އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޓަކައި އަލަށް ހަތަރު ހާސް ޔުނިޓް ބިނާކުރުމަށް ޓަކައި މި އަންނަ ހަފުތާގައި އެ މަޝްރޫޢު ތަޞްދީޤު ކުރެވޭނެ ކަމަށް އިސްރާއީލުގެ ދިފާޢީ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
އެމެރިކާގެ އެކްސިއަސް ޖާލު ޞަފްޙާ ބުނާގޮތުގައި މީގެ ތެރެއިން ފުރަތަމަ 2،500 ޔުނިޓް ބިނާކުރުމުގެ ހުއްދަ އެ ވުޒާރާގެ ކަމާބެހޭ ކޮމެޓީން ދިނުމަށް މާދަމާ ބައްދަލުކުރާނެއެވެ. އެއަށްފަހު އިތުރު 1،500 ޔުނިޓް ބިނާކުރުމުގެ މަސައްކަތައިގެން ކުރިއަށް ދާނެއެވެ.
މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި އިސްރާއީލުގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި ބޮޑުވަޒީރުގެ އޮފީހުންނާއި ދިފާޢީ ވުޒާރާއިން މިކަމާ ބެހޭގޮތުން އެމެރިކާގެ ސަފީރު ޓޮމް ނިޑްޒްއާ އެކު އެތައް މަޝްވަރާތަކެއް ވަނީ ކޮށްފައެވެ. ވޭތުވެދިޔަ ދެ ހަފުތާގައި އިސްރާއީލުން ވަނީ މި ކަމާބެހޭގޮތުން ވައިޓް ހައުސްއާއި އެމެރިކާގެ ޚާރިޖީ ވުޒާރާއާއެކު މަޝްވަރާތައް ބާއްވައިފައެވެ.
އިސްރާއީލުގެ މަސްއޫލުވެރީން އެމެރިކާގެ ރައީސް ބައިޑްންގެ މަސްއޫލުވެރީންނަށް ދެންނެވިގޮތުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ޓަކައި އައު އާބާދީތައް ހެދުމަށް އެއްބަސްވުން ނުލިބިއްޖެނަމަ އިސްރާއީލުގެ މިއަދުގެ ބަލިކަށި ސަރުކާރު ވެއްޓިދާނެކަމުގެ ބިރު އެބަ އޮތެވެ.
އިސްރާއީލުގެ ސަފީރު އެކްސިއަސަށް ވިދާޅުވި ގޮތުގައި ޔަހޫދީ އާބާދީތަކުގައި ވަޒަންވެރި ކުރުވުމަށް ޓަކައި އިތުރު ގެދޮރު ބިނާކުރުމަކީ ރައީސް ބައިޑްންގެ ސަރުކާރު ތާއީދު ކުރާ ކަމެއްނޫނެވެ. އެ ފަދަ މަޝްރޫޢުތަކާއިގެން ކުރިއަށް ނުދިޔުމަށް ވޮޝިންގްޓަނުން އިސްރާއީލަށް ގޮވައިލައެވެ.
އިސްރާއީލު ސަރުކާރުން މި ޔުނިޓްތަކުގެ ޢަދަދު ހަތަރު ހާހަށް މަދު ކުރީ އެމެރިކާގެ ފިއްތުންތަކުގެ ސަބަބުންނެވެ. އިސްރާއީލުން ކުރިން ރާވައިފައި އޮތީ 5800 ޔުނިޓް ބިނާކުރުމަށެވެ.
ފަލަސްޠީނުން މި ކަން ކުށްވެރި ކުރޭ
އަނެއްކޮޅުން ފަލަސްޠީނުގެ ޚާރިޖިއްޔާ ބުނާގޮތުގައި މިއީ ފަލަސްޠީނު ދައުލަތުގެ ލޭންދޭނުގައި އިސްރާއީލުން ކުރަމުންދާ ކަމެކެވެ. މި ކަން ކުށްވެރި ކުރަމުން ފަލަސްޠނުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި މި ކަމުގެ ސަބަބުން ޔަހޫދީންގެ އާބާދީތައް އިތުރުވެ ފެތުރިގެންދާނެއެވެ. ފަލަސްޠީނުގެ ޚާރިޖިއްޔާ ބުނިގޮތުގައި މިއީ ދެ ދައުލަތުގެ ޙައްލު ފުޑުފުޑުކޮށްލުމަށް ދެވޭ ޙަމަލާއެކެވެ.
މި މަހު ހަތަރު ވަނަ ދުވަހު އިސްރާއީލުގެ ކޯޓުން ވަނީ "މުސާފިރު ޔައްޠާ" ނަމަކަށް ކިޔާ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނު މީހުން ގަދަކަމުން ވިޔަސް އެ ސަރަޙައްދުން ބޭރަށް ލުމަށް އަމުރެއް ނެރެފައެވެ. އެއީ ޢަސްކަރީ ބަންދު ސަރަޙައްދަކަށް މި ސަރަޙައްދު ވާތީ ކަމަށް މި ކޯޓުގެ އަމުރުގައި ވެއެވެ. މި ސަރަޙައްދުގައި ފަލަސްޠީނުގެ 1،200 މީހުން ދިރިއެޅުއެވެ. މި މީހުންގެ ފަރާތުން ކޯޓަށް ހުށައެޅި އެއްވެސް އިލްތިމާސެއް ވަނީ ބަލައިނުގަނެ ރައްދުކޮށްފައެވެ.



advertisment