ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ދެމުންގެންދާ "ޢަސްކަރީ ޚާޢްޞަ ޢަމަލުތައް" ދިނުމަށް މޮސްކޯއިން ދައްކާ ބަހަނާތަކުގެ ތެރޭގައި ސަލާމަތީ ލަނޑުދަނޑިތަކަކާއި އެ ޤައުމުގައި ދިރިއުޅޭ ރަޝިޔާގެ ރައްޔިތުން ޙިމާޔަތް ކުރުން ވެއެވެ. އެހެނަސް 24 ފެބްރުވަރީގައި މި ފެށި ހަނގުރާމަ ކުރިއަށްދާ ގޮތަށް ބަލާއިރު އެ ކަމުގައި އިޤްތިޞާދީ އަދި ޞިނާޢީ ބޮޑެތި ފައިދާތަކެއް ހިމެނެއެވެ. މި ސަރަޙައްދުތަކަކީ ބިނާރުގެ ގޮތުން ބަލާއިރު ވަރަށް މުއްސަނދި ސަރަޙައްދުތަކެކެވެ.
ރަޝިޔާއިން ހިފާފައިވާ ޔުކްރޭންގެ މުއްސަނދި ރިސޯސް ސަރަޙައްދުތައް
ރޫސީ ސިފައިން ޔުކްރޭންގެ އުތުރާއި އިރު އުތުރު ސަރަޙައްދުން ފޭބިޔަސް ޔުކްރޭންގެ އިރު ދެކުނު ސަރަޙައްދުގެ ބޮޑުބަޔެއް ރަޝިޔާއިން ވަނީ ހިފައިފައެވެ. މި ސަރަޙައްދުގައި ރޫސީ ބާރުތައް އޮވެގެން މަޑުމަޑުން ދަނީ އިރުމައްޗަށާއި (ޚާރުކީވް ސަރަޙައްދަށް) ހުޅަނގު ދެކުނު ބިންތަކާ (އޮޑީސާ ސަރަޙައްދު) ދިމާއިން ކުރިއަރަމުންނެވެ.
ރަޝިޔާއިން ޔުކްރޭނުން އެއްކޮށް ހިފަން ބޭނުންވާ ސަރަހައްދަކީ ޑޮންބާސް ސަރަޙައްދެވެ. އެއީ ޔުކްރޭންގެ ޞިނާޢަތުގެ ހިތެވެ. ޙަޤީޤަތަށް ބަލާއިރު މި ސަރަޙައްދަށް އަތްގަދަކުރުމަށް ރަޝިޔާއިން މަސައްކަތް ކުރާތާ އަށް އަހަރުވެއްޖެއެވެ.
މީގެ އިތުރަށް ރަޝިޔާ ސިފައިން ވަނީ ޔުކްރޭންގެ ދެކުނާއި އިރުމަތީގެ އިސްތިރާތީޖީ އައްސޭރިފަށުގެ އެތައް ސަހަރުތަކެއް ހިފައިފައެވެ. އޭގެ ތެރޭގައި މަރިއަޕޮލްއާއި ޚީރްސަން ހިމެނެއެވެ. މިހާރު އެންމެ ބޮޑަށް ހަނގުރާމަ ހިނގަމުންދަނީ އޮޑީސާގައެވެ. ޔުކްރޭނުގެ ވިޔަފާރިތަކަށް ބޭނުންވާ ކަނޑުގެ މުހިއްމު ބަނދަރުތައް އޮތީ މި ސަހަރުތަކުގައެވެ.މި ކަމުގެ ސަބަބުން ރަޝިޔާއަށް ވަނީ ކްރިމިޔާ ސަރަޙައްދު ޑޮންބާސް ސަރަޙައްދާ އެއްގަމު މަގުން ގުޅުވައިލެވިފައެވެ. މި ސަހަރުތަކަކީ ކަޅު ކަނޑުގެ އައްސޭރީގެ ރަށްތަކަކެވެ. އަދި މި ރަށްތައް ވަނީ އާޒޯފް ކަނޑާ ވެސް ގުޅިފައެވެ.
ހަނގުރާމަ ހިނގަމުންދާ މުހިއްމު ސަހަރުތަކުގެ ތެރޭގައި ޚާރުކީވް ހިމެނެއެވެ. މި ސަހަރަކީ ޔުކްރޭންގެ އިޤްތިޞާދީ ވެރިރަށެވެ. ރަޝިޔާއިން މިހާރު ކުރަމުންދާ ހަނގުރާމައަށް ބަލާއިރު މިއީ އިސްތިރާތީޖީ ގޮތުން މޮސްކޯއަށް މުހިއްމު ރަށެކެވެ.
ޔުކްރޭންގައި ހުރި ހަކަތައިގެ ރިސޯސްތައް
ބޯޓުދެއްޔާއި ތެލާއި ގޭސްފަދަ ހަކަތައިގެ މުއްސަނދިކަމަށް ބަލާއިރު އެންމެ މުއްސަނދި ޤައުމަކީ ރަޝިޔާއެވެ. ޔޫރަޕަށް ހަކަތަ އެންމެ ބޮޑަށް ފޮނުވާދޭ ޤައުމަކީ ވެސް ރަޝިޔާއެވެ. ރަޝިޔާގެ ގޭހާއި ތެލާ ދުރަށް ދިޔުމަށް ޔޫރަޕުން މަސައްކަތް ކުރަމުންދާއިރު ރަޝިޔާއިން ވެސް ދަނީ އެ ޤައުމުގެ ތެލާއި ގޭސް ވިއްކާނެ އެހެން ބާޒާރުތައް ހޯދަމުންނެވެ.
އެމެރިކާގެ ފޮރިން ޕޮލސީ މަޖައްލާ ބުނާގޮތުގައި ޔުކްރޭނަކީ ޔޫރަޕްގައި ދެވަނައަށް އޮތް ތެލާއި ގޭހުގެ ރިޒާވެވެ. ޔުކްރޭނުގައި އަދި ވަނީ މި މުއްސަނދިކަމުގެ ބޭނުން ރަނގަޅުގޮތުގައި ހިފަން ނުފެށިއެވެ.ޔުކްރޭނަށް ބޭނުންވާ ޠަބީޢީ ގޭހުގެ ތިންބައި ކުޅަ އެއްބައި ހޯދަނީ ބޭރުންނެވެ. ޔުކްރޭނުގެ ގޭހުގެ މުއްސަނދިކަމުގެ 72% މިއަދު އޮތީ ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައެވެ.
ބޯޓުދެއްޔަށް ބަލާއިރު ޔުކްރޭނަކީ ދުނިޔޭގައި އޭގެ މުއްސނދިކަން އެންމެ ބޮޑަށް އޮތް ޤައުމެވެ. މި މުއްސަނދިކަން އޮތީ ޑޮންބާސް ސަރަޙައްދުގައެވެ. ރަޝިޔާއިން ވަނީ ބޯޓުދެލީގެ ހުރިހާ ވަޅުތަކެއް ހިފައިފައެވެ. ބޯޓުދެލީގެ މުއްސަނދިކަމުން ވެސް ފައިދާ ހޯދުމުގެ މަޝްރޫޢުތައް އަދި އޮތީ ވަރަށް އާދައިގެ ފެންވަރެއްގައެވެ.
މީގެއިތުރަށް ޔުކްރޭނަކީ ރަޝިޔާގެ ގޭސް ޔޫރަޕަށް އެތެރެކުރުމުގައި ބޭނުން ކުރާ އެންމެ މުހިއްމު މަގުތަކުގެ ތެރެއިން މަގެކެވެ. މި މަގު މިހާރު އޮތީ ރަޝިޔާގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުގައެވެ.
ޔުކްރޭނަށް ބޭނުންވާ ހަކަތައިގެ ބާވަތްތައް ލިބެމުން ދިޔައީ ރަޝިޔާއިންނެވެ. މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި ޙާލަތު ދުވަހެއް ދުވަހަކަށް ނުބައިވަމުންދާނެ ކަމަށް ފެނެއެވެ. ރަޝިޔާއިން އޮޑީސާ ހިފައިފިނަމަ މި ޙާލަތު އިތުރަށް ނުބައިވެގެންދާނެއެވެ. މި ކަމުގެ ސަބަބުން ޔުކްރޭންގެ އައްސޭރިފަށުގެ ހުރިހާ ބަނދަރުތަކެއް މޮސްކޯގެ ބާރުގެ ދަށަށް ދާނެތީއެވެ.
ނާދިރު މަޢުދަންތަކުގެ ބޮޑު ބާރެއް
ދުނިޔޭގެ ޞިނާޢީ މަސައްކަތަށް ބޭނުންވާ ވަރަށް މުހިއްމު އެތައް މަޢުދަނުތަކެއް ޔުކްރޭންގައި އެބަ ހުއްޓެވެ. މި ވަގުތަށް ބަލާއިރު ދުނިޔޭގެ ޞިނާޢަތްތަކަށް ބޭނުންވާ ނާދިރު މަޢުދަންތައް އެންމެ ގިނައިން ހުރި ފަސްވަނަ ޤައުމަކީ ޔުކްރޭނެވެ. މި މަޢުދަންތަކުގެ ރިޒާވަށް ބަލާއިރު ޔުކްރޭންގެ މަޤާމު މިއަށްވުރެ ވެސް މައްޗަށް ދާނެއެވެ.
އަންދާސީ ބައެއް ދިރާސާތައް ބުނާގޮތުގައި ޔުކްރޭންގައި ހުރި ތަފާތު މަޢުދަންތަކުގެ އަގު ތިން ޓްރިލިއަނާއި 13 ޓްރިލިއަނާ ދެމެދުގެ މިންވަރަކަށް އަގު ކުރެވޭނެއެވެ. އެހެނަސް އެ ޤައުމަށް އަހަރަކު އުފެއްދެނީ 15 ބިލިއަން ޑޮލަރުގެ އެއްޗެއްސެވެ. މި ދިރާސާތައް ބުނާގޮތުގައި ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ 120 މާއްދާގެ ތެރެއިން ޔުކްރޭންގައި 117 މާއްދާ އެބަ ހުއްޓެވެ. އޭގެ ތެރޭގައި ޓައިޓޭނިއަމާއި ދަގަނޑާއި ނީކަލާއި ނިޔޯނާއި ލޫތިޔަމާއި ލޮއި ހިމެނެއެވެ. މި މަޢުދަންތައް މިއަދު ހުރީ ރަޝިޔާއިން ހިފާފައިވާ ސަރަޙައްދުތަކުގައެވެ.
މީގެ އިތުރަށް ޔުކްރޭނަކީ ނާދިރު ވަރަށް ގިނަ މަޢުދަންތައް ހުރި ޤައުމެކެވެ.އޭގެ ތެރޭގައި ބްރިލިއަމާއި ނިއުބިއުމާއި ޓެންޓަލޯމު ހިމެނެއެވެ. މި މައުދަންތައް ހުރި ސަރަޙައްދުތައް ވެސް މިހާރު އޮތީ ރޫސީ ސިފައިން ހިފާފައިވާ ސަރަޙައްދުތަކުގެ ތެރޭގައެވެ.
ޔޫރަޕްގެ އިއްތިޙާދުން މަސައްކަތް ކުރަމުން ދަނީ މި މަޢުދަންތައް ނެރުމަށް ޓަކައި ޔުކްރޭންގައި ވުނަކުރުމަށެވެ. އަދި މިފަދަ މާއްދާތައް ހޯދުމަށް ޓަކައި ޗައިނާއަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭތޯއެވެ.
ކާބޯތަކެތީގެ ޞިނާޢަތްތައް
ޔުކްރޭނަކީ ކާބޯތަކެތި އުފައްދާ ކާބޯތަކެތި ބޭރު ކުރާ މުހިއްމު ޤައުމެކެވެ. މެދުއިރުމަތީގެ ޤައުމުތަކަށް ބޭނުންވާ ގޮދަނުގެ ބޮޑު ބައެއް އެތެރެ ކުރަނީ ޔުކްރޭނުންނެވެ.
ފޮރިންޕޮލޮސީ މަޖައްލާ ބުނާގޮތުގައި 2021ށް ބަލާއިރު ދުނިޔެއަށް ބޭނުންވި ގޮދަނުގެ 12% ބޭރުކޮށްފައި ވަނީ ޔުކްރޭނުންނެވެ. އަދި ޒުވާރީގެ 16% އާއި ހިމަގޮދަނުގެ 18% ދުނިޔެއަށް ބޭނުންވި ސަންފްލާވަރު ތެލުގެ 50% ބޭރުކޮށްފައި ވަނީ ޔުކްރޭނުންނެވެ.
ގޮދަނާއި ޒުވާރިއާއި ހިމަގޮދަނާއި ކައްކަން ބޭނުންކުރާ ތެޔޮފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކައިގެން ޔުކްރޭނަށް 2021ގައި 28 ބިލިޔަން ޑޮލަރު ލިބިފައި ވެއެވެ. ޔުކްރޭނުން ކާބޯތަކެތި ވިއްކާ މުހިއްމު ޤައުމުތަކަކީ އިންޑިއާއި އިންޑޮނޭޝިޔާއާއި މިޞްރާއި ތުރްކީއާއި އިތިޔޯޕިއާއާއި ޔަމަނުފަދަ ތިންވަނަ ދުނިޔޭގެ ޤައުމުތަކެވެ. މި ދަނޑުތައް މިހާރު އޮތީ ރަޝިޔާއިން ހިފާފައިވާ ސަރަޙައްދުތަކުގައެވެ. މި ހަނގުރާމައިގެ ސަބަބުން ބައެއް ދަނޑުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފައެވެ.
މި ހަނގުރާމަ ދިގު މުއްދަތަކަށްފަހު ޔުކްރޭނާ އެއްކޮޅަށް ނިމޭނެ ކަމަށް ބަލަމާތޯއެވެ. އެކަމުގެ ގެއްލުން ދުނިޔެއަށް ވަރަށް ބޮޑަށް ކުރާނެކަން ކަށަވަރެވެ. ހަނގުރާމަ ހުއްޓުމަށްފަހު ދަނޑުތައް ރަނގަޅު ކުރުމަށާއި ވުނަކުރުމުގެ މަޝްރޫޢުތައް އަލުން ފެށުމަށް ފައިސާއަށާއި ވަގުތަށް ބޭނުންވާނެއެވެ.
މި ސަރަޙައްދުތައް ރަޝިޔާގެ ދަށުގައި އޮވެއްޖެނަމަ ކަނޑުމަގުން ޔުކްރޭނަށް އެއްވެސް އެއްޗެއް ބޭރުނުކުރެވޭނެތީ މި ކަން ކުރަން ޖެހޭނީ އެއްގަމު މަގުންނެވެ. އޭރުން މުދާތަކުގެ އަގު ވަރަށް މައްޗަށް އުފުލިގެން ދާނެއެވެ.
މި ކަމުގެ އަސަރު ޔުކްރޭނަށް ކުރާއިރު މުޅި ދުނިޔެއަށް ވެސް މި ކަމުގެ ނުބައި އަސަރު ކުރާނެތެވެ. އަގުބޮޑުވުމުގެ ސަބަބުންނާއި މި އެއްޗެހި އުފެއްދުން މަދުވުމުގެ ސަބަބުންނެވެ. މި ކަމުގެ ފައިދާ ކުރާނީ ރަޝިޔާއަށެވެ. ރަޝިޔާއާ ވާދަކުރަން އޮތް ޔުކްރޭން ނެތުމުންނެވެ.



advertisment