Support Us

ޔުކްރޭން ހަނގުރާމައަށް 100 ދުވަސް: "ހަނގުރާމަ ދިގުލައިގެންދާނެ"

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ފެށި ޢަސްކަރީ ޚާއްޞަ ޢަމަލުތަކަށް 100 ދުވަސް ފުރުނީއެވެ. މިކަމާ ވިދިގެން ނޭޓޯ އިންޒާރު ކުރާ ގޮތުގައި މި ހަނގުރާމަ ދިގުލައިގެން ހިނގައިދާނެކަމުގެ ބިރު ވަރަށް ބޮޑެވެ. މި މައުޟޫޢުގައި އދ ބުނާގޮތުގައި މި ހަނގުރާމައިގައި ވަކި ފަރާތަކަށް ނަޞްރު ލިބުމަކީ ވަރަށް ދުރު ކަމެކެވެ.

އިއްޔެ ޔުކްރޭނުގެ ރައީސް ޒިލެންސްކީ ހާމަކުރެއްވި ގޮތުގައި ޔުކްރޭނުގެ ބިމުގެ 20% (އެއީ ގާތްގަނޑަކަށް 125 ހާސް އަކަ ކީލޯ މީޓަރުގެ ބިން) މިހާރު ވަނީ ރަޝިޔާއިން ހިފައިފައެވެ.

ރަޝިޔާއިން މިހާރު ދެމުންގެންދާ ޙަމަލާތަކުގެ އަމާޒަކީ ޑޮންބާސް ސަރަޙައްދެވެ. ޚާއްޞަކޮށް މި ސަރަޙައްދުގެ އިސްތިރާތީޖީ ސަހަރެއް ކަމުގައިވާ ސިފެރޮޑޮނިޓްސްކެވެ. ރައީސް ޒިލެންސްކީ ހާމަކުރެއްވި ގޮތުގައި ދުވާލަކު ޔުކްރޭނުގެ ސިފައިންގެ ތެރެއިން 60 އާއި 100 އާ ދެމެދުގެ ޢަދަދަކަށް ސިފައިން މަރުވެއެވެ. އަދި ދުވާލަކު ފަސްސަތޭކައެއްހާ ސިފައިން ޒަޚަމުވެއެވެ.

ލޮގަންސްކްގެ ގަވަރުނަރު ސަރގީ ގޮޑާއި ހާމަކުރެއްވި ގޮތުގައި އެ ސަރަޙައްދުގައި އަދި ވިހުރުވެމުންދަނީ ޔުކްރޭން ދިދައެވެ . އޭނާ ވިދާޅުވިއެވެ. "ވޭތުވެދިޔަ 100 ދުވަހުގެ ތެރޭގައި ރޫސީން ވަނީ އެ ސަރަޙައްދުގެ ޚާއްޞަ ހުރިހާ މަލަތަކެއް ފުޑުފުޑުކޮށްލައިފައެވެ. ޔޫރަޕްގެ މީޔާރާ އެއްގޮތަށް ބިނާކުރެވިފައިވާ މަގުތަކުގެ ތެރެއިން 400 ކީލޯމީޓަރުގެ މަގު ވަނީ ހަލާކުކޮށްލައިފައެވެ. އަދި 33 ހަސްފަތާލާއި ރަށްފުށުގެ ރަށްރަށުގައި ބިނާކޮށްފައި ހުރި 237 މެޑިކަލް ކްލިނިކާއި 70 މަދްރަސާއާއި 33 ފިޔަވަތި (ކުޑަކުދީން ބަލަހައްޓާ ގެ) ވަނީ ހަލާކުކޮށް ނައްތައިލައިފައެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ޑޮންބާސްގެ ވެރިރަށް ސިފެރޮޑޮނިޓްސްކްގެ ބިމުގެ 80% ވަނީ ރަޝިޔާއިން ހިފައިފައެވެ. މިހާރު ހަނގުރާމަ ހިނގަމުންދަނީ މަގުމަތީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.އޭނާ ހާމަކުރެއްވި ގޮތުގައި ޑޮންބާސް ސަރަހައްދުގައި ފެނާއި ކަރަންޓާއި ގޭހުގެ ޚިދްމަތް ވަނީ ކެނޑިފައެވެ.

ޔުކްރޭނުން ބުނާގޮތުގައި އެ ޤައުމުގެ ސަރުކާރު އިންތިޒާރުކުރަމުން ދަނީ އެމެރިކާގެ ރައީސް ބައިޑްން ދެއްވުމަށް ވައުދުވެ ވަޑައިގެންފައިވާ ބާރުގަދަ މިސައިލަށެވެ. މި ހަތިޔާރު ލިބިއްޖެނަމަ ހަނގުރާމައިގެ މައިދާނުގައި ބާރުގެ ތިލަފަތަށް ބަދަލު އަންނާނެއެވެ. ޔުކްރޭނުގެ ދިފާޢީ ވަޒީރު މިއަދު ވިދާޅުވިގޮތުގައި އެ ޤައުމުގެ ސިފައިން ދަނީ ޔޫރަޕާއި އެމެރިކާގައި މި ހަތިޔާރުތައް ބޭނުންކުރުމަށް ބޭނުންވާ ތަމްރީނުތައް ހޯދަމުންނެވެ.އޭނާ މި ހަތިޔާރުތައް އަވަހަށް ފޮނުވައިދިނުމަށް ޔޫރަޕާއި އެމެރިކާގެ ކިބައިން އެދިވަޑައިގަތެވެ.

