ދުނިޔޭގައި ހިނގަމުންދާ އަރާރުންތައް ޙައްލުކުރުމަށް ޓަކައި ވަސީތު (ދެމެދުގައި ހިނގާނެ ފަރާތް) އަކަށް ވަރަށް ބޮޑަށް ބޭނުންވެފައި ވާތީ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން ވަސީތުކަމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށް އެ ޖަމްޢިއްޔާގެ އަމީން ޢާންމު ޙުސައިން ޠާހާ ވިދާޅުވެއްޖެއެވެ.
ވަސީތުކަމާ ބެހޭ ގޮތުން ބަހުސްކޮށް ދިރާސާކުރުމަށް ޓަކައި މި ޖަމްޢިއްޔާއިން ބާއްވަމުންދާ ހަތަރުވަނަ މަހާ ސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގައި ހިނގަމުންދާ އަރާރުންތަކުގެ 60% އަރާރުންތައް ހިނގައިފައިވަނީ މި ޖަމްޢިއްޔާގެ ޖޯގްރަފީ އިމުގެ ތެރޭގައެވެ.
ޖިއްދާގައި ބޭއްވެމުންދާ މި މަހާ ސިންތާގައި މި ޖަމްޢިއްޔާގެ މެންބަރު ޤައުމުތައް ތަމްސީލު ކުރައްވާ 200 މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޖަމްޢިއްޔާގެ އިތުރަށް އދގެ މުއައްސަސާތަކާއި ރެޑް ކްރެސެންޓާއި ރެޑް ކްރޮސްއާއި ދިރާސާކުރާ މަރްކަޒުތަކާއި މި މައިދާނުގައި މަޝްހޫރު ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބައެއް ޝަޚްޞިއްޔާތުތައް މި މަހާ ސިންތާގައި ބައިވެރިވެ ވަޑައިގަތެވެ.
އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ އަމީންޢާންމު ވިދާޅުވިގޮތުގައި މި ފަދަ އަރާރުންތައް ސުލްޙަވެރިކަމާއެކު ދާއިމީ ގޮތަކަށް ޙައްލުކުރުމަށް ޓަކައި މި ޖަމްޢިއްޔާއިން މަސައްކަތްކުރުމަށް ވަނީ ކަށަވެތިވެއެވެ.
ވަސީތުކުރުމާ ބެހޭގޮތުން މިފަހަރު ބޭއްވެމުންދާ ބައްދަލުވުމުގެ މި ފަހަރުގެ މައި ސުރްޚީއަކީ ((ތަޖްރިބާއާއި އުދަރެސް)) އެވެ. މި މަހާ ސިންތާ ޖިއްދާގައި ބޭއްވެމުންދަނީ ސުޢޫދީ މެހެމާންދާރީގެ ދަށުންނެވެ. ސުޢޫދީ ޢަރަބިއްޔާއަކީ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ 14 ވަނަ ސަމިޓްގެ ރައީސެވެ.
އަމީން ޢާންމު ސާފުކޮށްދެއްވި ގޮތުގައި މި ޖަމްޢިއްޔާގެ ޗާޓަރު ބުނާގޮތުގައި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އޮންނަން ޖެހޭނީ ޢަދްލުވެރިކަމާއި ދޭދޭ ޤައުމުތަކުގެ މެދުގައި ޙިއްސާކުރެވޭ އިޙްތރާމާއި ރަނގަޅު އަވަށްޓެރިކަމުގެ މަތީގައެވެ.އެއީ މަސައްކަތްކޮށްގެން ދުނިޔޭގެ ސުލްޙަމަސަލަސްކަން ޖާމިނުކޮށްދިނުމަށް ޓަކައެވެ. އަރާރުންތައް ޙައްލުކުރުމަށް ޓަކައި ސުލްޙަވެރި ވަސީލަތްތައް ބޭނުންކުރުމަށް އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ޗާޓަރު މެންބަރު ޤައުމުތަކަށް ގޮވައިލާކަން އޭނާ ހާމަކުރެއްވިއެވެ.
އިސްލާމީ ޖަމްޢިއްޔާއިން ވަސީތުކޮށްގެން ޙައްލުކުރެވިފައިވާ ބައެއް އަރާރުންތަކަށް އަމީންޢާންމުގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. އޭގެތެރޭގައި ދެކުނު ފިލިޕީންސްގެ އަރާރުމާއި ދެކުނު ތައިލެންޑްގެ އަރާރުމާއި ސޫދާނާއި ޗާޑާއި އަފްޣާނިސްތާނުގައި ހިނގައިފައިވާ އަރާރުންތައް ފާހަގަކުރެއްވިއެވެ. ޢިރާޤުގެ މަޒްހަބީ އަރާރުން ނިމުމަކަށް ގެނައުމަށް ޓަކައި 2006ގައި މި ޖަމޢިއްޔާއިން ކޮށްފައިވާ މަސައްކަތްތަކަށާއި ސޯމާލިޔާއާއި ގިނީގައި ޤަނޫނީ ސިޔާދަތު އަލުން ޤާއިމުކުރުމަށް ޓަކައި ކޮށްފައިވާ މަސައްކަތްތަކަށްވެސް ބައްލަވައިލެއްވިއެވެ.
އެޕްރީލު 21، 2019 ގައި ސްރީލަންކާގެ ބައެއް ހޮޓާތަކަށާއި ފައްޅިތަކަށް ދެވުނު ޖާނުން ފިދާވުމުގެ ޙަމަލާތަކަކާ ވިދިގެން ސްރީލަންކާގެ ބުޑިސްޓުން އެ ޤައުމުގެ މުސްލިމުންނަށް ދޭންފެށި ނިރުބަވެރި ޙަމަލާތަކުގެ ސަބަބުން އުފެދުނު ނުތަނަވަސް ޙާލަތު ނިމުމަކަށް ގެނައުމަށް ޓަކައި މި ޖަމްޢިއްޔާއިން އަދާކުރި ދައުރަށާއި ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވި މުސްލިމުންގެ ހަށިގަނޑުތައް އަންދާލުމަށް ސްރީލަންކާ ސަރުކާރުން ނިންމި ނިންމުމާ ވިދިގެން އެ ޤައުމުގެ މުސްލިމުންނާ ސަރުކާރާ ދެމެދުގައި ނުތަނަވަސްވެގެންދިޔަ މަސްރަޙު އަލުން ތަނަވަސްކުރުމަށް ޓަކައި މި ޖަމްޢިއްޔާއިން ކުޅެފައިވާ ދައުރާ ބެހޭގޮތުން ވެސް އަމީންޢާންމުގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.



advertisment