Support Us

ޔުކްރޭނުން ގޮވާން ބޭރުކުރުމާ ބެހޭގޮތުން ޕޫޓިން ހުށައަޅުއްވާ ޙައްލެއް

ރޫސީންގެ ބާރުގެ ދަށުގައިވާ ބަނދަރުތައް މެދުވެރިކޮށް ޔުކްރޭނުގެ ގޮވާންތައް ބޭރަށް ފޮނުވިދާނެކަމަށް ރޫސީ ރައީސް ޕޫޓިން އިއްޔެ ހުށައަޅުއްވައިފިއެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ވަރަށް ރަނގަޅު ބަދީލެކެވެ.

ރަޝިޔާގެ ޓީވީ ޗެނެލް "ރަޝިޔާ 24″ އަށް އޭނާ ދެއްވި ބަޔާނެއް ބުނާގޮތުގައި އެ ބަނދަރުތަކަށް ބޯޓުފަހަރަށް ވަދެނުކުމެވޭނެ މަގު ރަޝިޔާއިން ޖާމިނުކޮށްދޭނެއެވެ. އާޒޯފު ކަނޑާއި ކަޅު ކަނޑުގެ ތެރޭގައި ބޭރުގެ ބޯޓުތަކަށް ހުރިހާ ފަރާތަކަށް ދަތުރު ކުރެވޭނެ މަގު ރަޝިޔާއިން ތަނަވަސްކޮށްދޭނެއެވެ.

އެމެރިކާއަށް ޙަމަލާތަކެއް

ކާބޯތަކެތީގެ މަސްއަލައިގެ ޒިންމާ އުފުއްލަންޖެހޭ ފަރާތަކީ އެމެރިކާ ކަމަށް ޕޫޓިން ވިދާޅުވިއެވެ. ޕޫޓިން ވިދާޅުވިއެވެ. "2020ގެ ފެބްރުވަރީން ފެށިގެން 2021 ނިމެންދެން އެމެރިކާއިން ވަނީ 5.9 ޓްރިލިޔަން ޑޮލަރު ޗާޕުކޮށްފައެވެ. މިއީ މީގެ ކުރީން ކޮށްފައިވާ ކަމެއްނޫނެވެ. މިކަމުގެ ސަބަބުން ކާބޯތަކެތީގެ އަގު ބޮޑުވެފައިވާކަން އެމެރިކާގެ ބައެއް މަސްއޫލުވެރީން އެއްބަސްވެވަޑައިގަންނަވައެވެ. ރައީސް ޕޫޓިން ވިދާޅުވިގޮތުގައި ދެވަނަ ކުށަކީ ހަކަތައިގެ ދާއިރާގައި ޔޫރަޕުން އަޅައިފައިވާ ފިޔަވަޅުތަކެވެ.

ޠަބީޢީ ގޭހުގެ އަގު މައްޗަށް ދިޔުމުގެ ސަބަބުން ކާދުގެ އަގު މައްޗަށް ދިޔަކަމަށް ޕޫޓިން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި ކަމަކީ ރަޝިޔާއިން ޑޮންބާސް ސަރަޙައްދުގައި ހިންގަމުންދާ ޢަސްކަރީ މަސައްކަތާ ގުޅުން ހުރި ކަމެއްނޫނެވެ.

ޕޫޓިން ވިދާޅުވިއެވެ. "ރަޝިޔާއާއި ބިލޮރޫސުން އުފައްދާ ކާދުގެ މިންވަރަކީ ދުނިޔޭގެ ބާޒާރުގެ ނިސްބަތުން 45% އެވެ. އަހުރެމެންގެ ކާދު ދުނިޔޭގެ ބާޒާރުން ނުލިބެން ފެށީމާ ކާދުގެ އަގު މައްޗަށް ދިޔުމަކީ ޠަބީޢީ ކަމެކެވެ. މިކަމުގެ ސަބަބުން ކާބޯތަކެތީގެ އަގު ވަގުތުން މައްޗަށް ދިޔައެވެ. ކާދު ނުލިބި ދަނޑުވެރިކަމެއް ނުކުރެވޭނެއެވެ."

