Support Us

ޗައިނާ– ރަޝިޔާ ގުޅުން ދައުރު ބަދަލުވަނީ!

ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޗައިނާ– ރަޝިޔާ ގުޅުމުގެ ދައުރަށް ބަދަލު އަންނަމުންދާ ކަމަށް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާން ފަށްޓަވައިފިއެވެ. މި ގުޅުން ފެށުނުއިރު ރަޝިޔާއަކީ ޗައިނާގެ އެންމެ ބޮޑު ބައިވެރިޔާއެވެ. މަތީގައި އޮތީ މޮސްކޯގެ އަތެވެ. އެހެނަސް މި ދައުރު މިއަދު ބަދަލުވެއްޖެ ކަމަށް ފެނެއެވެ.

އެމެރިކާގެ ޕޮލިޓިކޯ މަޖައްލާގެ ރިޕޯޓެއް ބުނާގޮތުގައި 1949ވަނަ އަހަރުގެ ފިނިމޫސުމުގައި ޗައިނާގެ ޒަޢީމު މައޮ ޓްސީ ޓޮންގް ރަޝިޔާގެ ޒަޢީމު ޖޯޒިފް ސްޓާލިންގެ އަރިހަށް ޒިޔާރަތް ކުރެއްވިއިރު ރައީސް މައޮއަކީ "ފަޤީރު ނިކަމެތި އަޚެކެވެ."
ކޮމްޔުނިސްޓް ދެ ޒަޢީމުންގެ ބައްދަލުވުމުގައި ރަޝިޔާއިން ޗައިނާއަށް ބަރު ހަތިޔާރާއި ޢަސްކަރީ ސާމާނުތައް ވިއްކަވަން ނިންމެވީ ވަރަށް ބޮޑު ފައިދާއަކާ އެކުގައެވެ.ވަރަށް ބޮޑެތި ޝަރްޠުތަކަކާ ވެސް އެކުގައެވެ.

ރަޝިޔާ– ޗައިނާ ގުޅުން ބަދަހި ގުޅުމެއްގެ ގޮތުގައި ދެމިއޮތް ނަމަވެސް ޗައިނާ މީހުން ދުށް ގޮތުގައި ރަޝިޔާއިން ޗައިނާއަށް އިޙްތިރާމުކުރާން ޖެހޭ ގޮތަށް އިޙްތިރާމެއް ނުކުރެއެވެ.
އެ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ނުބައިވާން ފެށީ މިހެންވެގެންނެވެ. ފަސްދޮޅަހުގެ އަހަރުތަކުގެ ކުރީކޮޅުގައި މި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ނުބައިވެ އައިޑިޔަލޮޖީގެ އަރާރުމަކަށް ބަދަލުވީ މިހެންވެގެންނެވެ. ޢަސްކަރީ ބައެއް ކޯޅުންތައް ވެސް ހިނގިއެވެ. އެމެރިކާއާއެކު ގުޅުންތައް ޤާއިމުކުރުމާމެދު ޗައިނާއިން ވިސްނާން ފެށީ މި ހިސާބުންނެވެ.

ހަތް ދަހަރަށް ފަހު ރަޝިޔާ– ޗައިނާ ގުޅުންތައް ވަނީ ރަނގަޅުވާން ފަށައިފައެވެ. ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން ޗައިނާއަށް ވަޑައިގެން ފިނިމޫސުމުގެ އޮލިމްޕިޔާޑްގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ. މި ދަތުރުފުޅުގައި އޭނާ ޗައިނާއާއެކު "ޝަރްޠެއްނެތް ރަޙްމަތްތެރިކަން" އެއް ޤާއިމު ކުރެއްވިއެވެ.

މި އެއްބަސްވުން އޮފުގަދަ ކަމުގައި ފެނުނަސް މި ގުޅުމުގައި މިއަދު ބޮޑު ބައި ކުޅޭ ފަރާތަކީ ޗައިނާކަމަށް ޕޮލިޓިކޯ މަޖައްލާގެ ރިޕޯޓު ބުނެއެވެ.އެއީ ޗައިނާގެ އިޤްތިޞާދު ރަޝިޔާގެ އިޤްތިޞާދަށް ވުރެ ވަރުގަދަކަމުންނެވެ. މިއަދު ޗައިނާގެ އިޤްތިޞާދަކީ 18 ޓްރިލިޔަން ޑޮލަރެވެ.މިއީ ރަޝިޔާގެ އިޤްތިޞާދަށް ވުރެ 10 މިންވަރު ބޮޑު އިޤްތިޞާދެކެވެ. މީގެއިތުރަށް ހުރިހާ ވަރުގަދަ ގަނޑުތަކެއް ހުރީ ޗައިނާ އަތުގައި ކަމަށް ވެސް ދާރިސުން ވިދާޅުވެއެވެ. ރަޝިޔާގެ "ބޭބެއަށް" އެއްޗެއް ބޭނުންވާ އިރު ޝަރްޠުތައް ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ ޗައިނާއަށެވެ.

ޕޫޓިނަށް ހަތިޔާރުން ޝީ ބާރު ނުދެއްވާނެ

ޔުކްރޭން މަސްއަލައިގައި ޗައިނާއިން ދަނީ ފާޅުގައި ރަޝިޔާއަށް ސިޔާސީ އެއްބާރުލުން ދެމުންނެވެ. ދާރިސުން ވިދާޅުވާ ގޮތުގައި ރައީސް ޝީ އަކީ ރައީސް ޕޫޓިންގެ ޝަޚްޞިއްޔަތާ ވަރަށް ގަޔާވެވަޑައިގަންނަވާ ބޭފުޅެކެވެ. Stimson Center ގެ ޑިރެކްޓަރު ޔޮން ސޮން ވިދާޅޫވާ ގޮތުގައި އެއީ "ނަފްސާނީ ގޮތުން ޝީގެ ޝަޚްޞިއްޔާތުގައި އޮންނަ ބިރެކެވެ." އެހެނަސް ޗައިނާއިން ހުޅަނގަށް ކަށަވަރުކޮށްދެމުންދާ ގޮތުގައި އެ ޤައުމުން ރަޝިޔާއަށް ހަތިޔާރާއި މަތިންދާބޯޓުގެ ބައިތަކެއް ނުވިއްކާނެއެވެ. މީޑީޔާ ރިޕޯޓްތައް ބުނާގޮތުގައި ބިމުން ޖައްވަށް ފޮނުވާ މިސައިލާއި ، ޑްރޯނާއި، ޖާސޫސީ އާލާތްތަކާއި، އާޓިލަރީ އުޅަނދުތައް ޗައިނާ އަތުން ގަންނާން ރަޝިޔާ އެދެއެވެ. އެހެނަސް ބޭޖިންގުން މި ކަމަށް އިޖާބަ ނުދޭނެކަން އެމެރިކާއަށް އެނގެއެވެ. އެއީ ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ޢުޤޫބާތްތަކުގައި ޗައިނާ ޝިކާރަވެގެންދާން ބޭނުން ނުވާތީއެވެ. މިހެންވެ ޗައިނާއިން ވަނީ ރަޝިޔާއެކު އޮންނަ ގުޅުންތައް ވަކި އިމެއްގެ ތެރޭގައި ހިފަހައްޓައިފައެވެ.

ޗައިނާއިން ދޭ ވާގިވެރިކަމަށް ބޮޑު އަގެއް ނަގާނެތަ!

މީޑިޔާ ދިރާސާތައް ބުނާގޮތުގައި ޕޫޓިން ކަންބޮޑުވެ ވަޑައިގަންނަވާ އެއްކަމަކީ ޗައިނާއިން މޮސްކޯއަށް ދޭ ވާގިވެރިކަމަށް ބޮޑު އަގެއް ނަގައިފާނެތީއެވެ. އެޓްލާންޓިކް ކައުންސިލްގެ އިސްތިރާތީޖީއާއި އަމްނާ ބެހޭ ސްކޯކްރާފްޓް މަރްކަޒުގެ ޑިރެކްޓަރު މެތިޔޯ ކްރޮނޭގް ވިދާޅުވާ ގޮތުގައި ޗައިނާ- ރަޝިޔާ ގުޅުމުގައި ބާރުގަދަ ފަރާތަކީ ޗައިނާއެވެ. ފިނިހަނގުރާމައިގެ ދުވަސްވަރުގެ ޙާލަތު މިހާރު ވަނީ ބަދަލުވެފައެވެ. ޕޫޓިން ކަންބޮޑުވެ ވަޑައިގަންނަވަނީ މިކަމާ ހެދިއެވެ. ސޮވިއެޓް ޔުނިއަންގެ ޒަމާނުގައި އޮތް އައިޑިޔަލޮޖީއާއި އިޤްތިޞާދީ ބާރު މިއަދު ރަޝިޔާގެ ކިބައިގައެއް ނެތެވެ. އެ ބާރު މިއަދު އޮތީ ޗައިނާ އަތުގައެވެ. އެހެންކަމުން މޮސްކޮއަށް ލިބިފައިވާ ޚިޔާރުތައް ވަރަށް ކުޑައެވެ.

ހެޔޮ އަގުގައި ތެޔޮ ގަތުން

ހުޅަނގުން ރަޝިޔާގެ ތެލާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއަށް މިއަދު ވަނީ ބޭޖިންގްގެ އެހީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. ހުޅަނގުގެ މި ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ ބަޖެޓުގައި ވަރަށް ބޮޑު ހޮޔެއް ހެދެމުންދާތީއެވެ. މި ހޮޔި ބެއްދުމަށް ޓަކައި ޗައިނާއަށް ތެޔޮވިއްކަން ޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މި އަހަރުގެ މޭ މަހު ވަނީ ރަޝިޔާއިން ޗައިނާއަށް ވިއްކި ތެލުގެ މިންވަރު ދުވާލަކު 1.14 މިލިއަން ފީފާއަށް އިތުރުވެފައެވެ. 2021 ވަނައަހަރު ޗައިނާއަށް ވިއްކައިފައި ވަނީ ދުވާލަކު 800 ހާސް ފީފާގެ ތެލެވެ. ދިރާސާތައް ބުނާ ގޮތުގައި ރަޝިޔާއިން ޗައިނާއަށް ތެޔޮ ވިއްކަމުންދަނީ ނިސްބަތުން ވަރަށް ކުޑަ އަގެއްގައެވެ. ރަޝިޔާއިން ހުޅަނގު ޔޫރަޕްގެ ޤައުމުތަކަށް ދުވާލަކު 2.4 މިލިއަން ފީފާގެ ތެޔޮ ވިއްކަމުންގޮސްފައިވާތީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ ތާނގީތަކުގައި ތެޔޮތަކެއް ނުވިކި އެބަ ހުއްޓެވެ. ޗައިނާއަށްބަލާއިރު އެެ ޤައުމަށް ދުވާލަކު 10 މިލިޔަން ފީފާގެ ތެޔޮ ބޭނުންވާތީ ރަޝިޔާގެ ތާނގީތަކަށް ޖަމާވާ ތެޔޮތައް ޗައިނާއިން ގަތުމަށް ކުރިމަތިލާނެ ކަމަށް ދާރިސުން ވިދާޅުވެއެވެ. ޚާއްޞަކޮށް ޝަންހައިފަދަ ބޮޑެތި ސަހަރުތައް ހުޅުވައިލައި ޗައިނާގެ ކާރުޚާނާތައް 24 ގަޑިއިރު މަސައްކަތް ކުރާން ފެށުމުން ޗައިނާއިން ރަޝިޔާގެ ތެޔޮ ގަންނާން ފަށާނެއެވެ.

ރަޝިޔާގެ ގޭސް

ރައީސް ޕޫޓިން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޝީއާއެކު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ތެރޭގައި ރަޝިޔާއިން ގަންނަ ގޭސް އިތުރުކުރުމާ ބެހޭ އެއްބަސްވުމެއް ވެއެވެ. މި އެއްބަސްވުމުގެ ދަށުން ރަޝިޔާ އަތުން އަހަރަކު ގަންނަ ގޭސް 4.1 ބިލިއަން ކޮޑިމީޓަރުން 48 ބިލިއަން ކޮޑި މީޓަރަށް އިތުރުވެގެންދާނެއެވެ. ރަޝިޔާއިން ރާވަމުންދަނީ މި ގޭސް ޗައިނާއަށް ނަޤްލުކޮށްދިނުމަށް ޓަކައި "ސައިބީރިޔާ 2″ ގޭސް ހޮޅި މަޝްރޫޢު ދިގު ކޮށް ފުޅައު ކުރުމަށެވެ.

މިހާތަނަށް ބަލާއިރު ޗައިނާ ރަޝިޔާ އަތުން ތެޔޮގަންނާތީ ހުޅަނގުންނާއި އެމެރިކާއިން ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އަދިއެއް ނާޅައެވެ. އެފަދަ ފިޔަވަޅެއް އަޅާން ނިންމައިފިނަމަ ރަޝިޔާ އަތުން ތެޔޮ ގަތުމުގެ މަސްއަލައާ މެދު ޗައިނާ ވިސްނާނެކަން ކަށަވަރެވެ. އީރާނުން ތެޔޮގަންނާން ފެށުމުން އެމެރިކާއިން ވަނީ ޗައިނާއަށް ދަތިކުރުންތަކެއް ކުރިމަތިކޮށްފައެވެ.

އިންޑިޔާއަށް ހަތިޔާރު ވިއްކުން ގައިދު ކުރާނެބާ!

އިންޑިޔާއަކީ ޗައިނާގެ ހަތުރުވެރި ޤައުމެކެވެ. މި ހަތުރުވެރިކަމުގެ ސަބަބުން ސަރަޙައްދީ ކޯޅުންތައް ހިނގައިފައި ވެއެވެ. އިންޑިޔާއަކީ ރަޝިޔާގެ ޒަމާންވީ ރަޙްމަތްތެރި ޤައުމެކެވެ.ރަޝިޔާގެ ހަތިޔާރުގެ އެންމެ ބޮޑު އެއް ބާޒާރަކީ އިންޑިޔާއެވެ. Stockholm International Peace Research Institute. ބުނާގޮތުގައި ހަތިޔާރު ވިއްކުމުގެ މަސްއަލައިގައި ރަޝިޔާގެ ސިޔާސަތަކީ ވަރަށް ހަރުކަށި ސިޔާސަތެކެވެ. ހަތިޔާރު ވިއްކުމުގައި މިވެނި ޤައުމަކަށް ހަތިޔާރު ވިއްކާށޭ އެވެނި ޤައުމަކަށް ހަތިޔާރު ނުވިއްކާށޭ ބުނުމުގެ އިޚްތިޔާރު އެއްވެސް ޤައުމަކަށް ލިބިގެން ނުވާކަމަށް ރަޝިޔާއިން ބުނެއެވެ.