އަނެއްކޮޅުން މޮސްކޯ ކަށަވަރުކޮށްދޭ ގޮތުގައި ވޭތުވެދިޔަ ދުވަސްތަކުގައި ލިބުނު ގެއްލުންތަކާ ވިދިގެން ޔުކްރޭނުގައި ހަނގުރާމަކުރާ "ކުލީ ސިފައިން" ގެ ތެރެއިން ގިނަ ބަޔަކު ޔުކްރޭން ދޫކޮށްދާން ފަށައިފިއެވެ. ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ކުލީސިފައިންގެ ޢަދަދު މިހާރު ވަނީ ދެބައިކުޅަ އެއްބަޔަށް މަދުވެފައެވެ. ކުލީސިފައިންގެ ޢަދަދު މިހާރު ވަނީ 6،600 އިން 3،500 އަށް މަދުވެފައެވެ. މި މީހުންގެ ތެރެއިން ވެސް ވަރަށް ގިނަ ބަޔަކު ޔުކްރޭނުން ބޭރަށްދާން އެދެމުންދާ ކަމަށް މޮސްކޯއިން ބުންޏެވެ. ރަޝިޔާ ބުނާގޮތުގައި ހުޅަނގުގެ ހަތިޔާރު އަންނަމުންދަނީ ލެވިވުގެ ރޭލު މަގުންނެވެ. "މިހާރު އަހުރެމެން ވާނީ ރޭލުގެ މި މަގުތައް ހަލާކުކޮށްލައި ބޭނުންނުކުރެވޭވަރު ކޮށްފައެވެ."

މޮސްކޯ ބުނާގޮތުގައި ރަޝިޔާއިން ހިފާފައިވާ ޔުކްރޭންގެ ބިންތައް މި އަންނަ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަޝިޔާގެ އިއްތިޙާދުގެ ބަޔަކަށް ހެދުމަށް ޓަކައި ފެންނަނުފެންނަ ވޯޓުތައް ނެގެން ފެށޭނެއެވެ.

ހުޅަނގަށް ތައްޔާރުވާން ޖެހޭ

އަނެއްކޮޅުން ބަލާއިރު ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވާ ގޮތުގައި ދިގު މުއްދަތަކަށް ދެމިގެން ހިނގައިދާނެ ހަނގުރާމައަކަށް ހުޅަނގު އެބަ ތައްޔާރުވާން ޖެހެއެވެ. ސްޓޮލްޓެންބަރގް އެމެރިކާގެ ޚާރިޖީވަޒީރު ބްލިންކެނާ މިދިޔަ ބުދަދުވަހު ބައްދަލުކުރެއްވުމަށް ފަހު ވިދާޅުވިގޮތުގައި "ރަޝިޔާއިން މާދަންވެސް ހަނގުރާމަ ހުއްޓައިލައިފި ނަމަ ހަނގުރާމަ ހުއްޓުނީއެވެ. އެހެނަސް އެދިމާއަށް ދަތުރުކުރަމުންދާތަނެއް އަހުރެމެންނަކަށް ނުފެނެއެވެ."

ނޭޓޯގެ ވެރިޔާ ނޫސްވެރީންނާ ބައްދަލުކުރައްވަމުން ވިދާޅުވިއެވެ. "މި ހަނގުރާމަ މިހާރު ބަދަލުވެފައި މި ވަނީ މަޑުމަޑުން ލޭ ނުކުމެ ހަކަތަ ހުސްވަމުންދާ ކޯޅުމަކަށެވެ. މި ކަމަށް ޓަކައި އަހުރެމެން ދިގު މުއްދަތަކަށް ތައްޔާރުވާން ޖެހޭނެއެވެ."

ނޭޓޯގެ އަމީން ޢާންމު ވޮޝިންގްޓަނަށް ވަޑައިގެންނެވީ މި މަހުގެ 28އިން 30އަށް ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯ ސަމިޓަށް ތައްޔާރު ކުރެއްވުމަށް ޓަކައެވެ.

ނޭޓޯގެ އަމީން ޢާންމު ތަކްރާރު ކުރައްވާ ވިދާޅުވިގޮތުގައި ނޭޓޯއިން ރަޝިޔާއާ ސީދާ ކުރިމަތިލުމަކަށް ދާކަށް ނޭދެއެވެ. ނޭޓޯގެ "މަސްއޫލިއްޔަތަކީ" ޔުކްރޭނަށް ވާގިވެރިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވިގޮތުގައި ޔުކްރޭން ހަނގުރާމަ "އެތައް މަހަކަށް" ދެމިގެން ހިނގައިދާނެއެވެ.

އަނެއްކޮޅުން އދ ބުނާގޮތގައި ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެއްވެސް ފަރާތަކަށް ނަޞްރެއް ނުލިބޭނެއެވެ. ޔުކްރޭނާ ބެހޭ އދގެ ވިލަރެސްވެރިޔާ އަމީން ޢަވަޟު ވިދާޅުވިއެވެ. "ވޭތުވެދިޔަ 100 ދުވަހުގެ ތެރޭގައި ލިބިފައިވާ ގެއްލުންތައް އަހުރެމެންނަށް އެބަ ފެނެއެވެ. އެތައް ބައެއްގެ ޙަޔާތާއި ބޯހިޔާވަހިތަކާއި ބިނާރުތަކާއި ވަޒީފާގެ ފުރްޞަތުތައް ގެއްލިއްޖެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *