އެކުވެރި އަރަބި އިމާރާތުގެ ރައީސްކަމަށް މުޙައްމަދު ބިން ޒާއިދު އާލު ނަހަޔާން މިއަދު ޢައްޔަންކޮށްފިއެވެ. އިމާރާތުގެ ޤާނޫނުއަސާސީގެ 51ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން އިމާރާތުގެ ވެރީންގެ އެންމެ މަތީ މަޖިލީހުން މުޙައްމަދު ބިން ޒާއިދު އެ އިއްތިޙާދުގެ ރައީސްކަމަށް އިސްކުރީ މި އިއްތިޙާދުގެ މަޖިލީހުގެ އިއްތިފާޤުންނެވެ.
ޝައިޚު މުޙައްމަދު ބިން ޒާއިދަކީ އަބޫ ޡަބްއިގެ ވަލީ ޢަހްދެވެ. އޭނާއަކީ އިމާރާތުގެ ބާނީ ޝައިޚު ޒާއިދު ބިން ސުލްޠާން އާލު ނަހަޔާނުގެ ދަރިކަލެކެވެ.
ޝައިޚު މުޙައްމަދު ބިން ޒާއިދު ދަސްވެނިވެ ވަޑައިގެންފައި ވަނީ 1979ވަނަ އަހަރު އިނގިރޭސިވިލާތު ސޭން ހަރސްޓް ޢަސްކަރީ އެކަޑަމީންނެވެ. މި އެކަޑަމީގައި އޭނާ އާޓިލަރީ ހަތިޔާރާއި ވައިކުޑައިގެ ހަތިޔާރާއި ހެލިކޮޕްޓަރު ދުއްވުމާއި މަތިންދާބޯޓު ދުއްވުމުގެ ތަމްރީނުތައް ހޯއްދަވައިފައި ވެއެވެ. މިހެންވެ ޝައިޚު މުޙައްމަދު ބިން ޒާއިދަކީ އިމާރާތުގެ ޢަސްކަރިއްޔަތު ތަރައްޤީ ކުރައްވައި ކުރިއެރުވުމަށް ޓަކައި ޢަމަލީ ގޮތުން އެތައް މަޝްރޫޢުތަކެއް ހިންގަވައިފައިވާ ޢަސްކަރީ ތަޖްރިބާކާރެކެވެ.
މުޙައްމަދު ބިން ޒާއިދުގެ އަނބިކަނބަލުންނަކީ ޝައިޚާ ސަލާމަތު ބިންތު ޙަމްދާން އާލު ނަހަޔާނެވެ. މި ދެކަނބަލުންނަށް ހަތަރު ފިރިހެން ބޭފުޅުންނާއި ފަސް އަންހެން ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.



advertisment