Support Us

ކިޔޭވްގެ ޙަޔަވީ އަމާޒުތަކަށް ރަޝިޔާއިން ޙަމަލާދޭން ފަށައިފި

ރޫސީ ޢަސްކަރީ ބާރުތަކުން ކިޔޭވްގެ ރޭލްވޭ ބިނާރުތަކަށް ޙަމަލަދޭން ފަށައިފި ކަމަށް ޔުކްރޭނުން ބުނެފިއެވެ. މިއީ އެޕުރީލުގެ ފަހުން ރަޝިޔާއިން ކިޔޭވަށް ދިން މިފަދަ ފުރަތަމަ ޙަމަލާއެވެ.

ޔުކްރޭންގެ ރޭލްވޭއާ ބެހޭ ޢާންމު ކުންފުނީގެ ވެރިޔާ އޮލަގްޒަންޑަރު ކަމަޝިން ވިދާޅުވި ގޮތުގައި ރަޝިޔާއިން ޙަމަލާދިން ތަންތާނގެ ތެރޭގައި ޑަރުނެޓްސްކްގައި ހުންނަ ރޭލްގެ ބައިތައް އުފައްދާ ކާރުޚާނާ ވެއެވެ. ރަޝިޔާއިން މި ކާރުޚާނާއަށް ޙަމަލާދިނީ މިސައިލުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ޓެލެގްރާމުގައި ވިދާޅުވިގޮތުގައި މި ޙަމަލާގެ ސަބަބުން އެ ކާރުޚާނާގައި މަސައްކަތް ކުރާ މީހަކު ޒަޚަމުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކާރުޚާނާއަކީ ޢަސްކަރީ ސާމާނުތައް އުފައްދާ ތަނެއް ނޫނެވެ. އެހެނަސް އެއީ ގޮވާން އުފުލާ ރޭލުގެ ބައިތައް ހަދާ މަރާމާތު ކުރާ ތަނެކެވެ.

އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ކިޔޭވަށް ރަޝިޔާއިން ދިން ވައިގެ ޙަމަލާތަކުގައި އިރުމަތީ ޔޫރަޕްގެ ބައެއް ޤައުމުތަކުން ޔުކްރޭނަށް ދިން އާޓިލަރީ ހަތިޔާރުތަކެއް ނައްތައިލެވުނެވެ.

ޔުކްރޭން ހަނގުރާމައިގައި ރޭލްވޭ އަކީ ވަރަށް ޙަޔަވީ ދައުރެއް އަދާކުރަމުންދާ ވަސީލަތެކެވެ. ކަޅުކަނޑާ ހަމައަށް ގޮވާމާއި ތެޔޮފަދަ އުފެއްދުންތައް ނަޤްލުކޮށްދެނީ ރޭލުތަކުންނެވެ. އަދި ޔުކްރޭނަށް ހުޅަނގުން ދޭ ހަތިޔާރުތައް ވެސް އުފުލެނީ ރޭލުތަކުގައި މީހުންނާއެކުގައެވެ.

ވައިގެ ޙަމަލާތަކުގެ އަމާޒު

ރަޝިޔާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު އީގޯރު ކޮނަޝިންކޯވް ހާމަކުރެއްވި ގޮތުގައި ކިޔޭވުގެ ރަށްބޭރުގެ އަމާޒުތަކަށް ދިން މިސައިލް ޙަމަލާތަކުން ޓީ–72 މަރުކާގެ އެތައް ޓޭންކުތަކެއް ހަލާކު ކޮށްލެވުނެވެ.މި ޓޭންކްތަކާއި އިރުމަތީ ޔޫރަޕުން ޔުކްރޭނަށް ދީފައިވާ އާޓިލަރީ އެތައް އުޅަނދުތަކެއް ބަހައްޓާފައި ހުރީ  ޔުކްރޭނުގެ ރޭލްވޭގެ ބައިތައް މަރާމާތު ކުރާ މި ކާރުޚާނާގައި ކަމަށް މޮސްކޯއިން ބުންޏެވެ.

ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ޔުކްރޭނުން ވަނީ ރޭލްވޭގެ ބިނާރުތައް ވަށައިގެން އަމާން މަގުތަކެއް ހަދައިފައެވެ. ރަޝިޔާއިން މި ދިން ޙަމަލާގައި 10 ބުރީގެ ޢިމާރާތެއް އެއްކޮށް ފުޑުފުޑުވެގެން ބިމާ ހަމަވިއެވެ.

ޔުކްރޭނުގެ ޢަސްކަރީ ޗީފް އޮފް ސްޓާފްގެ އޮފީހުން އެ އިދާރާގެ ފޭސްބުކުގައި ލިޔެފައިވާ ބަޔާނެއް ބުނާގޮތުގައި ރަޝިޔާއިން ދަނީ އެ ޤައުމުގެ ޢަސްކަރީ އަދި މަދަނީ ބިނާރުތައް ހަލާކު ކުރަމުންނެވެ.މި އިދާރާއިން ބުނާގޮތުގައި ރަޝިޔާއިން މި ދިން މިސައިލް ހަމަލާތައް ދީފައިވަނީ ކެސްޕިއަން ކަނޑުންނެވެ.

މި ދިޔަ މަރިޗު މަސް ނިމުނު ހިސާބުން ރަޝިޔާއިން ވަނީ ކިޔޭވަށް ޙަމަލާތައް ދިނުން ހުއްޓައިލައިފައެވެ. އެއަށްފަހު އދގެ އަމީންޢާންމު ގުޓަރެޝް ޔުކްރޭނަށް ވަޑައިގެން އުޅުއްވަނިކޮށް ރަޝިޔާއިން ކިޔޭވަށް 28 އެޕްރީލުގައި ޙަމަލާއެއް ދިނެވެ. މި ޙަމަލާގެ ސަބަބުން ގުޓަރެޝްއަށާއި ޔުކްރޭންގެ ބައެއް މަސްއޫލުވެރީންނަށް ބިންގަރާހަށް ވަދެވަޑައިގެން ރައްކައުތެރިކަން ހޯއްދަވާން ޖެހިވަޑައިގަތެވެ.

ތުހްމަތުތައް

އަނެއްކޮޅުން ބަލާއިރު ޔުކްރޭނުގައި އޮންނަ ރަޝިޔާއަށް ތާއީދުކުރާ ސަރަހައްދެއް ކަމުގައިވާ ޑޮނެޓްސްކްގައި ވެރިކަންކުރާ ބާރު ބުނާގޮތުގައި ޔުކްރޭނުގެ  ބޮޑުބަޑިތަކުން އެ ސަރަހައްދުގެ ނުވަ ރަށަކަށް ޙަމަލާދީފިއެވެ. ބޮޑުބަޑިން އެ ރަށްތަކުގެ ޢާންމުތަންތަނަށް މި ދިން ޙަމަލާ މި ސަރަޙައްދުގެ ވެރީން ކުށްވެރިކުރެއްވިއެވެ.

އަނެއްކޮޅުން ޔުކްރޭންގެ ޗީފް އޮފް ސްޓާފުގެ އޮފީހުން ބުނާގޮތުގައި ރޫސީ ސިފައިން ސެވެރަޑޮނެސްޓްކް ސަހަރުގެ އިރުމަތީ އަވަށް މިއަދު ހިފައިފިއެވެ. މި އޮފީހުން ބުނާގޮތުގައި ރޫސީ ސިފައިން ދަނީ މި ސަހަރާއި އަވަށްޓެރި ލިސެންޗާންސްކް ހިފުމަށް ޓަކައި އެ ރަށް ޙިޞާރުކުރަމުންނެވެ. ރޫސީ ސިފައިން ބުނާގޮތުގައި ޔުކްރޭން ސިފައިން މިހާރު ދަނީ މި ރަށުން ފައިބަމުންނެވެ.

އަނެއްކޮޅުން ޔުކްރޭނުގެ ދިފާޢީ ވުޒާރާއިން ބުނާގޮތުގައި ޔުކްރޭނުގެ އިރުމަތީ ސަރަޙައްދުގައި އޮންނަ ޚާރުކޭވްގައި ހިނގަމުންދާ ހަނގުރާމަތަކުގައި ރޫސީ ސިފައިން ދަނީ ފޮސްފޯރު ބޮން ބޭނުންކުރަމުންނެވެ.

 ޕޫޓިންގެ އިންޒާރެއް

ވޮޝިންގްޓަނުން ޔުކްރޭނަށް ދުރު ރާސްތާ މިސައިލް ދީފިނަމަ ކުރީން ޙަމަލާނުދޭ ޔުކްރޭނުގެ އެތައް އަމާޒުތަކަކަށް މޮސްކޯއިން ޙަމަލާދޭނެކަމުގެ އިންޒާރު ރޫސީ ރައީސް ޕޫޓިން ދެއްވައިފިއެވެ. ރަޝިޔާގެ މީޑިޔާތަކާ ބައްދަލުކުރައްވަމުން ޕޫޓިން ހާމަކުރެއްވިގޮތުގައި އެމެރިކާއިން ޔުކްރޭނަށް ދުރު ރާސްތާ ބަރު ހަތިޔާރު މި ދެނީ ޔުކްރޭނަށް ލިބެމުންދާ އަސްކަރީ ގެއްލުންތައް ފޫބެއްދޭތޯއެވެ. ޕޫޓިން ވިދާޅުވި ގޮތުގައި އެމެރިކާއިން ދޭ ހަތިޔާރެއްގެ ސަބަބުން ހަނގުރާމައަށް އެއްވެސް ޖައުހަރީ ބަދަލެއް ނާންނާނެއެވެ.

ހަނގުރާމަ ހުއްޓުމަށް ޕޯޕު ގޮވައިލައްވައިފި

ޔުކްރޭން ހަނގުރާމައާ ބެހޭގޮތުން ނަޞާރާދީނުގެ ކެތަލިކް މަޒުހަބުގެ އެންމެ އިސްވެރިޔާ ޕޯޕް ފްރޭންޝިސްކޯ ވެސް ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓަކައި ޙަޤީޤީ ވާހަކަދެއްކުންތަކެއް ފެށުމަށް މިއަދު ގޮވައިލައްވައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ ހޫނުވުމަކީ ނުރައްކާ ބޮޑުވެގެންދާނެ ކަމެކެވެ. ޕޯޕް ވިދާޅުވި ގޮތުގައި އޭނާ މުނާސަބު ވަގުތެއް އައުމުން ޔުކްރޭނަށް ދަތުރުފުޅެއް ކުރައްވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *