Support Us

މަރިއަޕޮލްގެ ކާރުޚާނާގައި ބަންދުވެފައި ތިބި ޢާންމުން ބޭރަށް ނެރުމުގައި އދގެ ދައުރަކަށް ޕޫޓިން އެއްބަސްވެވަޑައިގެންފި

ޔުކްރޭންގެ މަރިއަޕޮލްގެ އާޒޯވުސްޓާލް ކާރުޚާނާގައި ބަންދުވެފައި ތިބި ޔުކްރޭންގެ ޢާންމުން އެތަނުން ބޭރަށް ނެރުމުގައި އދއާއި ބައިނަލްއަޤްވާމީ ރެޑް ކްރޮސް ޖަމްޢިއްޔާއަށް ބައިވެރިވެވިދާނެ ކަމަށް ރޫސީ ރައީސް ޕޫޓިން އުޞޫލެއްގެ ގޮތުން އެއްބަސްވެ ވަޑައިގަންނަވައިފިއެވެ.

އދގެ އަމީން ޢާންމު އެންޓޯނިޔޯ ގުޓެރެސް މިއަދު ރޫސީ ރައީސާ ބައްދަލު ކުރެއްވުމާ ވިދިގެން އދގެ އަމީން ޢާންމުގެ ރަސްމީ ތަރްޖަމާނު ސްޓެފަން ޑޮޖާރެކް މި ބައްދަލުވުމާ ބެހޭގޮތުން މިއަދު ބަޔާނެއް ނެރުއްވިއެވެ.

ޔުކްރޭންގެ މަރިއަޕޮލްގެ އާޒޯވުސްޓާލް ކާރުޚާނާއަކީ ރޫސީ ސިފައިންގެ ބާރުގެ ދަށަށް ނުގޮސް އެ ސަހަރުގައި ހުރި އެންމެ ފަހު ކިއްލާއެވެ.

އދގެ ބަޔާން ބުނާގޮތުގައި އދގެ އަމީން ޢާންމު އެންޓޯނިޔޯ ގުޓަރެސް ރޫސީ އިއްތިޙާދުގެ ރައީސް ވްލަޑިމީރު ޕޫޓިނާ މޮސްކޯގައި ބައްދަލު ކުރެއްވީ މިއަދު މެންދުރުފަހުންނެވެ. ޔުކްރޭންގެ މަސްއަލައާ ބެހޭގޮތުން އދ ދެކޭގޮތް ގުޓަރެސް ރައީސް ޕޫޓިނަށް ކަށަވަރުކޮށް ދެއްވިއެވެ.

މި ބަޔާން ބުނާގޮތުގައި އެ ދެބޭފުޅުން އިންސާނީ އެހީއާއި ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގައި ތާށިވާ ޢާންމުން ބޭރަށް ނެރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބަޔާން ބުނާގޮތުގައި ރައީސް ޕޫޓިން މި މަސައްކަތުގައި އދ އާއި ރެޑް ކްރޮސް ޖަމްޢިއްޔާ ބައިވެރިކުރުމަށް އުޞޫލެއްގެ ގޮތުން އެއްބަސްވެ ވަޑައިގެންނެވިއެވެ. މި ބަޔާން ބުނާގޮތުގައި މި ކަމާ ބެހޭގޮތުން ރޫސީ ދިފާޢީ ވުޒާރާއާ އިންސާނީ އެހީއާ ބެހޭ އދގެ އޮފީހާ ދެމެދުގައި ވިލަރެސް ކުރެވޭނެއެވެ.

ރޫސީ ސިފައިން ކުރިއަށް

ހަނގުރާމައިގެ މައިދާނާ ބެހޭގޮތުން ޔުކްރޭނުން ބުނާގޮތުގައި ރޫސީ ސިފައިންގެ ފައުޖުތައް އިރުމަތީ ޔުކްރޭނުގައްޔާއި ދެކުނު ސަރަޙައްދުގައި  ކުރިއަރަމުން އެބަ އާދެއެވެ.

ޔުކްރޭނުން ބުނާގޮތުގައި ރޫސީ ސިފައިން ޑޮންބަސް ސަރަޙައްދުގެ ޑޮނެޓްސްކް ސަރަހައްދުން ދެ ރަށެއް ހިފައިފިއެވެ. ޔުކްރޭން ބުނާގޮތުގައި ލޮގަންސްކާއި ޑޮނެޓްސްކް ސަރަޙައްދުގައި ރޫސީ ސިފައިން ހަ ޙަމަލާއެއް ހުއްޓުވުނެވެ. ޔުކްރޭންގެ ސިފައިންގެ ޗީފް އޮފް ސްޓާފުގެ އޮފީހުން ނެރުނު ބަޔާނެއް ބުނާގޮތުގައި ރޫސީ ސިފައިން ކުރިއަރަމުން އަންނަނީ ޚާރުކީވް ސަރަޙައްދުގެ އީޒްޔޫމް މައިދާނުގައެވެ.

ޑޮންބަސް ސަރަޙައްދުގައި ހިގަމުންދާ ހަނގުރާމައާ ބެހޭގޮތުން ޔުކްރޭންގެ ރައީސްގެ މުޝީރު އެލެކްސީ އެރިސްޓޯވިޗް ވިދާޅުވާގޮތުގައި ރޫސީ ސިފައިން މަސައްކަތް ކުރަމުންދަނީ ޔުކްރޭން ސިފައިންގެ ފައުޖުތައް ޙިޞާރު ކުރެވޭތޯއެވެ.

އަނެއްކޮޅުން ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ޔުކްރޭންގެ އިރުދެކުނު ސަރަޙައްދެއް ކަމުގައިވާ ޚާރްސަންގައި ޔުކްރޭން ސިފައިންގެ ބާރު މިހާރު ވަނީ ނައްތައިލެވިފައެވެ. ޚަރްސަން ހިފިއްޖެނަމަ  ރަޝިޔާއަށް އެއްގަމުމަގުން ކްރިމިޔާ ގުޅުވައިލެވޭނެއެވެ.

ރަޝިޔާގެ އިންޒާރެއް

އަނެއްކޮޅުން ބަލާއިރު ރަޝިޔާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ އަމީންޢާންމު ނިކޮލައި ޕެޓްރޮޝޭވް ވިދާޅުވާގޮތުގައި ވޮޝިންގްޓަންއާއި "ކިޔޭވްގެ ނިޒާމު"ގެ ސަބަބުން ޔުކްރޭނިޔާ ހަލާކުވެ އެތައް ދައުލަތްތަކަކަށް ކުދިކުދިވެގެން ހިނގައިދާނެކަމުގެ ބިރު ދަނީ ބޮޑުވަމުންނެވެ. އޭނާ ނޫސްވެރީންނަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މާޒީއާއި މިއަދުގެ ޙާލަތަށް ބަލާއިރު ބައިނަލްއަޤްވާމީ ގަޑުބަޑުތަކުގެ ސަބަބަކީ ވޮޝިންގްޓަންގެ ސިޔާސަތެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނުން ޔޫރަޕްގެ ޤައުމުތަކަށް ދާ މީހުންގެ ޢަދަދު 10 މިލިއަންވުރެ ގިނަވެގެންދާނެއެވެ.އޭނާ އިންޒާރު ކުރެއްވި ގޮތުގައި މި ކަމުގެ ސަބަބުން ޔޫރަޕްގައި ސިޔާސީ އަދި އިޤްތިޞާދީ ގަޑުބަޑުތައް އުފެދިގެންދާނެއެވެ. ނަތީޖާއަކަށް ވާނީ އެ ޤައުމުތަކުގެ ލާދަ މައްޗަށް ގޮސް ފަރްދުންގެ އާމްދަނީ ދަށަށް ދިޔުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *