އިސްރާއީލުން އީރާނާދެކޮޅަށް އެއްވެސް ކަތި ފިޔަވަޅެއް އަޅައިފިނަމަ ތައްލު އަބީބާއި ޙައިފާ ފުނޑުފުނޑުކޮށް ބިމާހަމަކޮށްލާނެ ކަމުގެ އިންޒާރު އީރާނުގެ އެއްގަމު ސިފައިންގެ ބާރުތަކުގެ ވެރިޔާ ޙައިދަރީ މިއަދު ދެއްވައިފިއެވެ.
އީރާނުގެ ތަސްނީމު ނޫސް އޭޖެންސީ ބުނާގޮތުގައި ޙައިދަރީ މި އިންޒާރު ދެއްވަމުން ވިދާޅުވިއެވެ. "އެންމެ އިސް މުރްޝިދު އަމުރު ކުރައްވައިފިނަމަ އަހުރެމެން އިސްރާއީލުގެ ތައްލު އަބީބު ސަހަރާއި ޙައިފާ ސަހަރު ބިމަށް ހަމަކޮށްލާނަމެވެ. އިސްރާއީލުން އަޅައި މޮޔަ ކޮންމެ ފިޔަވަޅަކަށް ރައްދު ދިނުމުގެ ޢަސްކަރީ ޤާބިލުކަމާއި ތައްޔާރީކަން އަހުރެމެންގެ ކިބައިގައި އެބަ ހުއްޓެވެ."
އީރާނުގެ ޢަސްކަރީ ކޮމާންޑަރު މި އިންޒާރުދެއްވި މި ދުވަސްވަރަކީ އީރާނުގެ ނިޔުކްލިޔަރ ފައިލާ ބެހޭ ވާހަކަދެއްކުންތައް ކައްސައިލައިގެން ވެއްޓި ނުތެދުވެވިފައިވާ ދުވަސްވަރެކެވެ. އަދި މި ދުވަސްވަރަކީ އިސްރާއީލުން އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑައި ހައްދުފަހަނަޅައިފައިވާ ޔަހޫދީން އެ މިސްކިތަށް ވައްދައި އެ މިސްކިތުގެ ޠާހިރުކަން ނަޖިސްކުރަމުންދިޔުގެ ސަބަބުން މަސްރަޙު ނުތަނަވަސްވެ ހޫނުވެފައިވާ ދުވަސްވަރެކެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން ކަށަވަރުކޮށްދެއްވާ ގޮތުގައި "ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތަކަށް އީރާނުން ވާގިވެރިވާނެއެވެ. ކިތަންމެ ބައިވަރު ފިއްތުންތަކެއް އެކި ދިމަދިމާއިން އީރާނާ ކުރިމަތި ކުރިއަސް އަހުރެމެންގެ ސާބިތު އުޞޫލުތަކުގައި ގަދަ ޢަޒްމާއެކު ހިފަހައްޓާނޫއެވެ."
އީރާނުގެ ޚާރިޖީ ވަޒީރު މި ބަޔާން ދެއްވީ އިމާމު ޚުމައިނީ އަވަހާރަވުމުގެ ޒިކުރާ އައުކުރުމަށް ޓަކައި ޠަހަރާނުގައި ބޭއްވި ރަސްމީ އިޙްތިފާލުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޢަބްދުﷲޔާން ވިދާޅުވިއެވެ. "އީރާނުން ބާއްވަމުންދާ ވާހަކަދެއްކުންތަކުގައި އީރާނުގެ ރައްޔިތުންގެ ޙައްޤުތަކުން ޠަހަރާން އެއްކިބާއެއް ނުވާނެއެވެ. ފަލަސްޠީނުގެ މަސްއަލައިގެ މަތީން އަހުރެމެން ހަނދާން ނައްތައެއް ނުލާނަމެވެ. އަދި ކިއެއްހެއްޔެވެ؟ ފަލަސްޠީނު މީހުން މިނިވަންކަން ހޯދުމަށް ޓަކައި ކުރާ ޖިހާދަށް ތާއީދުކުރުމާއި ވާގިވެރިވުން އަހުރެމެން ހުއްޓައިނުލައި ކުރިއަށް ގެންދާނަމެވެ."
އޭނާ ވިދާޅުވި ގޮތުގައި އިމާމު ޚުމައިނީގެ މަދުރަސާގައި ފަލަސްޠީނު މަސްއަލައަށާއި މާތް ޤުދުސަށް ލިބިފައިވާ މަތިވެރި މަޤާމު އަހުރެމެން ދަމަހައްޓާނަމެވެ. އިމާމު ޚުމައިނީ ވިދާޅުވެފައިވާ ގޮތުގައި ފަލަސްޠީނުގެ މަސްއަލައަކީ އިސްލާމީ ދުނިޔޭގެ އެންމެ އިސް މަސްއަލައެވެ.
އޭނާ ވިދާޅުވި ގޮތުގައި އިމާމު ޚާމަނައީގެ މަންހަޖަކީ އިމާމު ޚުމައިނީގެ މަންހަޖެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި ބައެއް ޢަރަބި ޤައުމުތަކުން އިސްރާއީލާއެކު ގުޅުން ޠަބީޢީ ކުރަމުންދާދިޔުމަކީ ޚިޔާނަތެކެވެ.އޭނާ ވިދާޅުވި ގޮތުގައި "މި ޤައުމުތަކުން އެކަމާމެދު ދެރަވެ ހިތާމަކުރާނެ ދުވަހެއް އަންނާނެއެވެ."
.



advertisment