Support Us

ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިމާރާތުގެ ރައީސް އަވަހާރަވެެއްޖެ

އެކުވެރި ޢަރަބި އިމާރާތުގެ ރައީސް އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލު ނަހަޔާން ޢުމުރުފުޅުން 73 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ. މިކަމާ ވިދިގެން އިމާރާތުގައި 40 ދުވަހުގެ މުއްދަތަށް ހިތާމަ ފާޅު ކުރުން މިއަދު ވަނީ އިޢުލާނު ކޮށްފައެވެ. އަދި ތިން ދުވަސްވާންދެން ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ބަންދު ކުރެވޭނެއެވެ.

ޝައިޚު ޚަލީފާއަކީ އިމާރާތުގެ ބާނީ އަދި އެ އިއްތިޙާދުގެ ފުރަތަމަ ރައީސް ޝައިޚު ޒާއިދު ބިން ސުލްޠާނު އާލު ނަހަޔާންގެ އެންމެ ދޮށީ ދަރިކަލުންނެވެ. ޝައިޚު ޒާއިދު އަވަހާރަވުމުން 2004ގައި އިމާރާތުގެ ރައީސްކަމަށް ޝައިޚު ޚަލީފާ އިސްކުރެވުނެވެ.

ޝައިޚު ޚަލީފާގެ ޙަޔާތްޕުޅު

ޝައިޚު ޚަލީފާ އަވަހާރަވުމުން އިމާރާތުގެ ރައީސްކަމަށް އިސްކުރެވޭނީ އަބޫ ޡަބްއިގެ ވަލީޢަހްދު މުޙައްމަދު ބިން ޒާއިދުކަމަށް ބެލެވެއެވެ. އިމާރާތުގެ ނައިބު ރައީސް ދުބައިގެ ޙާކިމު ޝައިޚު މުޙައްމަދު ބިން ރާޝިދެއް ނޫނެވެ. އަބޫ ޡަބްއިއަކީ އިމާރާތުގެ އެންމެ ބޮޑު އަދި އެންމެ މުއްސަނދި ސަރަޙައްދު ކަމުގައިވާތީއެވެ.

ޝައިޚު ޚަލީފާއަކީ އިމާރާތުގެ ބާނީ ޝައިޚު ޒާއިދު ބިން ސުލްޠާން އާލު ނަހަޔާންގެ އެންމެ ދޮށީ ދަރިކަލުންނެވެ. އަބޫ ޡަބްއިގެ ވަލީ ޢަހްދުކަމަށް އޭނާ އިސްކުރެވުނީ 1969ވަނަ އަހަރުއެވެ.

ޝައިޚު ޚަލީފާ ބިން ޒާއިދު އުފަންވެ ވަޑައިގަތީ 1948ވަނަ އަހަރު އަލްޢައިނު ސަހަރުގެ އަލްމުވައިޖަޢީ ކިއްލާގައެވެ.

  • 1971ވަނަ އަހަރު ޝައިޚު ޚަލީފާ އަބީ ޡަބްއިގެ ކެބިނެޓްގެ ރައީސްކަމަށް އިސްކުރެވުނެވެ. މި މަޤާމުގެ އިތުރަށް އޭނާ އެކުވެރި ޢަރަބި އިމާރާތުގެ ދިފާޢީ ވަޒީރުކަމާއި މާލީ ވަޒީރުކަމަށް  1 ޖުލައ 1971ގައި އިސްކުރެވުނެވެ.
  • 1976 ވަނަ އަހަރު ޝައިޚު ޚަލީފާ އިމާރާތުގެ ޢަސްކަރީ ބާރުތަކުގެ އިސްވެރިޔާގެ ނާއިބުކަމަށް އިސްކުރެވުނެވެ.
  • 3 ނޮވެންބަރު 2004ގައި ޝައިޚު ޒާއިދު އަވަހާރަވުމުން އިމާރާތުގެ ރައީސްކަމަށް ޝައިޚު ޚަލީފާ އިސްކުރެވުނެވެ. އަދި އެ ދުވަހު އަބޫ ޡަބްއިގެ ވެރިކަމަށް ވެސް އިސްކުރެވުނެވެ.
  • 1971ވަނަ އަހަރު އެކުވެރި ޢަރަބި އިމާރާތް ޤާއިމު ކުރެވުމުން ޝައިޚު ޚަލީފާ ކެބިނެޓްގެ ނައިބު ރައީސްކަމުގެ މަޤާމަށް އިސްކުރެވުނެވެ.
  • ޝައިޚު ޚަލީފާގެ ވެރިކަމުގައި އިމާރާތުގެ ޤައުމީ އިއްތިޙާދުގެ މަޖިލީހަށް މެންބަރުން ޢައްޔަން ކުރުމުގެ ނިޒާމަށް 2006ގައި ބަދަލު ގެންނެވިއެވެ. މި ގެންނެވި ބަދަލުގެ ސަބަބުން 40 މެންބަރުންގެ މި މިޖިލީހުގެ ދެބައި ކުޅަ އެއްބައި ޢައްޔަން ކުރެވޭނީ އިންތިޚާބުކޮށްގެންނެވެ. އަނެއް ދެ ބައިކުޅަ އެއްބައި ހޮވޭނީ ޢައްޔަންކޮށްގެންނެވެ. އެހެނަސް ޝައިޚު ޚަލީފާ މި މަޖިލީހަށް ދެއްވައިފައި ވަނީ މަޝްވަރާ މަޖިލީހެއްގެ ބާރެވެ. ތަންފީޒީ އެއްވެސް ބާރެއް ނުދެއްވައެވެ.ދާރިސުން ވިދާޅުވާ ގޮތުގައި މިއީ ދީމުޤްރާޠީ މަގުގައި ކުރިއަށް އެޅުނު ހެޔޮ ފިޔަވަޅެކެވެ.

އާލާސްކަންފުޅުގެ ސަބަބުން ވެރިކަމުގެ ބާރުތަކާ ދުރަށް ޖެހިވަޑައިގަތުން

2011ވަނަ އަހަރުން ފެށިގެން ޝައިޚު ޚަލީފާ އުޅުއްވައިފައި ވަނީ ސިޔާސީ މަސްރަޙާ ދުރުގައެވެ. އަބޫ ޡަބްއިން އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ. ޢާއްމު މުނާސަބަތުގައި ރައީސް ޚަލީފާ ފެނިފައިވަނީ ޕްރޮޓްކޯލީ ކަމެއްގެ ގޮތުގައެވެ. ރަސްމީ ވަރަށް ކުޑަ ކަމެއް މެނުވީ ނުކުރައްވައެވެ.

ޝައިޚު ޚަލީފާ 2014 ގައި ސިޔާސީ މަސްރަޙާ ދުރަށް ޖެހިވަޑައިގަތެވެ. ޝައިޚު މުޙައްމަދު ބިން ޚަލީފާ އޭނާގެ ބައްޕާފުޅަށް ވަރަށް ބޮޑު  އާލާސްކަންފުޅެއް ޖެހިވަޑައިގަން  ޚަބަރު އިޢުލާން ކުރެއްވިއެވެ.  އެ ހިސާބުން ފެށިގެން އޭނާ އުޅުއްވީ ފަރުވާ ހޯއްދެވުމަށް ޓަކައި ޔޫރަޕްގެ ވެރިރަށްތަކަށް ޒިޔާރަތް ކުރެއްވުމުގައެވެ. ޝައިޚު ޚަލީފާއަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅުގެ ސަބަބަކީ ސްޓްރޯކެއް ކަމަށް އިމާރާތުގެ މީޑިއާތައް ހާމަކުރިއެވެ.

މުއްސަނދިކަން

ބީބީސީ ބުނާގޮތުގައި ޝައިޚު ޚަލީފާއަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެ މުއްސަނދި ޝަޚްޞިއްޔަތެވެ. އޭނާގެ މުއްސަނދިކަމުގެ މިންވަރަކީ 18 ބިލިއަން ޑޮލަރުކަމަށް ބީބީސީ ބުންޏެވެ. ބީބީސީ ހާމަކުރި ގޮތުގައި ދުނިޔޭގައި އޮތް އެންމެ ބޮޑު ޔޮޓްގެ ވެރިއަކީ ޝައިޚު ޚަލީފާއެވެ. މި ޔޮޓްގެ ނަމަކީ " ޢައްޒާމު " އެވެ. މިއީ 180 މީޓަރުގެ ދިގު އުޅަނދެކެވެ. މި އުޅަނދު ބަނދެވުނީ ހަތަރު އަހަރުންނެވެ. އޭގެ އަގަކީ 500 މިލިއަން ޑޮލަރެވެ. މި ޔޮޓް ބެލެހެއްޓުމަށް އަހަރަކު 50 މިލިއަން ޑޮލަރު ހޭދަކުރަން ޖެހެއެވެ. މި ޔޮޓްގައި ފަތާ ފެންގަނޑުތަކާއި ހެލިކޮޕްޓަރު ޖައްސާނެ ތަނެއް އޮވެއެވެ.

އިނގިރޭސިވިލާތުގެ ގާޑިޔަން ބުނާގޮތުގައި އިނގިރޭސިވިލާތުގައި ޝައިޚު ޚަލީފާގެ އެތައް ޢިމާރާތްތަކަކާއި ގަނޑުވަރުތަކެއް އެބަ ހުށްޓެވެ. ޝައިޚު ޚަލީފާގެ ޢިމާރާތްތަކުގެ ތެރޭގައި ގިނައީ ވިޔަފާރި ޢިމާރާތްތަކާއި މީހުން ދިރިއުޅޭ ޓަވަރުތަކެވެ.މި ނޫސް ބުނާގޮތުގައި އިނގިރޭސިވިލާތުގައި ހުރި ޝައިޚު ޚަލީފާގެ ޢިމާރާތްތަކުގެ ޢަދަދަކީ 170 އެވެ. މި ތަންތަނުން އޭނާއަށް އަހަރަކު 160 މިލިއަން ޕައުންޑްގެ އާމްދަނީއެއް ލިބިވަޑައިގަންނަވައެވެ.އިމާރާތުގެ

ރައީސްކަން ކޮން ބޭފުޅަކަށް؟

އިމާރާތުގެ ޤާނޫނުއަސާސީ ބުނާގޮތުގައި އެކުވެރި އަރަބި އިމާރާތުގެ އިއްތިޙާދީ 7 މެންބަރުންގެ މަޖިލިސް ބައްދަލުވެ 30 ދުވަހުގެ ތެރޭގައި ރައީސަކު ޢައްޔަން ކުރަންދެން ވަގުތީގޮތުން މި މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނީ އިމާރާތުގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ދުބައިގެ ވެރިޔާ ޝައިޚު މުޙައްމަދު ބިން ރާޝިދެވެ. އިސްވެ ދެންނެވި ފަދައިން އިމާރާތުގެ ރައީސްކަމަށް އިސްކުރެވޭނީ އަބޫ ޡަބްއިގެ ވަލީޢަހްދު ޝައިޚު މުޙައްމަދު ބިން ޒާއިދެވެ. އޭނާގެ ނުފޫޒާއި ބާރާއި ސިޔާސީ ޤާބިލުކަން ވަނީ މުޅި ދުނިޔެއަށް ދައްކަވައިފައެވެ.

ސަރަޙައްދީ ނުފޫޒު

ޝައިޚު ޚަލީފާގެ ވެރިކަމުގައި އިމާރާތުގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް ފުޅައުވެ މުއްސަނދި އިޤްތިޞާދަކަށް ބަދަލުވެފައެވެ. ޝައިޚު ޚަލީފާ ގެންގުޅުއްވި ހުޅުވައިލެވިފައިވާ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން އިމާރާތުގެ ނުފޫޒު ވަނީ ގަލްފްގައްޔާއި ޢަރަބި ދުނިޔޭގައި ވަރަށް ވަރުގަދަ ވެފައެވެ. ވޭތުވެ ދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ސަރަޙައްދީ މަސްއަލަތަކުގައި އިމާރާތުން ވަނީ މުހިއްމު ދައުރެއް ކުޅެފައެވެ.ޔަމަނުގެ މަސްއަލައިގައި އިމާރާތަކީ އިސް ދައުރެއް ކުޅެމުންދާ ޤައުމެކެވެ. ލީބިޔާގެ އަރާރުމުގައި ވެސް އިމާރާތް ވަނީ ބޮޑު ދައުރެއް ކުޅެފައެވެ. އީރާނުގެ ނިޔުކްލިއަރ ފައިލްގެ މަސްއަލައިގައި އެ ޕްރޮގްރާމާ ދެކޮޅަށް އިމާރާތުން ވަނީ ތެދުވެފައެވެ. ފަހަކަށް އައިސް ތުރްކީއާއެކު ގުޅުން ބަދަހި ކުރުމަށާއި ސޫރިޔާއާއެކު އެއްބާރުލުން ޤާއިމު ކުރުމުގައި އިމާރާތް ވަނީ އިސް ދައުރެއް ކުޅެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *