިއެވެ. ތުރްކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވޫސް ވިދާޅުވާ ގޮތުގައި އެ ދެ ޤައުމުން ތުރްކީއަށް ފޮނުވި ލިޔުންތަކުގައި ތުރްކީގެ އެދުމަށް އެ ދެ ޤައުމުން އިޖާބަދީފައެއް ނުވެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އަންކަރާއިން ވާނީ މި ކަން އެ ދެޤައުމަށް އަންގައިފައެވެ.

ތުރްކީގެ ވަޒީރު މި ކަން ހާމަކުރެއްވީ އަންކަރާގައި އަޔަރލެންޑުގެ  ޚާރިޖީ ވަޒީރު ސީމޯން ކޮވީނީއާއި ނޯވޭގެ ޚާރިޖީ ވަޒީރު އެނިކަން ހުވައިޓްވެލްޑްޓާ އެކު ބޭއްވެވި ނޫސް ބައްދަލުވުމެއްގައެވެ.

ޗާވޫސް ވިދާޅުވި ގޮތުގައި އަންކަރާއިން މި ކަން ވާނީ ނޭޓޯއަށާއި ފިންލެންޑަށާއި ސްވިޑްނަށް ރަސްމީކޮށް އަންގައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ތުރްކީން މި ދެ ޤައުމުގެ ނޭޓޯ މެންބަރުކަމާ ބެހޭގޮތުން އެއްބަސްވެވޭނީ ތުރްކީން އެދޭއެދުންތަކަށް އިޖާބަދިނުމުންނެވެ. ނޭޓޯގައި ބައިވެރިވާން އެދޭ ޤައުމުތަކަށް ނޭޓޯއަށް ވަނުމަށް ޓަކައި ދޮރު ހުޅުވައިލެވިފައި އޮންނަން ޖެހޭނެ ކަމަށް އަންކަރާ ވެސް ދެކެއެވެ. ސްވިޑްނާއި ފިންލެންޑްގެ މަސްއަލައާ ބެހޭގޮތުން މަތީ ފެންވަރުތަކުގައި ބަހުސްކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.ތުރްކީން ސްވިޑްނާއި ފިންލެންޑް ނޭޓޯއަށް ވެއްދުމާ ދެކޮޅު ހަދަނީ އެ ދެ ޤައުމުން ޕީކޭކޭ ޖަމާޢަތަށް އެހީވެދޭތީއެވެ. މި ޖަމާޢަތަކީ ތުރްކީއާ ދެކޮޅަށް ހަނގުރާމަކުރާ ނިރުބަވެރި ކުރްދީ ޖަމާއަތެކެވެ.

ސޫރިޔާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޗާވޫސް ވިދާޅުވިގޮތުގައި ސޫރިޔާގެ ހުޅަނގު އުތުރު ސަރަޙައްދުގައި 4.4 މިލިއަން މީހުން ވަރަށް ދަތި ޙާލުގައި އެބަ އުޅެއެވެ. އެމީހުންނަށް އިންސާނީ އަސާސީ އެހީއަށް ބޭނުންވެފައިވާ ކަމަށް ޗާވޫސް ވިދާޅުވިއެވެ.  ސޫރިޔާއަށް ބޭނުންވާ އިންސާނީ އެހީތައް ލިބިދިނުމަށް ޓަކައި ސަލާމަތީ މަޖިލީހުގެ 2585 ވަނަ ޤަރާރު އައުކުރާން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތުރްކީ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި އޭނާ އަޔަރލެންޑާއި ނޯވޭގެ ވަޒީރުންނާއެކު ބަހުސްކުރެއްވި މަސްއަލަތަކުގެ ތެރޭގައި ޔުކްރޭން ހަނގުރާމައާއި ޔުކްރޭނުން ގޮވާން ބޭރުކުރުމުގެ މަސްއަލައާއި ފަލަސްޠީނު މަސްއަލަފަދަ މުހިއްމު މަސްއަލަތައް ހިމެނެއެވެ. އޭގެ އިތުރަށް ވިޔަފާރިއާއި އިޤްތިޞާދީ ގުޅުންތައް ހަރުދަނާކޮށް އިތުރަށް ތަރައްޤީ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *