ހިފާފައިވާ ބިންތަކުގައި ވަޒަންވެރިކުރުވާފައިވާ ޔަހޫދީންގެ އެތައް ބަޔަކު މިއަދު އަޤްޞާ މިސްކިތަށް އަނެއްކާ ވެސް ވަދެއްޖެއެވެ. މި މަންޒަރު ދުށް މީހުންނާ ޙަވާލާދީ މީޑިއާތައް ބުނާގޮތުގައި އަޤްޞާ މިސްކިތުގައި ޟުޙާ ނަމާދު ކުރަން ތިބި އެތައް ބަޔަކަށް އިސްރާއީލު ފުލުހުން ޙަމަލާދީ ޒަޚަމުކޮށްލިއެވެ. އިސްރާއީލުގެ މި ޢުދްވާނާ ވިދިގެން ޙަމާސުން އިސްރާއީލަށް "އަލިފާނާ ނުކުޅުމަށް" ބުނެ އިންޒާރު ދިނެވެ.
މި މަންޒަރު ދުށް މީހުން ސިފަކޮށްދިން ގޮތުގައި އިސްރާއީލު ފުލުހުންގެ އެތައް ބަޔަކު އަޤްޞާ މިސްކިތަށް ވަދެ މި ޙަރަންފުޅުގެ ޤިބްލީ މުޞައްލާގައި ނަމާދު ކުރާން ތިބި މީހުންނަށް ރަބަރު ވަޒަނުން ޙަމަލާ ދިނެވެ. ނަމާދު ކުރާން ތިބި މީހުން މިސްކިތުން ނުކުތަ ނުދިނުމަށް ޓަކައި ޤިބްލީ މުޞައްލާގެ ބޭރުގައި އިސްރާއީލު ފުލުހުން ރުކުރުކުވާލައިގެން ތިއްބެވެ. އިސްރާއީލު ފުލުހުންގެ މި ޙަމާތަކުގެ ސަބަބުން ނަމާދު ކުރާން ތިބި މީހުންގެ ތެރެއިން 12 މީހަކު ޒަޚަމުވި ކަމަށް ފަލަސްޠީނުގެ ނޫސް އޭޖެންސީން ބުންޏެވެ.
އެއަށްފަހު އިސްރާއީލު ފުލުހުން މިސްކިތުގައި ތިބި މީހުން ގަދަކަމުން ބޭރަށް ނެރުނެވެ. އިސްރާއީލު ފުލުހުން މިހާރު ވަނީ ޤިބްލީ މުޞައްލާގެ ދޮރުތައް ދަގަނޑު ހިލިހިލާއިން ބަންދު ކޮށްފައެވެ.
ޔަހޫދީ ވަޒަންވެރީންގެ އެތައް ބަޔަކު މިއަދު ހެނދުނު އަޤްޞާ މިސްކިތަށް ވަނީ އިސްރާއީލު ފުލުހުންގެ ޙިމާޔަތާއި ރައްކައުތެރިކަން ލިބިގެންނެވެ. އެއަށްފަހު އިސްރާއީލު ފުލުހުންގެ ފައުޖުތަކުން މި މިސްކިތުގެ ހުޅަނގު ފަރާތުން މަޣާރިބާ ދޮރުކޮޅާއި ސިލްސިލާ ދޮރުކޮޅު ހުންނަ ސަރަޙައްދު ބަންދު ކުރިއެވެ. ޔަހޫދީ ވަޒަންވެރީން އަޤްޞާ މިސްކިތަށް ވަނީ އިސްރާއީލޭ މި ކިޔާ ދައުލަތް އަނިޔާވެރިކަމާއި މަކަރާއި ޙީލަތުން ޤާޢިމުކުރި ދުވަހަކީ މިއަދު ކަމުގައި ވާތީ މި ދުވަސް ފާހަގަކުރާށެވެ. އެމީހުން ބުނާގޮތުގައި މި އިޙްތިފާލުގެ ތެރޭގައި އަޤްޞާ މިސްކިތް ތެރޭގައި އިސްރާއީލުގެ ދިދަ ނެގޭނެއެވެ. އަދި އިސްރާއީލުގެ ޤައުމީ ސަލާންވެސް ކިޔޭނެއެވެ.
ޙަމާސްގެ އިންޒާރު
މިކަމާ ވިދިގެން ޙަމާސުން ބަޔާނެއް ނެރުނެވެ. މި ބަޔާން ބުނާގޮތުގައި ޔަހޫދީ ވަޒަންވެރީންނަށް އަޤްޞާ މިސްކިތަށް އަރަން ހުއްދަ ދިންދިނުމަކީ "އަލިފާނާ ކުޅުން" ފަދަ ކަމެކެވެ. ޙަމާސުން ބުނިގޮތުގައި މިއީ މުޅި ސަރަޙައްދު "ރުޅިވެރިކަމުގެ އުނދުނގެ ތެރެއަށް" ވައްޓައިލުމަށް އިސްރާއީލުން ކުރާ މަސައްކަތެކެވެ. ޙަމާސުގެ ބަޔާނުގައި ފަލަސްޠީނު މީހުންނަށް އަޤްޞާ މިސްކިތަށް ޖަމާވުމަށް ގޮވާލައިފައި ވެއެވެ. ފަލަސްޠީނުގެ ހުވިއްޔަތާއި މުސްލިމުންގެ ފުރަތަމަ ޤިބްލަ ޙިމާޔަތް ކުރުމަށް ޓަކައި ތެދުވުމަށް ޤުދްސުގެ އަހްލުވެރީންނަށް ހިތްވަރުދީފައި ވެއެވެ.
އިސްރާއީލުގެ މި ޖެއްސުންކުރުންތަކާ ވިދިގެން ފަލަސްޠީނުގެ ޚާރިޖިއްޔާ ވެސް ބަޔާނެއް ނެރުނެވެ. މި ބަޔާން ބުނާގޮތުގައި މަސްރަޙު ހޫނުވަމުންދިޔުމުގެ މަސްއޫލިއްޔަތު އުފުއްލަވަން ޖެހިވަޑައިގަންނަ ވާނީ އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓަށެވެ. މި ބަޔާނުގައި އައިސްފައި ވެއެވެ. "އިސްރާއީލު ސަރުކާރުން އަޤްޞާ މިސްކިތުގެ ޙުރްމަތްކެނޑުމަކީ މި ސަރަޙައްދުގައި ދީނީ ހަނގުރާމައެއްގެ ރަސްމީކޮށް އިޢުލާން ކުރުމެވެ."



advertisment