Support Us

 ޝީރީން އަބޫ ޢާޤިލާ: އަލް ޖަޒީރާގައި މަސައްކަތް ކުރަން ފެއްޓީ 1997 ގައި

އިސްރާއީލު ސިފައިން ޖަނީނަށް އެރުމުގެ ތެރޭގައި އަލްޖަޒީރާގެ ރިޕޯޓަރަކު ޝަހީދުކޮށްލައިފި

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ޖަނީން ސަހަރަށް މިއަދު ހެނދުނު އަރައި ޙަޤީޤީ ވަޒަން ބޭނުންކުރުމުގެ ސަބަބުން އަލްޖަޒީރާގެ ތަޖްރިބާކާރު ރިޕޯޓަރު ޝީރީން އަބޫ ޢާޤިލާ ޝަހީދުކޮށްލައިފިއެވެ. އަލް ޖަޒީރާއިން ބުނިގޮތުގައި އިސްރާއީލުގެ މި "އަނިޔާވެރި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޢުރްފާ ޚިލާފު ޢަމަލެކެވެ."

ޖަޒީރާއިން އިސްރާއީލުގެ މި "ފިނޑި ޢަމަލު" ކުށްވެރި ކުރިއެވެ. އިސްރާއީލުގެ މި ޙަމަލާގެ އަމާޒަކީ މީޑިއާތަކުން އަދާކުރަމުންދާ ވާޖިބުތަކަށް ހުރަސްއެޅުން ކަމަށް ވެސް ޖަޒީރާއިން ބުންޏެވެ.

ޖަޒީރާއިން ނެރުނު ބަޔާނުގައި އިސްރާއީލުގެ މި ޖަރީމާ ކުށްވެރި ކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވައިލިއެވެ. އަދި އިސްރާއީލުން ޝީރީން އަބޫޢާޤިލާ ޝަހީދުކޮށްލި މަސްއަލަ ބެލުމަށް ވެސް ގޮވައިލިއެވެ.

އިސްރާއީލުން މިއަދު ހެނދުނު މި ދިން ޙަމަލާގައި ޖަޒީރާގެ ޓީވީ ކުރޫއިންގެ ތެރޭގައި ހިމެނޭ ޕްރޮޑިއޫސަރު އަލިއް ސައްމޫދީ ޒަޚަމުވިއެވެ. ޖަޒީރާއިން ހާމަކުރި ގޮތުގައި އޭނާއަށް ދިން ޙަމަލާގައި ވަޒަން އަރައިފައިވަނީ އޭނާގެ ބުރިކައްޓަށެވެ. އޭނާއަށް ފަރުވާ ދެވެމުން ދާ ކަމަށް ޖަޒީރާއިން ބުންޏެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާން ބުނާގޮތުގައި ޝީރީން ހަސްފަތާލަށް ގެންދިޔައިރު ވަނީ ނިޔާވެފައެވެ.

އިސްރާއީލު ސިފައިން މިއަދު ހެނދުނު ޖަނީނަށް އެރީ ފަލަސްޠީނު މީހަކު ހައްޔަރު ކުރަން ވެގެންނެވެ. މި ކަމުގެ ސަބަބުން ފަލަސްޠީނު މީހުންނާއި އިސްރާއީލު ސިފައިންނާ ދެމެދުގައި ކުރިމަތިލުމެއް ހިނގިއެވެ. އެހިނދު އިސްރާއީލު ސިފައިން ފަލަސްޠީނު މީހުންގެ ގަޔަށާއި މި ޙާދިސާ ކަވަރުކުރަމުން ދިޔަ ޖަޒީރާ ނޫހުގެ ފަޅުވެރީންގެ ގަޔަށް ބަޑި ޖެއްސެވެ. އެ ވަގުތު އެތާނގައި ހުރި ޖަޒީރާގެ ނޫސްވެރިޔާ ޝީރީން ހުރީ ނޫސްވެރިއެއްކަން އަންގައިދޭ ޕްރސް ޖެކެޓް ލައިގެންނެވެ.

ޝީރީނަކީ ފަލަސްޠީނުގެ މީހެކެވެ. އޭނާ ޖަޒީރާއާ ގުޅުނީ 1997ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ފަލަސްޠީނު ރޭޑިއޯގައްޔާއާއި ޢައްމާނުގެ ޓީވީ ޗެނެލްގައި މަސައްކަތް ކުރިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *