އިންޑިޔާގައި ވެރިކަންކުރާ ބީޖޭޕީ ޕާޓީގެ ބައެއް މަސްއޫލުވެރީން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަޔާންތަކެއް ދިނުމުން އެކަން ކުށްވެރިކޮށް އިސްލާމީ ޤައުމުތަކުގައި ބޮޑެތި މުޒާހަރާތަކެއް ބާއްވައިފިއެވެ.
މާތްވެގެންވާ ޤުދުސުގައި އިއްޔެގެ ހުކުރުނަމާދަށް ފަހު އަޤްޞާ މިސްކިތުގެ ގޯތިތެރޭގައި ކީރިތި ރަސޫލާއަށް ނަޞްރުދީ މުޒާހަރާއެއް ބޭއްވިއެވެ. މި މުޒާހަރާގައި ބައިވެރިވި މީހުން އިންޑިޔާގެ މި މަސްއޫލުވެރީން ޝަރީއަތް ހުށައަޅައި އަދަބު ދިނުމަށް ގޮވައިލިއެވެ.
މީގެ އިތުރަށް އިންޑިޔާގެ ބޮޑެތި ސަހަރުތަކުގައި މުސްލިމުން ބޮޑެތި މުޒާހަރާތަކެއް އިއްޔެ ބޭއްވިއެވެ. އަލްޖަޒީރާއާއި ދުނިޔޭގެ ބޮޑެތި ނޫސް އޭޖެންސީތައް ބުނާގޮތުގައި އިންޑިޔާގެ ވެރިރަށް ނިވްދިއްލީއާއި މުމްބާއީއާއި އުއްތަރުޕަރްދޭޝާއި އަޙްމަދު އާބާދާއި ފީރޯޒު އާބާދުގައި ބޭއްވުނު މި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. މި މުޒާހަރާތައް މައިތިރި ކުރެވުނީ އިންޑިޔާ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާ ދެކޮޅުހަދާ މުޒާހަރާ ބޭއްވި ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް ވެއެވެ. ވެރިރަށް ޑާކާގައި ބޭއްވި މުޒާހަރާގައި އިންޑިޔާއިން އެ ޤައުމުގެ މުސްލިމުންނާ ދެކޮޅަށް ބިޖޭޕީން ގެންގުޅޭ ސިޔާސަތު ވެސް ކުށްވެރި ކުރިއެވެ. ޑާކާގައި މުޒާހަރާގައި ބައިވެރި މީހުން އިންޑިޔާގެ މަސްއޫލުވެރީންގެ ތެރެއިން ކީރިތި ރަސޫލާއަށް މަލާމާތްކޮށް ފުރައްސާރަ ކުރި މީހުން ޝަރީޢަތަށް ގެންދިޔުމަށް ވެސް ގޮވައިލައިފައި ވެއެވެ.
އިއްޔެ ޑާކާގައި "ޙާފިޡަތުލް އިސްލާމީ" ޖަމާޢަތުން ބޭއްވި މުޒާހަރާގައި އެ ކަން ކުށްވެރިކޮށް އިންޑިޔާގެ ރަސްމީ ފަރާތްތަކަށް ބަންގްލާދޭޝް ސަރުކާރުން ރަސްމީ ބަޔާނެއް ފޮނުވުމަށް ގޮވައިލިއެވެ. ޙާފިޡަތުލް އިސްލާމީ ޖަމާޢަތަކީ ބަންގްލަދޭޝްގެ ސިޔާސީ ނޫން އިސްލާމީ އެންމެ ބޮޑު ޖަމްޢިއްޔާއެވެ.
ޕާކިސްތާނުގެ ލާހޯރާއި ޕިޝާވަރާއި ކަރާޗީއާއި ރާވަލްޕިންޑީގައި ވެސް އިއްޔެ ބީޖޭޕީއާ ދެކޮޅަށް މުޒާހަރާތައް ބޭއްވިއެވެ. މި މުޒާހަރާތަކުގައި ކީރިތި ރަސޫލާއާށް ފުރައްސާރަކުރިކުރުން ކުށްވެރިކޮށް ލިޔުންތައް އުފުލައިފައި ވެއެވެ.

ހަމަ މި މޭރުމުން އިންޑޮނޭޝިޔާގައި އިންޑިޔާ އެންބެސީ ކުރިމަތީގައި ވަރަށް ބޮޑު މުޒާހަރާއެއް އިއްޔެ ބޭއްވިއެވެ. ބީޖޭޕީ ޕާޓީގެ ބައެއް މަސްއޫލުވެރީން ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ކުރުމަކީ މުސްލިމުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބުނެ އެ ޢަމަލު ކުށްވެރިކުރިއެވެ. ބީޖޭޕީގެ މި މަސްއޫލުވެރީން މި ކުރި ފުރައްސާރަ ކުށްވެރިކުރުމަށާއި ރަސްމީކޮށް އިންޑިޔާއިން އެކަމަށް މާފަށް އެދެންޖެހޭނެ ކަމަށް މި މުޒާހަރާގެ ބައިވެރީން ގޮވައިލިއެވެ.
އަނެއްކޮޅުން ބަލާއިރު އިންޑޮނޭޝިޔާގެ އަޗޭ ސަރަޙައްދުގައި ބޭއްވި ވިޔަފާރިވެރީންގެ ބައްދަލުވުމަކަށް އިންޑިޔާ ސަފީރު ވަޑައިގަތުމުން އެ ސަރަޙައްދުން ބޭރަށް ވަޑައިގަތުމަށް އަޗޭގެ ގަވަރުނަރު އޭނާއަށް ދެންނެވި ކަމަށް ޖަޒީރާއިން ބުންޏެވެ. އެ ސަރަހައްދުގައި އިންޑިޔާއަށް ވުނަކުރުމުގެ އެއްވެސް މަޝްރޫޢެއް ނުހިންގޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އިންޑިޔާގައި ވެރިކަންކުރާ ބީޖޭޕީ ޕާޓީގެ ރަސްމީ ތަރްޖަމާނު ނޫޕޫރު ޝަރްމާއާއި އެ ޕާޓީގެ މީޑިޔާގެ ޔުނިޓްގެ ރައީސް ނަވީން ކުމާރު މި ދިޔަ ހަފުތާގައި ކީރިތި ރަސޫލާއާއި އެކަލޭގެފާނު ޠާހިރު އަނބިކަނބަލެއް ކަމުގައިވާ ޢާއިޝަތުގެފާނާ ބެހޭގޮތުން ވަނީ ޙަޤީޤަތެއް ނެތް ބަދުބަސްތައް ބުނެ ހަޖޫކިޔާ ފުރައްސާރަކޮށްފައެވެ. މި ޙާދިސާ ވަނީ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިންނާއި ސުޢޫދިޔާއާއި މިޞްރާއި ޢުމާނާއި ކުވައިތާއި ޤަޠަރުފަދަ އިސްލާމީ ޤައުމުތަކުން ކުށްވެރިކޮށްފައެވެ. އަދި ބައެއް ޤައުމުތަކުގައި ވަނީ އެ ޤައުމުތަކުގައި ތިއްބަވާ އިންޑިޔާގެ ސަފީރުން ޚާރިޖީ ވުޒާރާއަށް ގެންގޮސް އިޙްތިހާޖުގެ ނޯޓުތައް ޙަވާލުކޮށްފައެވެ.



advertisment