Support Us

ޖިލް ބައިޑްން (ވ) އޮލީނާ ޒިލެންސްކީއާ ޔުކްރޭންގައި ބައްދަލުކުރައްވަނީ 

ހުޅަނގުގެ ވަފްދުތަކުން ޔުކްރޭންގެ ވެރިރަށް ފުރައިލައިފި

އިއްޔެއަކީ ޔުކްރޭނުގެ ވެރިރަށް ކިޔޭވަށް ހުޅަނގުގެ ތަފާތު މަސްއޫލުވެރީންތަކެއް ޒިޔާރަތް ކުރެއްވި ދުވަހެކެވެ. މި ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ރައީސް ބައިޑްންގެ އަނބިކަނބަލުންނާއި ކެނެޑާގެ ބޮޑުވަޒީރު ޓްރޯޑޯއާއި ޖަރްމަނުގެ ބަރްލަމާނުގެ ރައީސާ ބަރބެލް ބާސް އާއި ނޯވޭގެ ޚަރިޖީ ވަޒީރާ އެނިކެން ހުވިޓްވެލްޑް ވެއެވެ.

ބައިޑްންގެ އަނބިކަނބަލުން ޖިލް ބައިޑްން ޔުކްރޭނަށް ވަޑައިގަތީ ވަރަށް ކުއްލި ގޮތަކަށެވެ. ސްލަވާކިޔާގެ ސަރަޙައްދު ކައިރީގައި އެކަމަނާ ޔުކްރޭންގެ ރައީސްގެ އަނބިކަނބަލުން އޮލީނާ ޒިލެންސްކީއާ ބައްދަލު ކުރެއްވިއެވެ. މި ބައްދަލުކުރެއްވުން އޮތީ މަދަރުސާއެއްގެ ތެރޭގައެވެ.

ޖިލް ބައިޑްން ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި އޭނާ ޔުކްރޭނަށް މި ވަޑައިގެންނެވީ މައިންގެ ދުވަހުގެ ތަހްނިޔާ ޔުކްރޭނުގެ ކުޑަކުދީންނަށް ވިދާޅުވުމަށެވެ.

ކެނެޑާގެ ބޮޑުވަޒީރު ޓްރޯޑޯ (ވ) ޔުކްރޭންގެ ރައީސް ޒިލެންސްކީއާ ބައްދަލުކުރައްވަނީ

ކެނެޑާގެ ބޮޑުވަޒީރު ޓްރޯޑޯ ޔުކްރޭންގެ ރައީސާ ބައްދަލު ކުރެއްވުމަށްފަހު ބޭއްވެވި ނޫސް ބައްދަލުވުމުގައި ރަޝިޔާގެ ރައީސް ޕޫޓިނަށް ޙަމަލާތަކެއް ދެއްވިއެވެ. ޔުކްރޭނުގައި ހިނގަމުންދާ "ލާއިންސާނީ ހަނގުރާމައިގެ ޒިންމާ ޕޫޓިނަށް އުފުއްލަވަން ޖެހިވަޑައިގަންނަވާނެ" ކަމަށް ޓްރޯޑޯ ވިދާޅުވިއެވެ. ރައީސް ޕޫޓިން ކޯޓަށް ގެންގޮސް މި "ޖަރީމާތަކަށް އަދަބުދޭން ޖެހޭނެ" ކަމަށް ވެސް ޓްރޯޑޯ ވިދާޅުވިއެވެ. ޓްރޯޑޯ ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި ކެނެޑާއިން އިތުރު ހަތިޔާރު ޔުކްރޭނަށް ފޮނުވާނެއެވެ. އަދި ކެނެޑާއިން ރަޝިޔާއަށާއި ރަޝިޔާގެ ބޮޑެތި މަސްއޫލުވެރީންނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެއެވެ.

ކްރޮވޭޝިޔާގެ ބޮޑުވަޒީރު އެންޑްރޭޝް ބްލެންކޯވިޗް (ކ) ޔުކްރޭންގެ ރައީސް ޒިލެންސްކީއާ ބައްދަލުކުރައްވަނީ

ކްރޮވޭޝިޔާގެ ބޮޑުވަޒީރު އެންޑްރޭޝް ބްލެންކޯވިޗް ވެސް އިއްޔެ ކިޔޭވަށް ވަޑައިގެންނެވިއެވެ. އޭނާއާ ޒިލެންސްކީ ގުޅިގެން ބޭއްވެވި ނޫސް ބައްދަލުވުމުގައި ރައީސް ޒިލްންސްކީ ހާމަކުރެއްވި ގޮތުގައި މި ހަނގުރާމައިގެ ސަބަބުން 11 މިލިއަންގެ ގެދޮރު ނެތިއްޖެއެވެ. ޒިލެންސްކީ ވިދާޅުވި ގޮތުގައި އޭނާގެ ޤައުމުގެ އިޤްތިޞާދު ވަނީ އަލުން ބިނާކުރާން ޖެހިފައެވެ.

ޔުކްރޭން ޔޫރަޕްގެ އިއްތިޙާދަށް ވެއްދުމަށް ޓަކައި ކްރޮވޭޝިޔާއިން ކުރަމުންދާ މަސައްކަތަށް ރައީސް ޒިލެންސްކީ ތާރީފު ކުރެއްވިއެވެ.

ކްރޮވޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވިގޮތުގައި ޔޫރަޕް އެއްބައެއްވަންތަ ބަޔަކަށް ހެދުމުގެ ޤާބިލުކަން ޔުކްރޭނަށް ލިބިފައިވާކަން ހާމަވެއްޖެއެވެ.

ކިޔޭވްގައި ހުންނަ އެމެރިކާ އެންބެސީ އަލުން ހުޅުވުން

ޔުކްރޭންގެ ވެރިރަށް ކިޔޭވްގައި ހުންނަ އެމެރިކާ އެންބެސީ ދެމަހެއްހާ ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްފަހު އެތަން އަލުން ހުޅުވައިފިއެވެ. އެންބެސީގެ ޝަރޒޭ ޑަ ފޭ ކްރިސްޓީނާ ކްވިއެން އާއި އެންބެސީގައި މަސައްކަތް ކުރައްވާ ޑިޕްލޮމެޓުން އިއްޔެ އެންބެސީއަށް ވަޑައިގެން އެތާނގެ މަސައްކަތް ފަށްޓަވައިފި ކަމަށް ޖަޒީރާއާއި ސީއެންއެނުން ބުންޏެވެ.

ޔުކްރޭން ހަނގުރާމަ 24 ފެބްރުވަރީގައި ފެށުމުގެ ކުރިން މި އެންބެސީ ވަނީ ބަންދުކޮށްފައެވެ.

އެމެރިކާގެ އެކްސިއޮސް ނެޓް އެމެރިކާގެ ޚާރިޖިއްޔާގެ މަސްއޫލުވެރީންނާ ޙަވާލާދީ ބުނިގޮތުގައި އެމެރިކާގެ ރައީސް ބައިޑްންގެ އިދާރާއިން ފިޔަވަޅުތައް އަޅަމުންދަނީ އެންބެސީގެ މަސައްކަތްތައް އަވަސްކުރުމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެނާ ޙަވާލާދީ އެކްސިއޮސް ބުނާގޮތުގައި އޭނާ ޔުކްރޭންގެ ޚާރިޖީ ވަޒީރަށް ދެންނެވި ގޮތުގައި "އެންބެސީ ހުޅުވުމުގެ މާނައަކީ ހަނގުރާމައިގައި ޔުކްރޭނަށް ކާމިޔާބު ލިބި ރަޝިޔާ ފޭލްވުމެވެ."

އެންމެ 30 މިނެޓް

އަނެއްކޮޅުން ރަޝިޔާގެ ހަވާއާ ބެހޭ އިދާރާ ރޮސް ކޮސްމޮސްގެ ޑިރެކްޓަރު ޑިމިޓްރީ ރޮގޮޒީން ހުޅަނގަށް އިންޒާރު ދެއްވަމުން ވިދާޅުވިއެވެ. "ދެ ފަރާތުގެ ދެމެދުގައި ނިޔުކްލިއަރ ހަނގުރާމައެއް ފެށިއްޖެނަމަ ނޭޓޯގެ ޤައުމުތައް ފުޑުފުޑުކޮށްލުމަށް ޓަކައި ރަޝިޔާއަށް ބޭނުން ވާނީ އެންމެ 30 މިނެޓް އިރެވެ."

މިފަދަ ހަނގުރާމައެއް ފެށުނަ ނުދިނުމަށް ހުޅަނގުން މަސައްކަތް ކުރުމަށް އޭނާ ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ދެ ފަރާތުން ބަދަލުކުރެވޭ ޙަމަލާތަކުގެ ސަބަބުން ބިމުގެ ގުރަހައަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އޭނާ ވިދާޅުވިގޮތުގައި "ދުޝްމަނުންނަށް ލިބިފައި ވަނީ  ޒަމާންވީ ބޯދާ ޢަސްކަރީ ހަތިޔާރުތަކެކެވެ."

އޭނާ އިންޒާރު ކުރައްވަމުން ވިދާޅުވިއެވެ. "މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ޔުކްރޭން އޮވެއްޖެނަމަ އެ ދައުލަތް ވާނީ މޮސްކޯއާ ހަތުރުވެރި ޤައުމަކަށެވެ. އެ ޤައުމު ވާނީ ރޫސީ ރައްޔިތުންނާ ދެކޮޅަށް ހުޅަނގުން ދޭ ޢުދްވާނީ ޙަމަލާތައް ދެވޭ ހޮރަކަށެވެ."

އޭނާ ވިދާޅުވިގޮތުގައި ޔުކްރޭން މިހާރު ވަނީ އެ ޤައުމުގެ މާނަވީ އަދި ޖޯގްރަފީ އިންތައް ފަހަނަޅައި ގޮސްފައެވެ. އޭނާ ވިދާޅުވި ގޮތުގައި "މިހާރު ހިނގަމުންދާ ހަނގުރާމައަކީ ރަޝިޔާ މިނިވަން މުސްތަޤިއްލު އެއްބައެއްވަންތަ ޤައުމެއްގެ ގޮތުގައި ދެމި އޮތުމަށްޓަކައި ލިބިފައިވާ ޙައްޤަށް ޓަކައި ކުރެވޭ ހަނގުރާމައެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *