އިންޑިޔާގައި ވެރިކަންކުރާ ބީޖޭޕީ ޕާޓީގެ ތަރްޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދިން ބަޔާން އިސްލާމީ ޤައުމުތަކުންނާއި ޢަރަބި ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ އެތައް މުއައްސަސާތަކަކުން ކުށްވެރިކޮށް ބަޔާންތައް ނެރުމުން އިންޑިޔާ ސަރުކާރުން "އެއީ އެއްވެސް ބަހަނާއެއް އޮތް ކަމެއް ނޫން ކަމަށް" ބުނެ އެކަމާ ދެކޮޅަށް ފާޑުކިޔައިފިއެވެ.
އިންޑިޔާއިން މިކަމާ ދެކޮޅަށް ފާޑު ކިޔާފައި ވަނީ އިންޑިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ދިން ނޫސް ބަޔާނެއްގައި ކަމަށް ރޮއިޓަރޒް ފަދަ ބައިނަލްއަޤްވާމީ ނޫސް އޭޖެންސީތައް ބުންޏެވެ. ކީރިތި ރަސޫލާ ﷺ އަށާއި އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝަތުގެފާނާ ބެހޭގޮތުން ބީޖޭޕީގެ ތަރްޖަމާނު ފުރައްސާރަކޮށް ހަޖޫ ކިޔުމުން އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން (އޯއައިސީ އިން) އެ ކަން ކުށްވެރިކުރީ މި ޖަމްޢިއްޔާއިން ޖޫން ފަހެއްގައި ނެރުނު ބަޔާނުގައެވެ. މި ބަޔާނުގައި އިންޑިޔާގައި ވެރިކަން ކުރާ ޕާޓީގެ ތަރްޖަމާނު ކީރިތި ރަސޫލާއަށް އިހާނެތި ބަސް ބުނެ އެކަލޭގެފާނުގެ އަނބުރުފުޅަށް އަރައިގެންފައިވާތީ އެ ހަޑިހުތުރު ޢަމަލު ކުށްވެރިކޮށް އެފަދަ ޢަމަލުތަކާ ދުރުހެލިވުމަށް އިންޑިޔާއަށް ގޮވައިލައިފައި ވެއެވެ.
އިންޑިޔާއިން އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއަށް ޙަމަލާދިނުން
އިންޑިޔާ ސަރުކާރުގެ މަސްއޫލުވެރިޔާ ބުންޏެވެ. "އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ބަޔާނަކީ އެއްވެސް ބަހަނާއެއް ނެތް ބަޔާނެކެވެ." އޭނާ ސިފަކުރި ގޮތުގައި އެއީ "ވަރަށް އުދަރެސް ހަނި" ބަޔާނެކެވެ. އޭނާ ބުންޏެވެ. "އިންޑިޔާ ސަރުކާރުން އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ބަޔާނާ ކަނޑައެޅިގެން ދެކޮޅު ހަދައެވެ." އޭނާ ބުނިގޮތުގައި "އިންޑިޔާއަކީ ހުރިހާ ދީންތަކަކަށް ވަރަށް ބޮޑަށް އިޙްތިރާމުކުރާ ޤައުމެކެވެ."
އިންޑިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ބުންޏެވެ. "ދީނީ ޝަޚްޞިއްޔަތަކަށް އިހާނެތިވާ ފަދަ ގޮތަކަށް "ވާހަކަދައްކައިފައިވަނީ ވަކި ބަޔެކެވެ. އެމީހުންގެ ވާހަކަތަކަކީ އެއްވެސް ޙާލެއްގައި އިންޑިޔާ ސަރުކާރުގެ ރައުޔެއް ނޫނެވެ." އޭނާ ބުންޏެވެ. "އެމީހުންނާ ދެކޮޅަށް މިހާރު ވަނީ ފިޔަވަޅު އަޅައިފައެވެ." އޭނާ ތުހްމަތު ކުރިގޮތުގައި އިސްލާމީ ޖަމްޢިއްޔާއިން ނެރެފައިވާ ބަޔާނަކީ "ފުރެދުންތެރި ބަހާތަކެއްގެ" ސަބަބުން ނެރެފައިވާ ބަޔާނެކެވެ. ހުރިހާ ދީންތަކަކަށް ފުރިހަމައަށް އިޙްތިރާމު ކުރުމަށް އޭނާ އިސްލާމީ ޖަމްޢިއްޔާގެ އިދާރާއަށް ގޮވައިލިއެވެ.