ޗައިނާ – ރަޝިޔާ ގުޅުމަށް ބޮޑު އިންޤިލާބެއް؟

ސޮވިއެޓް ޔުނިއަނާ ޗައިނާއާ ދެމެދުގައި އޮތް ގުޅުންތަކަކީ ތަފާތު ޒަމާންތަކުގައި ތަފާތު ޙާލަތުތަކަށް ހުށައެޅި ފުރޮޅިގެންގޮސްފައިވާ ގުޅުންތަކެކެވެ. ހަރުދަނާވެ ވަރުގަދަވުމަށްފަހު ނިކަމެތިވެ ކަމީނާވިއެވެ. އެއަށްފަހު އަލުން ގުޅުންތައް ރަނގަޅުވެފައިވާތީ ފެނެއެވެ.ޖޯޒިފް ޓޮރިގިޔާން އޭނާ ލިޔުއްވި މަޝްހޫރު ފޮތް Prestige, Manipulation, and Coercion ގައި ވިދާޅުވެފައިވާ ގޮތުގައި ފަންސާހުގެ އަހަރުތަކުގައި ޗައިނާ އޮތީ ކުޑަ ބައިވެރިއެއްގެ ގޮތުގައެވެ. ސްޓާލިންގެ ޒަމާނުގައި ކޮމްޔުނިސްޓް ޙަރަކާތުގެ އެންމެ ބޮޑު އެދުރަކީ އޭނާއެވެ. ސްޓާލިނަށް ފަހު ރަޝިޔާގެ ވެރިކަމަށް ވަޑައިގަތީ ޚުރްޝޯވެވެ. ޗައިނާގެ ޒަޢީމު މާއޮ ދެކެވަޑައިގެންނެވި ގޮތުގައި ޚުރްޝޯވަކީ ކޮމްޔުނިސްޓް އައިޑިޔަލޮޖީއާ ބީރަށްޓެހި އެ އައިޑިޔަލޮޖީ ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ޗައިނާގެ ޒަމާނީ އިޤްތިޞާދުގެ ބާނީ ޑޮން ޝައޮ ޕިންގް ސޮވިއެޓް ޔުނިއަންގެ އެންމެ ފަހުގެ ޒައީމު ގަރްބަޗޯވާ ބައްދަލު ކުރެއްވުމަށްފަހު ވިދާޅުވިގޮތުގައި "ގަރްބަޗޯވަކީ ހުރިހާ މީޔާރަކުން ބެއްޔަސް ގަބު މީހެކެވެ."

ޝީ ރަޝިޔާގެ ޒަޢީމު ޕޫޓިންގެ ސިޔާސަތާ ދެކޮޅެއް ނަހައްދަވާ
ރަޝިޔާ – ޗައިނާ ގުޅުމަށް ބަލާއިރު މިއަދުގެ ޒަޢީމުން ޝީޖިންގް ޕިންގާ ޕޫޓިނާ ދެމެދުގައިވާ ޝަޚްޞީ ގުޅުމަކީ ކުރީގެ ބޭފުޅުންގެ ގުޅުންތަކަށްވުރެ ހަރުދަނާ ގުޅުމެކެވެ. އެއިން ކޮންމެ ބޭފުޅަކަށް ވެސް ކުރިމަގާމެދު ޚާއްޞަ ސިޔާސަތެއް ލިބިވަޑައިގެންފައި ވެއެވެ.
ޝީ އިސްކަން ދެއްވަނީ ރިޔާސީ ތިންވަނަ ދައުރަކަށެވެ. ޗައިނާ މިހާރަށްވުރެ ފާގަތިކުރެއްވުމަށެވެ. އިޤްތިޞާދު ބިޔަކުރައްވައި އެމެރިކާ ފަހަތަށް ޖައްސައި ޗައިނާއަށް ދުނިޔޭގެ އިޤްތިޞާދީ ތަޚުތު ހޯއްދަވާދެއްވުމަށެވެ. އެހެންކަމުން ޗައިނާއާ ދެކޮޅަށް ފިޔަވަޅެއް އެޅޭނެ ފުރްޞަތު އެމެރިކާއަށް ނުދެއްވުމަށް ޝީގެ އިސްތިރާތީޖީގައި ވެއެވެ.

ޕޫޓިނަށް ބަލާއިރު އޭނާއާ ކުރިމަތިވެ ވަޑައިގެންފައިވާ ބުރަކަމުގައި ކުރިއަށް ވަޑައިގަތުމަށް ޓަކައި އޭނާއަށް ބައިވެރީން ބޭނުންފުޅު ވެއެވެ. ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި ޔުކްރޭންގެ މަސްއަލައަކީ އޭނާއަށް "ނާރެހީ" މަސްއަލައެކެވެ. އޭނާގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި މި ކަމުގައި ކާމިޔާބު ލިބިވަޑައިގަންނަވަން ޖެހޭނެއެވެ. ރަޝިޔާގެ ދާޚިލީ ކަންތައްތަކާ ނުބެހޭނެނަމަ ކޮންމެ ޤައުމަކާއެކުގައި ވެސް ގުޅުންތައް ދެމެހެއްޓުމަށް ޕޫޓިން ސަމާލުކަން ދެއްވާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *