ރަޝިޔާ އަތުން ގޭސް ގަތުން މަޑުމަޑުން ހުއްޓައިލުމަށާއި ރަޝިޔާގެ އިތުރު ތިން ބޭންކެއް ދުނިޔޭގެ މާލީ ނިޒާމު (ސްވިފްޓް) އިން ބޭރަށްލުމަށް ޔޫރަޕިއަން ކަމިޝަނުން ހުށައަޅައިފިއެވެ.
މިއީ ރަޝިޔާއާ ދެކޮޅަށް ޔޫރަޕްގެ އިއްތިޙާދުން އަޅާ ދަތިކުރުމުގެ ހަ ވަނަ ފިޔަވަޅެވެ. ޔޫރަޕިއަން ކަމިޝަންގެ ރައީސާ މި ހުށައެޅުން މިއަދު އިޢުލާން ކުރެއްވީ މި ހުށައެޅުން ރޭ ޔޫރަޕްގެ ބަރްލަމާނަށް ހުށައެޅުއްވުމަށް ފަހުގައެވެ.
ސްވިފްޓް ނިޒާމުން ބޭރަށްލުމަށް ހުށައަޅައިފައިވާ ތިން ބޭންކުގެ ތެރޭގައި ރަޝިޔާގެ ސުޕަރ ބޭންކް ހިމެނެއެވެ. ރައީސާ އުރްސޫލާ ވޮންޑަރ ލާޔަން ޔޫރަޕްގެ ބަރްލަމާނުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ރަޝިޔާގެ ބޭންކުތަކާ ދެކޮޅަށް މި އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާ މުޅިން ދުނިޔޭގެ އިޤްތިޞާދީ ނިޒާމުން އެކަހެރިވެގެން ދާނެއެވެ. ޔުކްރޭން ހަނގުރާމައަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް މޮސްކޯގެ ކުރިމަތީގައި މަގު ބަންދުވާނެއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންނަށް ހައެއްކަ މަސްދުވަހުގެ ތެރޭގައި ސާފު ނުކުރާ ރޫސީ ތެލާ ދުރަށް ދެވޭނެއެވެ. އަދި މި އަހަރު ނިމޭއިރު ރަޝިޔާއިން އުފައްދާ ތެލުގެ ބާވަތްތައް އެތެރެކުރުން ހުއްޓައިލެވޭނެއެވެ." އޭނާ ވިދާޅުވި ގޮތުގައި ރޫސީން ކުރާ ހަނގުރާމަ ހުއްޓުމުން ޔުކްރޭން އަލުން އާރާސްތުކުރުމަށް ޓަކައި ޕާރުސަލެއް ހުށައެޅޭނެއެވެ. މި ޕާރުސަލުގައި ޔުކްރޭނަށް އަލުން ދުޅަހެޔޮކަން ގެނެސްދިނުމަށް ބޭނުންވާ ބޮޑެތި ވުނަކުރުންތައް ހިމެނޭނެއެވެ. މި ޕާރުސަލުގެ ސަބަބުން ޔޫރަޕްގެ އިއްތިޙާދަށް ޔުކްރޭން ވަނުމަށް ވެސް ދޮރު ހުޅުވިގެންދާނެއެވެ.
ޔޫރަޕިއަން ކަމިޝަނުގެ މި ހުށައެޅުންތަކާމެދު ޔޫރަޕްގެ ބަރްލަމާނުގައި މިއަދު ބަހުސްކުރަން ފަށާނެއެވެ. ޔޫރަޕްގެ މަސްއޫލުވެރީންނާއި ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި ޔޫރަޕްގެ އިއްތިޙާދުގެ 27 މިންބަރުންނަށް ރޭ ވަނީ މި ހުށައެޅުންތައް ލިބިފައެވެ. މި ހުށައެޅުންތަކުގައި ހަންގެރީއާއި ސްލޮވާކިޔާ އިސްތިސްނާކޮށްފައި ވެއެވެ. މި ދެ ޤައުމަށް ރޫސީން އަތުން ތެލާއި ގޭސް 2023 ނިމެންދެން ގަނެވިދާނެއެވެ. އެއީ މި ދެ ޤައުމަކީ ކަނޑުގެ ބަނދަރެއްނެތް ދެ ޤައުމުކަމުގައި ވާތީ އެވެ.
ރަޝިޔާގެ ތެލަށް ޔޫރަޕް ބަރޯސާވެފައިވާ މިންވަރު (2020ގެ ތަފާސްހިސާބުން)
| ޤައުމު | ބަރޯސާވާ މިންވަރު |
| ލެޓްވިޔާ | 100 % |
| ޗެކް ޖުމްހޫރިއްޔަތު | 100 % |
| ޕޮލެންޑް | 98 % |
| ފިންލެންޑް | 85 % |
| ހަންގެރީ | 75 % |
| ޖަރްމަނު | 67 % |
| އެސްޓޯނިޔާ | 66 % |
| ބުލްގޭރިޔާ | 55 % |
| ރޯމޭނިޔާ | 45 % |
| ސްލަވާކިޔާ | 46 % |
| އިޓަލީ | 43 % |
| ލިޓްވިޔާ | 42 % |
| ގްރީސް | 38 % |
| ލަކްސެންބަރގް | 27 % |
| ހޮލެންޑް | 26 % |
| ފަރަންސޭސި ވިލާތް | 17 % |
| ސްވިޑްން | 14 % |
| ސްޕޭން | 10 % |
| ޕޯޗްގީޒު | 10 % |
ޔޫރަޕިއަން ކޮމިޝަންގެ މެންބަރުން ރޭ ސްޓްރެޝްބަރގްގައި ބައްދަލު ކުރައްވައި ކަމިޝަނުން ހުށައެޅި ކަރުދާސް ވަނީ ބަލައިގެންފައެވެ.
ޖަރްމަނުގެ ޚާރިޖީ ވަޒީރު ބްރަސަލްސްގައި އެހެން ޚާރިޖީ ވަޒީރުންނާ ބައްދަލު ކުރެއްވުމަށްފަހު ވިދާޅުވި ގޮތުގައި މި ހަފުތާގެ ތެރޭގައި މި މަސައްކަތް ނިންމައިލެވޭނެކަމަށް ލަފައެއް ނުކުރެއްވެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކަމަށް އިޖްމާޢުވުމަކީ ޟަރޫރަތެކެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއާ ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތަކަކީ ސިޔާސީ ގޮތުން އަޅަން ވަރަށް ދަތި ފިޔަވަޅުތަކެކެވެ. އެއީ އެ ކަމުގައި ސިޔާސީ ޚިޔާރުތައް އޮންނާތީއެވެ.
ސްލަވާކިޔާގެ އިޤްތިޞާދާބެހޭ ވަޒީރު ވިދާޅުވާގޮތުގައި އެހެން ބަދީލުތައް ހޯދުމަށް އަހަރުތަކެއް ނަގާނެއެވެ. އެހެންވެ އޭނާގެ ޤައުމުން އިސްތިސްނާތަކަކަށް އެދޭނެއެވެ. މި އިސްތިސްނާތަކުގެ ބޭނުން ހިފައިގެން ބުލްގޭރިޔާއާއި ޗެކް ޖުމްހޫރިއްޔާ ވެސް އިސްތިސްނާއަށް އެދޭނެއެވެ.
ރަޝިޔާއިން އުފައްދާ ތެލުގެ ތިންބައިކުޅަ ދެ ބައި ބޭރު ކުރަނީ ޔޫރްޕްގެ އިއްތިޙާދުގެ ޤައުމުތަކަށެވެ. 2021ށް ބަލާއިރު ރަޝިޔާއިން ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށް 30% ތެލާއި ތެލުގެ އުފެއްދުންތަކުގެ 15% ޖާމިނުކޮށްދީފައި ވެއެވެ. އެއީ 80 ބިލިއަން ޑޮލަރުގެ މުދާތަކެކެވެ.



advertisment