ޢަރަބި މުޖްތަމަޢުތަކުގެ ސަޤާފަތަށާއި ޚުޞޫޞިއްޔަތަށް އިޙްތިރާމު ކުރުމަށާއި އެމީހުންގެ ދީނީ އަގުތަކަށާއި މުޖްތަމަޢީ ސަވާބިތުތަކަށް ޤަދަރުކުރުމަށް ޢަރަބި ޤައުމުތަކުގައި ހުންނަ އެމެރިކާގެ އެންބެސީތަކަށް ޢަރަބި ބަރްލަމާނުން ގޮވައިލައިފިއެވެ.
އަރަބި ބަރްލަމާނުން ބުނިގޮތުގައި އެމީހުން އެހެން މުޖްތަމަޢުތަކުގެ ޚުޞޫޞިއްޔަތަށާއި ސަޤާފަތަށް އިޙްތިރާމު ކުރެއެވެ. އަދި އެއިން އެއްވެސް ކަމަކާ އެމީހުން ނުބެހެއެވެ.
މި ކަމަށް ޢަރަބި ބަރްލަމާނުން މިއަދު ގޮވައިލީ ބައެއް ޢަރަބި ޤައުމުތަކުގައި ހުންނަ އެމެރިކާ އެންބެސީތަކުން އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ ދިދަ ނަގައި އެމީހުންނަށް ތާއީދު ކުރާ ތޫރަތަކާއި ލިޔުންތައް ބަހަމުން ދާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމުންނެވެ. އަރަބި ބަރްލަމާނުން ބުނިގޮތުގައި މި "ހަޑުމުޑުދާރު" ޢަމަލަކީ ޤައުމުތަކުގެ މެދުގައި އޮންނަ ޑިޕްލޮމެޓިކް ގުޅުންތަކުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުތަކާއި ޤަވާޢިދުތަކާއި ޢުރުފާ ފުށުއަރާ ކަންތައްތަކެކެވެ. ޢަރަބި ބަރްލަމާނުން ބުނިގޮތުގައި ޑިޕްލޮމެޓިކް ގުޅުންތަކަކީ ޤައުމުތަކުގެ ދީނީ އަގުތަކަށާއި މުޖްތަމަޢީ ސަޤާފަތްތަކަށް އިޙްތިރާމު ކުރުމުގެ މަތީގައި ޤާއިމުކުރެވިފައި އޮންނަ ގުޅުންތަކެކެވެ. އެއިން އެއްވެސް އަގަކަށް ބޭއިޙްތިރާމު ކުރެވިގެން ނުވާނެއެވެ. އަދި އެ އަގުތައް ފަހަނަޅައިގޮސްގެން ވެސް ނުވާނެއެވެ.
ޢަރަބި ބަރްލަމާނުން ބުނިގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެހެން މީހުންގެ ސަޤާފަތަށާއި ދީނީ އަގުތަކަށް އެއްވެސް ބަޔަކަށް އަރައެއް ނުގަނެވޭނެއެވެ.
މި ޚުޞޫޞިއްޔަތުތަކަށް އިޙްތިރާމު ކުރުމަކީ ހުރިހާ ވަގުތެއްގައި ވެސް އަދި ހުރިހާ ތަނެއްގައި ވެސް އިންސާނާއަށް ލިބިފައިވާ އަސާސީ ޙައްޤެކެވެ. އިންސާނާގެ ޙައްޤުތަކަށް އިޙްތިރާމު ނުކުރާ ގުޅުމެއް ދެމިއެއް ނޯންނާނެއެވެ.



advertisment