ޕާކިސްތާނުގެ އައު ބޮޑުވަޒީރު ޝަހްބާޒު ޝަރީފު އޭނާގެ ސަރުކާރުގެ ޚާރިޖީ ވަޒީރުކަމަށް ބޭނަޒީރު ބުއްޓޫގެ ދަރިކަލުން ބިލާވަލް ބުއްޓޫ ޒަރްދާރީ މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ބުއްޓޫ ޒަރްދާރީއަކީ، 33، އަކީ ޕާކިސްތާނުގެ ޕީޕަލްސް ޕާޓީގެ ޒަޢީމެވެ. މިމަހު ނުވަ ވަނަ ދުވަހު ބޮޑުވަޒީރު ޢިމްރާން ޚާންގެ ސަރުކާރު ވައްޓައިލީ ބުއްޓޫގެ ޕާޓީގެ ތާއީދާއެކު ނެގި އިތުބާރު ނެތްކަމުގެ ވޯޓުންނެވެ.
ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ އަވަހާރަކޮށްލި ބޭނަޒީރުގެ ދަރިކަލުންނަކީ ލިބަރަލް ސިޔާސީއެކެވެ. އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކާއެކު ގުޅުންތައް ރަނގަޅު ކުރުމަށް ޓަކައި އޭނާއަކީ ވަރަށް ޤާބިލު ބޭފުޅެއް ކަމަށް ދާރިސުން ވިދާޅުވެއެވެ. ބުއްޓޫ ޒަރްދާރީ ކިޔަވާ ވިދާޅުވީ އޮކްސްފޯރޑް ޔުނިވަރސިޓީންނެވެ. އޭނާގެ މަންމާފުޅު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލައިފައި ވަނީ 2007ގައި އިންތިޚާބީ ޙަމަލާތަކުގެ ތެރޭގައި ދިން ބޮމުގެ ޙަމަލާއެއްގައެވެ. އޭނާގެ ކާފާފުޅު ޛުލްފިޤާރު ޢަލީ ބުއްޓޫއަކީ ޕާކިސްތާނުގައި ޚާރިޖީ ވަޒީރުކަމާއި ބޮޑުވަޒީރުކަން ކުރެއްވި ސިޔާސީ މުޙައްނިކެކެވެ.
ޖެނެރަލް ޟިޔާއުލް ޙައްޤު 1979ވަނަ އަހަރު ގެންނެވި އިންޤިލާބަށް ފަހު ޛުލްފިޤާރު ޢަލީ ބުއްޓޫއަށް ވަނީ މަރުގެ އަދަބު ދީފައެވެ.
މާދަމާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒު ޝަރީފު ސުޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި ބުއްޓޫ ޒަރްދާރީ ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ޝަހްބާޒު ޝަރީފުގެ މި ދަތރުފުޅުގެ އަމާޒަކީ އިޤްތިޞާދީ ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރެއްވުމާއި ވުނަކުރުމުގެ ތަފާތު މަޝްރޫޢުތަކަށް ބޭނުންވާ އެހީ ހޯއްދެވުމާއި ސުޢޫދީ ޢަރަބިއްޔާގައި މަސައްކަތް ކުރާ ޕާކިސްތާނު މީހުންގެ ޢަދަދު އިތުރު ކުރެއްވުމެވެ.މި ދަތުރުފުޅުގައި ބައިނަލްއަޤްވާމީ މަސްއަލަތަކާއި ސަރަޙައްދީ ތަފާތު މަސްއަލަތަކާ ބެހޭގޮތުން ޝަރީފު ސުޢޫދީ މަސްއޫލުވެރީންނާއެކު ބަހުސްކުރައްވާނެއެވެ.
ޝަހްބާޒު ޝަރީފު ވިދާޅުވާ ގޮތުގައި އެމެރިކާއާ ދުޝްމަނުވާނެ ޤާބިލުކަން އިސްލާމްއާބާދަށް ލިބިގެން ނުވެއެވެ. އޭނާ ވިދާޅުވާގޮތުގައި ވޮޝިންގްޓަނާއެކު ގުޅުންތައް ރަނގަޅު ކުރުމަކީ އިސްލާމް އާބާދަށް ޟަރޫރަތެކެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ތުހްމަތު ކުރައްވާ ގޮތުގައި އޭނާގެ ސަރުކާރު ވައްޓައިލީ ވޮޝިންގްޓަނުންނެވެ. އެއީ އޭނާ އެމެރިކާގެ އަޅަކަށް ވުމާ ދެކޮޅު ހައްދަވާތީއެވެ.



advertisment