ޔަހޫދީ ވަޒަންވެރީންގެ 13 ޖަމާޢާތެއްގެ ބަޔަކު މިއަދު ހެނދުނު އަޤްޞާ މިސްކިތަށް އަނެއްކާ ވެސް ވަދެގަންފިއެވެ. އެ މީހުން އަޤްޞާ މިސްކިތަށް ވަދެގަތީ 1967ގެ ޢަރަބި– އިސްރާއީލު ހަނގުރާމައިގައި އިސްރާއިލަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޓަކައި މި ޙަރަންފުޅުގެ ޙުރްމަތް މިއަދާއި މާދަމާ ކެނޑުމަށް ގޮވައިލިގޮވައިލުމަށް އިޖާބަ ދިނުމަށެވެ. އަޤްޞާ މިސްކިތަށް ވަދެގަން ފަސްސަތޭކައެއްހާ މީހުންނަށް ޙިމާޔަތް ދިނުމަށް ޓަކައި އިސްރާއީލު ފުލުހުން މި މިސްކިތުގެ ޤިބްލީ މުޞައްލާ ހިލިހިލާއިން ބަންދުކޮށް ފަލަސްޠީނު މީހުން މި މިސްކިތަށް ވަނުން މަނާކުރިއެވެ.
"ހައިކަލް ޖަމްޢިއްޔާތައް" ނަމަކަށް ކިޔާ ހަރުކަށި ޔަހޫދީންގެ ޙަރަކާތްތަކުން ޔަހޫދީން އެ ކިޔާ "ބަވާކީރު" ޢީދު ފާހަގަ ކުރާންވެގެން އަޤްޞާ މިސްކިތަށް މިއަދު ވަދެގަނެ މުސްލިމުންނަށް ދުއްތުރާކުރުމަށް ވަނީ ގޮވައިލައިފައެވެ.
މި ދިޔަ ހަފުތާގައި މި ޖަމާޢަތްތަކުން ވަނީ ދިދައިގެ ހިނގައިލުމުގެ ނަމުގައި ފަލަސްޠީނީންނަށް ޖެއްސުންކުރުމުގެ ހިނގައިލުންތަކެއް ބާއްވައިފައެވެ. މި ހިނގައިލުމުގެ ތެރޭގައި 1678 ޔަހޫދީން އަޤްޞާ މިސްކިތަށް ވަދެ މުސްލިމުންނަށް ޖެއްސުންކޮށް މި މިސްކިތުގެ ޙުރްމަތް ކަނޑައިފައި ވެއެވެ. މި ހިނގައިލުމުގެ ތެރޭގައި އިސްރާއީލުން ފަލަސްޠީނުގެ 50 މީހަކު ހައްޔަރު ކުރިއެވެ.
ފަލަސްޠީނު ސަރުކާރުންނާއި ފަލަސްޠީނުގެ ޖިހާދީ ޖަމާޢާތްތަކުން އަޤްޞާ މިސްކިތުގެ ޙުރްމަތް ނުކެނޑުމަށް ދަނީ އިސްރާއީލަށް އިންޒާރުދެމުންނެވެ. އެކަމުގެ ސަބަބުން އައު ކުރިމަތިލުންތަކެއް ފެށިދާނެކަމުގެ ބިރު އެބަ އޮތްކަމަށް މުޙައްލިލުން ދެކެއެވެ.



advertisment