ކަބަސްބަކަރިއެއް ހޯދުން   

ޕޫޓިން ވިދާޅުވިގޮތުގައި މިއިން އެއްވެސް ކަމަކާ ރަޝިޔާއަކާ ގުޅުމެއް ނެތެވެ. "އަހުރެމެންގެ ބައިވެރީން މި ވަނީ އެތައް ކުށްތަކަކަށް އަރައިގެންފައެވެ. އެމީހުން އެ ދަނީ މި ކަމުގެ ޒިންމާ އަޅުވާނެ ފަރާތެއް ހޯދަމުންނެވެ. އެމީހުން ދެކޭގޮތުގައި މި ކަމުގައި ކަތިލައިލަން އޮތް އެންމެ ރަނގަޅު ކަބަސްބަކަރިއަކީ ރަޝިޔާއެވެ."

ޕޫޓިން ވިދާޅުވި ގޮތުގައި ޔުކްރޭންގެ ގޮވާން ބޭރުކުރުމަށް އެތައް މަގުތަކެއް އެބަ އޮތެވެ. އެންމެ އަގުހެޔޮ އެންމެ ފަހި މަގަކީ ބިލޮރޫސްކަމަށް ޕޫޓިން ވިދާޅުވިއެވެ. "ބިލޮރޫސް މަގުންލައިފާ ބޯލްޓިކް ކަނޑުގެ އައްސޭރިއަށް ގޮވާން ގެންދެވިދާނެއެވެ. އެހެނަސް މި ކަން ކުރެވޭނީ ބިލޮރޫސާ ދެކޮޅަށް ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިގެންނެވެ."

ޕޫޓިން ވިދާޅުވި ގޮތުގައި "ދެން އޮތް މަގަކީ ޔުކްރޭނުގެ ބަނދަރުތަކެވެ. މިކަން ކުރެވޭނީ އެ ބަނދަރުތަކަށް ޔުކްރޭނުން އަޅައިފައި ހުރި މައިންތައް ނަގައި ސާފުކޮށްގެންނެވެ."  އޭނާ ވިދާޅުވިގޮތުގައި "މި ކަން ކުރަން ޖެހޭނީ ޔުކްރޭނުނުންނެވެ." ޕޫޓިން ވިދާޅުވިގޮތުގައި "އަނެއް ބަދީލަކީ ރަޝިޔާގެ ބާރުގެ ދަށުގައިވާ ބަނދަރުތަކުން ލައިފާ ޕޯލެންޑަށް ނުވަތަ ރޯމޭނިޔާއަށް ގޮވާން ގެންގޮސް ބޭރުކުރުމެވެ. މިކަން ކުރެވޭނީ އެމެރިކާއާއި ޔޫރަޕުން ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތައް ނައްތައިލައިގެންނެވެ."

ޕޫޓިން ވިދާޅުވި ގޮތުގައި "ކާދުގެ މައިދާނުގައި އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނުރަނގަޅުކަން ވޮޝިންގްޓަނަށް ވިސްނިގެން އެމީހުން މިހާރު ވަނީ އެ ފިޔަވަޅު އުވާލައިފައެވެ. އެހެނަސް ޔޫރަޕުން މި ކަމެއް ނުކުރެއެވެ." ޕޫޓިން ވިދާޅުވިއެވެ. "އެމީހުން މަށާއެކު ވާހަކަދައްކާއިރު މިވެނި ކަމެއް  ކުރަންޖެހޭނެއޭ އެވެނި ކަމެއް ކޮށްގެން ނުވާނެއޭ ބުނެއެވެ. މި ކަމުގެ ސަބަބުން ޙާލަތު ދަނީ އިތުރަށް ނުބައިވަމުންނެވެ." ޕޫޓިން ވިދާޅުވިއެވެ. "މިއީ ފިޔެސް ހަނި ވިސްނުމެކެވެ. އަދި ކިއެއްހެއްޔެވެ؟ މިއީ ވަރަށް ގަބު ކަމެކެވެ. މިކަމުގެ ސަބަބުން ބަންދުވީ ހުޅުވިފައި އޮތް މަގެކެވެ."

ގޮވާމުގެ ދަތިކަން

ޕޫޓިން ވިދާޅުވިއެވެ. "ހުޅަނގުންނާއި އެމެރިކާއިން ދަނީ ދުނިޔޭގެ ބާޒާރުގައި ގޮވާން ތަދުވުމުގެ މަސްއަލަ ޔުކްރޭނާ ގުޅުވަމުންނެވެ. ދުނިޔޭގައި އުފައްދާ ގޮވާމުގެ މިންވަރަކީ އަހަރަކު 800 މިލިއަން ޓަނެވެ. މީގެތެރެއިން ޔުކްރޭނުން އުފައްދާ މިންވަރަކީ އެންމެ 20 މިލިއަން ޓަނެވެ. އެއީ ދުނިޔޭގެ ބާޒާރަށް ނެރެވޭ ގޮވާމުގެ އެންމެ 2.5% އެވެ."

އދ ގެ މަސައްކަތް

މި މަސްއަލައާ ބެހޭގޮތުން އދގެ ރަސްމީ ތަރްޖަމާނު ހާމަކުރެއްވިގޮތުގައި މި މަސްއަލައާ ބެހޭގޮތުން އިންސާނީ ކަންތައްތަކާއި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމާ ބެހޭ އދ ގެ ވިލަރެސްވެރިޔާ މާރޓިން ގްރެވިތު ރޫސީ މަސްއޫލުވެރީންނާއެކު "ބިނާކުރަނިވި ޞަރީޙާ" ވާހަކަދެއްކުންތަކެއް ވަނީ ބާއްވަވައިފައެވެ. މި ވާހަކަދެއްކުންތަކުގެ އަމާޒަކީ ޔުކްރޭނުގެ ގޮވާންތައް ކަޅުކަނޑުގެ ބަނދަރުތަކުން ބޭރުކުރުމަށް މަގު ފަހިކުރުމެވެ.އދ ގެ ތަރްޖަމާނު ހާމަކުރެއްވި ގޮތުގައި އދގެ ވިލަރެސްވެރިޔާ މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު މޮސްކޯއަށް ޒިޔާރަތް ކުރައްވައި ރަޝިޔާގެ ދިފާޢީ ވުޒާރާއާއި ޚާރިޖީ ވުޒާރާގެ މަސްއޫލުވެރީންނާއެކު މަޝްވަރާ ކުރެއްވިއެވެ.

މައިންގެ މަސްއަލަ

އދ ގައި ހުންނަވާ ރޫސީ ސަފީރު ވެސީލީ ނިޔަންޒިޔާ ރޮއިޓަރޒަށް ހުކުރު ދުވަހު ވިދާޅުވި ގޮތުގައި "އަހުރެމެންނަށް ކޮށްދެވޭނެ ކަންތައްތަކާއި ކޮށްނުދެވޭނެ ކަންތައް ސާފުކޮށް ވާނީ ބުނެފައެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެން ޔުކްރޭނުގެ ކަނޑުގެ އައްސޭރިފަށަށް މައިނެއް ނާޅަމެވެ. މައިންތައް އެޅީ ޔުކްރޭނުންނެވެ. އެ މައިންތައް ނަގައި ސާފުކުރާން ޖެހޭނީ ޔުކްރޭނުންނެވެ. އެމީހުން މައިންތައް ނަގައި ސާފުކޮށް އުޅަނދުފަހަރަށް ވަދެނުކުމެވޭނެ މަގު ހުޅުވައިދީފިނަމަ އަހުރެމެން އެ އުޅަނދުތަކަށް ދަތުރުކުރުމަށް ބޭނުންވާ އަމާން މަގު ހަދައިދޭނަމެވެ." އޭނާ ވިދާޅުވިއެވެ. މި ހަފުތާގައި ރޫސީ ޚާރިޖީ ވަޒީރު ތުރްކީއަށް ކުރައްވާ ދަތުރުފުޅުގައި މި މަސްއަލައާމެދު ވާހަކަފުޅު ދައްކަވާނެއެވެ.

އދގެ ވިލަރެސްވެރިޔާ ވިދާޅުވާ ގޮތުގައި "ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގޮވާންތަކަށް މިހާރުވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައިކަމަށް މޮސްކޯއިން ބުނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *