ހަރުބަހެއް ބުނާގޮތުގައި "ބަޔަކާ ކުރިމަތިވާ މުޞީބާތަކީ އެހެން ބަޔަކަށް ލިބޭ ނިޢުމަތެކެވެ." މި ފަހަރު އީރާނަށް ދިމާވީ މި ގޮތެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ހަވާސަރު ޔުކްރޭނުގެ ހަނގުރާމައިގެ ސަބަބުން ލުއިވެގެން ދިޔުމެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރީ އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭ އެއްބަސްވުމުން 2018ގައި އެމެރިކާ ވަކިވުމާ ވިދިގެންނެވެ.
އެމެރިކާގެ އައު ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މި ފައިލް އަލުން ދިރުވޭތޯއެވެ. އެކަމާ ބެހޭގޮތުން ވިއެނާގައި ވާހަކަ ދެއްކުންތައް ވަނީ ކުރިއަށް ގެންދެވިފައެވެ.އެހެނަސް އަދި ވަނީ އެއްބަސްވުމަކާ ހަމައަށް ނުދެވިފައެވެ.
އިނގިރޭސިވިލާތުގެ އިންޑިޕެންޑެންޓް ދުވަހު ނޫސް ބުނާގޮތުގައި އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ހަވާސަރު މިހާރު ދަނީ ބަލިކަށި ވަމުންނެވެ.އެއީ ޔުކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިޔާއާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ލިބުނު ބޮޑު ފައިދާއެކެވެ.
ބައިނަލްއަޤްވާމީ ވިޔަފާރިއަށް އައު މަގެއް
އިނގިރޭސިވިލާތުގެ މި ނޫސް ބުނާގޮތުގައި ރަޝިޔާއާ ދެކޮޅަށްއަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ވަނީ ބައިނަލްއަޤްވާމީ ވިޔަފާރީގެ މަގަށް ނުކުމެވެވޭނެ މަގު ތަނަވަސް ވެފައެވެ. މި ކަމުގައި އިރާނުގެ ދައުރު ދަނީ ވަރުގަދަވަމުންނެވެ.
ރަޝިޔާއާ ދެކޮޅަށް އަޅައިފައވާ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް އައު މަގެއް ތަޢާރުފުވެގެން ހިނގައްޖެއެވެ. އެއީ ޔުރަޕާ ހުޅަނގު އޭޝިޔާއާއި މެދުއިރުމަތީގެ ޤައުމުތަކުގެ މެދުގައި މުދާ އުފުލުމަށް ހުޅުވުނު އައު މަގެކެވެ. މި މަގުގެ ސަބަބުން ހައެއްކަ އަށެއްކަ ހަފުތާގެ ތެރޭގައި ގެންދެވުނު މުދާތައް މިހާރު ހަ ދުވަހުގެ ތެރޭގައި އެބަ ގެންދެވެއެވެ. މި އައު މަގުގެ ސަބަބުން މުދާ އުފުލުމުގެ އަގާއި ފީ ވެސް އަދި އިންޝުއަރެންސާއި މުދާ ފިނިކޮށްފައި ބެހެއްޓުމަށް ކުރަންޖެހޭ ޚަރަދުވެސް ކުޑަވެގެން ދިޔައެވެ.
މި އައު މަގުން ލައިފައި މުދާ އުފުލުމުގެ މަސައްކަތް ފެށުނީ މި ދިޔަ އަހަރުއެވެ. މުދާ އުފުލާ ލޮރީތަކާއި އުޅަނދުތައް ޕާކިސްތާނުގެ މަގުން ނުވަތަ އިމާރާތުގެ މަގުން ގެންދެވެނީ އީރާނުގެ ބަންދަރު ޢައްބާސް ބަނދަރަށެވެ. ދެން އީރާނު މަގުން ލައިފައި ތުރްކީއަށާއި މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގެ ރަށްތަކަށެވެ.
މި އައު މަގުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔާފާރީގެ ތެރެއަށް އީރާނަށް ވަދެވުނީއެވެ. އީރާނުގެ އާމްދަނީ އިތުރުވިއެވެ. އަދި އީރާނުގެ ވިޔަފާރި ފުޅައުވެ އީރާނުގެ ބާޒާރުތަކަށް ދިރުން ލިބުނެވެ. އެމެރިކާއިން އީރާނު ދުނިޔެއާ އެކަހެރިކުރާން ކުރަމުންދާ މަސައްކަތުގައި ރެނދުތައް އަޅަން ފެށީއެވެ.

ނިޔުކްލިއަރ ފައިލާ ބެހޭ ވާހަކަދެއްކުންތައް
ކުރީން ވެސް ބުނި ފަދައިން މި މަގުގައި ބޮޑެތި ކޮންޓޭނަރުތަކުގައި އިމާރާތުގެ ޝާރިޤާގެ ބަނދަރުން އީރާނުގެ ބަންދަރު ޢައްބާސަށް މުދާތައް ގެންދެވެއެވެ. ދެން އެއްގަމު މަގުން އީރާނު ތެރެއިންލައިފާ ތުރްކީ– އީރާނު ސަރަޙައްދީ ދޮރޯށްޓެއް ކަމުގައިވާ "ގަރުބަލޮކް" އަށް ގެންދެވެއެވެ. އެ މަގުން ލައިފާ މުދާތައް ތުރްކީގެ އިސްކަންދަރޯނާ ސަހަރަށް ގެންދެވެއެވެ. މީގެ އިތުރަށް އިސްލާމުއާބާދުން ލައިފާ އެއްގަމު މަގުން އީރާނަށް މުދާ ގެންގޮސް އީރާނުގެ ތެރެއިން ލައިފާ ތުރްކީއަށް މުދާތައް އުފުލެއެވެ.
ތުރްކީން ބުނާގޮތުގައި މި ދިޔަ އަހަރު ތުރްކީއާ އިސްލާމްއާބާދާ ދެމެދުގައްޔާއި އަންކަރާއާއި އަބޫ ޡަބްއިއާ ދެމެދުގައި ތަފާތު ދެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެއީ މުދާ އެތެރެކުރުމާ ބެހޭ ދެ އެއްބަސްވުމެކެވެ. މި އެއްބަސްވުންތަކާއެކު ތުރްކީން ވަނީ "އެއްގަމު ނަޤްލާބެހޭ ބައިނަލްއަޤްވާމީ ދަފްތަރު" (TIR) އަށް އަލުން ޢަމަލު ކުރާން ފެށިއެވެ. ކޮރޯނާގެ ސަބަބުން ކަނޑު މަގުގެ ދަތުރުތަކުގެ ދުވެލި މަޑުވިއެވެ. މުދާ އުފުލުމުގެ އަގުތަކާއި އިންޝުއަރެންސް ބޮޑުވިއެވެ.
އިމާރާތުގެ އިރްމު ނިވްޒް ތުރްކީގެ މަސްއޫލުވެރީންނާ ޙަވާލާދީ ބުނާގޮތގައި މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ތުރްކީއާއި އިމާރާތުގެ މަސްއޫލުވެރީން މައިދާނީ ޒިޔާރަތްތަކެއް ކުރައްވާ މި ކަމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
އީރާނަށް ކުރާ އަސަރު
އިނގިރޭސި ވިލާތުގެ ދުވަހު ނޫސް އިންޑިޕެންޑެންޓް ވައިޓް ހައުސްގެ މަސްއޫލުވެރީންނާ ޙަވާލާދީ ބުނާގޮތުގައި "އެމެރިކާއިން އީރާނާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކުގެ އަސަރު މި އައު މަގުގެ ސަބަބުން ބަލިކަށިވަމުންދާނެއެވެ."
މި އައު މަގު ހުޅުވުނީ މާ ބޮޑު ފާޑު ކިޔުންތަކަކާ ނުލައެވެ. އެއީ ތުރްކީ– ސުޢޫދީ ގުޅުމާއި ތުރްކީ– އިމާރާތު ގުޅުންތައް ރަނގަޅުވަމުން އަންނާތީއެވެ. މީގެ އިތުރަށް އިރުމަތީ ޔޫރަޕާއި ކަޅުކަނޑު ސަރަޙައްދު މިއަދު ގަޑުބަޑުވެފައިވާތީ އީރާނުގެ ދައުރު ވަނީ މުހިއްމުވެފައެވެ. އެއީ މެދުތެރޭ އޭޝިޔާގެ ޤައުމުތަކަށާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ވަރަށް ބޭނުންތެރި އެކަމަށް ޝައުޤުވެރިކަން އުފެދިފައިވާ މަގެކެވެ.

މި ހުސްވި އޮކްޓޫބަރު މަހު އިމާރާތުގެ ރައުސުލް ޚީމާއިން ޝާރިޤާއަށް ދިޔަ ލޮރީއަށް ނަގައިފައި ވަނީ 30 ޑޮލަރުގެ ފީއެކެވެ. ދެން މި މުދާ ޝާރީޤާއިން ގެންދެވުނީ އީރާނުގެ ބަންދަރު ޢައްބާސަށެވެ. އެއަށްފަހު މި ލޮރީ އީރާނުގެ ހަލިމަގުގައި 2،100 ކީލޯމީޓަރު ކަޑައްތު ކުރިއެވެ. އެއަށްފަހު ތުރްކީ ތެރޭގައި ހަލި މަގުގައި 1،100 ކީލޯމީޓަރު ކަޑައްތުކޮށް މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ އިސްކަންދަރޯނާއަށް މުދާތައް ގެންދެވުނެވެ. މި ކަމަށް ހޭދަވީ ހަ ދުވަހެވެ. މިއީ މި މުދާތައް އިމާރާތުން ސުވޭސް ކެނެލް މަގުން ދަތުރުކުރާނަމަ އެ ދަތުރަށް ހޭދަވާ މުއްދަތަށްވުރެ ދެ ހަފުތާ ކުރު ދަތުރެކެވެ.
މި މަގުން ދަތުރުކުރުމަކީ ވަގުތު ސަލާމަތްވުމުގެ އިތުރަށް މުދާ ރައްކައުތެރިކަމާއެކު ނަޤްލު ކުރެވޭނެ މަގެކެވެ. މިއީ ޙަޤީޤަތަށް ބަލާއިރު އައު މަގެއްނޫނެވެ. އެހެނަސް އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން މި މަގު މަތީން މީހުން ވަނީ ހަނދާންނެތިފައެވެ.

މި މަގު ބޭނުންކުރާ ގިނަ ޤައުމުތަކާ އީރާނާ ދެމެދުގައި އެއްވެސް މަސްއަލައެއް ވެސް ނެތެވެ. އަހަރަކު މި މަގުން ލައިފާ 40 ހާސް ލޮރީ މުދާ އުފުލައިގެން ދަތުރު ކުރެއެވެ. މިއިންލޮރީއަކަށް ހޭދަކުރަން ޖެހެނީ އަށެއްކަ ސަތޭކަ ޑޮލަރެވެ. މި އެއްގމުމަގުން އުފޔލޭ މުދާތަކުގެ ތެރޭގައި ހިމެނެނީ ސްޕެއަ އާއި އިލެކްޓްރޯނިއްޔާތާއި ބަރު ސާމާނާއި ކަރަންޓް ސާމާނާއި އާލާތްތަކާއި ކާބޯތަކެއްޗެވެ.
މި މަގުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭނެ ޤައުމަކީ މިޞްރެވެ. މިޞްރަށް ލިބޭ ގެއްލުން ކުޑަ ކުރެއްވުމަށް ޓަކައި ރައީސް ސީސީ ވަނީ ސުވޭސް ކެނެލް ފުޅައު ކުރުމުގެ މަޝްރޫޢެއް ރާއްވަވައިފައެވެ. އޭނާ މި ކަމަށް ޓަކައި އަށް ބިލިއަން ޑޮލަރު ހޭދަކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ދަތުރުފަތުރާ ބެހޭ އިދާރާތައް ބުނާގޮތުގައި އިމާރާތުން އީރާން މަގަށް ފުރިހަމައަށް ތާއީދު ކުރެއެވެ. އެހެނަސް ޕާކިސްތާނުގެ ބައެއް ބޭންކްތަކުން ދަނީ ދެއަތަށް ކިރެމުންނެވެ. އެމެރިކާ ދެކެ ބިރުންނެވެ.



advertisment