ރަސޫލާއަށް ފުރައްސާރަކުރުން ކުށްވެރިކުރުން
އިންޑިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާނު މި ބަޔާން ދިނީ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން އިންޑިޔާގައި ވެރިކަންކުރާ ބީޖޭޕީ ޕާޓީން ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ޠާހިރު އަނބިކަނބަލުން ޢާއިޝަތުގެފާނާ ބެހޭގޮތުން ޙަޤީޤަތެއްނެތް ވާހަކަތަކެއް ދައްކައި އެ ކަލޭގެފާނަށް ފުރައްސާރަކުރި ފުރައްސާރަކުރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރުމުންނެވެ. މި ބަޔާނުގައި އެއީ މުޅި ދުނިޔޭގެ މުސްލިމުންނަށް ކުރި ފުރައްސާރައެއް ކަމަށާއި އެކަން ބަލައިނުގަނެވޭނެކަމަށް ބުނެފައި ވެއެވެ. މި ބަޔާނުގައި އިންޑިޔާގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް އިންޑިޔާ ސަރުކާރުން އަޅަމުންދާ އިހާނެތި ފިޔަވަޅުތައް ހުއްޓުވުމަށް ޓަކައި ލާޒިމު ފިޔަވަޅުތައް އެޅުމަށް އދ އަށާއި އިންސާނާގެ ޙައްޤުތަކާ ބެހޭ މަޖިލީހަށް ގޮވައިލައިފާ ވެއެވެ.
މި މަސްއަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒު ޝަރީފު އިންޑިޔާގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ނަފްރަތްތެރިކަމުގެ ޢަމަލުތައް އިތުރުވަމުން ދާ ކަމަށް ތުހްމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މޯދީގެ ސަރުކާރަކީ ތަކްރާރުކޮށް އިންޑިޔާގެ މުސްލިމުންގެ ދީނީ މިނިވަންކަމަށް އަރައިގަންނަމުންދާ ސަރުކާރެކެވެ.
ބީޖޭޕީ ޕާޓީގެ ތަރްޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާ ވިދިގެން ސުޢޫދީ ޢަރަބިއްޔާއާއި މިޞްރާއި ކުވައިތާއި ޤަޠަރުފަދަ އިސްލާމީ ޤައުމުތަކުން ވަނީ މި ކަން ކުށްވެރިކޮށްފައެވެ. ޤަޠަރާއި ކުވައިތުގައި ތިއްބަވާ އިންޑިޔާ ސަފީރުން ޚާރިޖީ ވުޒާރާއަށް ގެންގޮސް އިޙްތިޖާޖުގެ ނޯޓުތައް ވަނީ ޙަވާލުކޮށްފައެވެ. ޢަރަބި ޤައުމުތަކުގެ ރައްޔިތުން ދަނީ އިންޑިޔާގެ މުދާތައް ބޮއިކަޓް ކުރުމަށް ގޮވައިލަމުންނެވެ.
ރޮއެޓަރޒް ބުނާގޮތުގައި ޤަޠަރާއި ސުޢޫދިއްޔާއާއި ޢުމާނާއި ކުވައިތާއި އިމާރާތާއި އީރާނުފަދަ ޤައުމުތަކާއެކު މިހާރު އުފެދިފައިވާ "ޑިޕްލޮމެޓިކް އަރާރުން" އުފެއްދުމުގައި އިންޑިޔާ ގެ ބައެއް މަސްއޫލުވެރީން ބައިވެރިވެވަޑައިގެންފައި ވެއެވެ. މި ޤައުމުތަކުން އިންޑިޔާ ސަރުކާރަށް ގޮވައިލަމުންދަނީ ރަސްމީކޮށް އެކަމަށް މާފަށް އެދުމަށެވެ.



advertisment