Support Us

އަޤްޞާއަށް ވަދެ ޔަހޫދީން ހިންގި ޖަރީމާތަކަށް މާފެއް ނުކުރެވޭނެ: ޙަމާސް

ހައްދުފަހަނަޅައިފައިވާ ޔަހޫދީންގެ ގިނަ ބަޔަކު އިއްޔެ އަލްމަސްޖިދުލް އަޤްޞާއަށް ވަދެ ހިންގި ޖަރީމާތަކަށް މާފު ނުކުރެވޭނެ ކަމަށް ހަމާސުން ބުނެފިއެވެ.

ރޭޑިޔޯގައި ވާހަކަފުޅު ދައްކަވަމުން ޙަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ އިސްމާޢިލު ހަނިއްޔާ ވިދާޅުވިއެވެ. "ޤުދުސާއި އަލްމަސްޖިދުލް އަޤްޞާގައި ޔަހޫދީން ހިންގައިފައިވާ ޖެއްސުންކުރުމުގެ ލާއަޚްލާޤީ ޢަމަލުތަކަކީ އެއަށް މާފު ކުރެވޭނެ ޖަރީމާތަކެއް ނޫނެވެ. ޤުދުސުންނާއި ފަލަސްޠީނުގެ ބިންތަކުން އިސްރާއީލުގެ ޢުދްވާނުތައް އުފުރާލެވެންދެން ޙަމާސުން ޖިހާދު ކުރިއަށް ގެންދާނެއެވެ."

އިއްޔެގެ މި ކުރިމަތިލުމާ ވިދިގެން މަސްއަލަ ހޫނު ނުކުރުމަށް ވަރަށް ގިނަ ފަރާތްތަކަކުން ހަނިއްޔާއަށް ދަންނަވަމުންދާ ކަމަށް ޙަމާސުގެ މީޑިޔާ މުޝީރު ޠާހިރުއްނޫނޫ ހާމަކުރެއްވިއެވެ.

އިސްރާއީލުން އިރުމަތީ ޤުދުސް ހިފި ދުވަސް ފާހަގަކުރުމަށް ޓަކައި ޔަހޫދީ ވަޒަންވެރީންގެ އެތައް ހާސް ބަޔަކު އިއްޔެ ޤަދީމާ ޤުދުސް ސަހަރުގައި ދިދަ ހިނގައިލުމުގެ ނަމުގައި އިޙްތިފާލެއް ބޭއްވިއެވެ. މި ހިނގައިލުމުގެ ބައިވެރީން މި ހިނގައިލުން ފެށީ އަޤްޞާ މިސްކިތުގެ ބާބުލް ޢާމޫދު ދޮރުކޮޅާ ހަމައިންނެވެ. މި ހިނގައިލުމުގެ ބައިވެރީން ކީރިތި ރަސޫލާއަށް ހަޖޫ ޖަހައި ޢަރަބީންނަށް ލަޢުނަތްލުމުގެ ޝިޢާރުތައް ފާޅުކޮށް އަޑު އުފުލިއެވެ.

ފަލަސްޠީނީންނާ ދެމެދުގައި ކުރިމަތިލުންތައް

ހައްދުފަހަނަޅައިފައިވާ ޔަހޫދީ ވަޒަންވެރީން މި ހިނގައިލުމުގެ ތެރޭގައި ޤަދީމީ ޤުދުސުގެ އަވަށްތަކަށް ވަނެވެ. މި ކަމުގެ ސަބަބުން މި ޔަހޫދީންނާ މި އަވަށްތަކުގެ އަހްލުވެރީންނާ ދެމެދުގައި ކުރިމަތިލުންތައް ހިނގިއެވެ.

ޙަމާސުގެ ޒަޢީމު ހަނިއްޔާ ވިދާޅުވިއެވެ. "އެއްވެސް ފަރާތަކަށް އެއްވެސް ގަރަންޓީއެއް އަދި އެއްވެސް ވަޢުދެއް ނުދެވޭނެއެވެ. އިއްޔެ ޔަހޫދީން ހިންގި ހަޑިމުޑުދާރު ޢަމަލުތަކަކީ ކޮންމެ މުސްލިމަކާއި ކޮންމެ މިނިވަނަކަށް ދިން ޢުދްވާނެކެވެ."

ހައްދުފަހަނަޅައިފައިވާ ޔަހޫދީންގެ ހިނގައިލުމުގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. ބާބުލް ޢާމޫދުން ފެށި މި ހިނގައިލުން ނިންމައިލައިފައި ވަނީ ޤަދީމީ ޤުދްސުގެ އަވަށްތަކުން ގޮސް މަބްކާ ފާރާ ހަމައިންނެވެ. މުސްލިމުން މި ފާރަށް ކިޔަނީ ބުރާޤު ފާރެވެ.

އިސްރާއީލުގެ ކާން ޓީވީ ޗެނެލާއި ބަދީޢޫތު އަހްރަނޫތު ނޫހާއި މަޢާރީފު ނޫސް ބުނާގޮތުގައި އެތައް ހާސް ބަޔަކު ބައިވެރިވި މި ހިނގައިލުން ބާއްވަފައި ވަނީ ފުލުހުންގެ ޙިމާޔަތުގެ ދަށުގައި އެމީހުންނަށް ރައްކައުތެރިކަން ލިބިދީގެންނެވެ.

އިސްރާއީލު ފުލުހުންނާއި ޔަހޫދީ ވަޒަންވެރީން ފަލަސްޠީނު މީހުންނަށް ދިން ޙަމަލާތަކުގެ ސަބަބުން 79 މީހަކު ޒަޚަމުވިއެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާ ބުނާގޮތުގައި ބާބުލް ޢާމޫދު ކައިރީގައި އިސްރާއީލު ފުލުހުން އެ ޖަމްޢިއްޔާގެ މަސައްކަތްތެރީންނަށް ވެސް ޙަމަލާދިނެވެ.

ފަލަސްޠީނުގެ އެތައް ބަޔަކު ހައްޔަރު ކުރި

އިސްރާއީލުގެ މަޢާރީފު ދުވަހު ނޫސް ބުނާގޮތުގައި މި ހިނގައިލުމުގެ ތެރޭގައި ފަލަސްޠީނުގެ 50 މީހަކު ހައްޔަރު ކުރިއެވެ.

މި ހިނގައިލުމުގެ ތެރޭގައި، ވަޒަންވެރިގަނެގެން އުޅޭ ޔަހޫދީން ޝައިޚު ޖައްރާޙު އަވަށުގެ ޞަމޫދު ފޭލިގެ އަވަށުގައި ދިރިއުޅޭ ފަލަސްޠީނު މީހުންނާ ދިމާއަށް ގައު އުކައި ތަންތަން ހަލާކުކޮށް ތަންތަނާއި އެއްޗެއްސަށް ގެއްލުން ދިނެވެ.

މަންޒަރު ދުށް ބަޔަކު ބުނާގޮތުގައި މި ފޭލިގެ އަވަށުގެ މީހުންވެސް ޔަހޫދީންނަށް ރައްދު ދިނެވެ. މި ހިނގައިލުން ބޭއްވުމުގެ ކުރީން ޔަހޫދީންގެ ދެ ހާހެއްހާ މީހުން އަޤްޞާ މިސްކިތަށް ވަދެ އެ މާތް މިސްކިތުގެ ޙުރްމަތް ކަނޑައި އިސްރާއީލު ދިދަ ނަގައި ތަލްމޫދީ އަޅުކަމުގެ ޝިޢާރުތައް ފާޅުކުރިއެވެ. މި މީހުންނާއެކު އިސްރާއީލުގެ ބަރްލަމާނުގެ ކަނާތުފިޔައިގެ ހަރުކަށި މެންބަރެއް ކަމުގައިވާ އީތުމާރު ބިން ޣަފީރު ބައިވެރިއެވެ. އަދި ބައެއް ޚަބަރުތައް ބުނާގޮތުގައި އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫ ވެސް މިމީހުންނާ ބައިވެރިވެ ވަޑައިގަތެވެ.

ޔަހޫދީން ޤުދްސުގައި ބޭއްވި ހިނގައިލުމާ ދެކޮޅު ހެދުމުގެ ގޮތުން ހުޅަނގު އައްސޭރީގެ އެތައް ރަށެއްގައި ފަލަސްޠީނު މީހުން މުޒާހަރާތައް ބޭއްވިއެވެ. މި މުޒާހަރާތައް ހުއްޓުވުމަށް ޓަކައި އިސްރާއީލު ފުލުހުން ޙަޤީޤީ ވަޒަނާއި ރަބަރު ވަޒަނާއި ފަޓާސްބޮން ބޭނުންކުރިއެވެ. މި ކަމުގެ ސަބަބުން ފަލަސްޠީނުގެ 148 މީހަކު ޒަޚަމުވިއެވެ.

ފަލސްޠީނު ސަރުކާރުން ކުށްވެރި ކުރި

އަނެއްކޮޅުން ބަލާއިރު އިސްރާއީލުން އިއްޔެ ބޭއްވި ހިނގައިލުމާއި ޔަހޫދީން ފަލަސްޠީނު މީހުންނަށް ދިން ޢުދްވާނީ ޙަމަލާތައް ފަލަސްޠީނުގެ ބޮޑު ވަޒީރު ރޭ ކުށްވެރި ކުރެއްވިއެވެ. ބޮޑުވަޒީރު މުޙައްމަދު އެޝްތޭގެ ފޭސްބުކްގައި މިކަން ކުށްވެރި ކުރައްވާ ލިޔުއްވި މެސެޖްގައި އެކަމުގެ ޒިންމާ އިސްރާއީލުން އުފުއްލަން ޖެހޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *