ތުރްކީގައި އުފައްދައިފައިވާ ބައިރަޤްދާރު ޑްރޯން ރަޝިޔާގެ ކުރިމަތީގައި ކާމިޔާބު ހަތިޔާރަކަށް ނުވުމުން އެމެރިކާއިން ޔުކްރޭނަށް "ރީޕަރ ޑްރޯން" ދޭން ގަސްތުކުރާ ކަމަށް ވޮޝިންގްޓަނުން ބުނެފިއެވެ.
ޔުކްރޭނުގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި އެމެރިކާގެ MQ-9 Reaper ޑްރޯން ރަނގަޅު ބަދީލަކަށް ވާނެއެވެ.
ރީޕަރ ޑްރޯނަކީ އެތައް ޑްރޯންތަކަކާއި މި ޑްރޯންތައް ކޮންޓްރޯލް ކުރާ އިސްޓޭޝަނަކުން އެކުލެވިގެންވާ ނިޒާމެކެވެ. މިއިން ނިޒާމެއްގެ އަގަކީ 30 މިލިއަން ޑޮލަރެވެ. މި ނިޒާމު އެމެރިކާގެ ޢަސްކަރިއްޔާގެ ޚިދްމަތަށް ނެރެފައި ވަނީ 2007ވަނަ އަހަރުގައެވެ. އެމެރިކާއިން 2007ގައި މި ނިޒާމު އަފްޣާނިސްތާނުގައި ވަނީ ބޭނުންކޮށްފައެވެ. އެމެރިކާގެ ޕްރޮޕަގެންޑާތައް ބުނާގޮތުގައި މިއީ އެތައް މަސައްކަތްތަކެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ވަރަށް ޤާބިލު ނިޒާމެކެވެ.
މި ޑްރޯނަށް ޖައްވުގެ ތެރޭގައި 27 ގަޑިއިރު އުދުހެވޭނެއެވެ. މި ޑްރޯންގެ ދުވެއްޔަކީ ގަޑިއަކު 400 ކީލޯމީޓަރެވެ. މި ޑްރޯނަށް 15 ހާސް މީޓަރު މަތީގައި މަސައްކަތްކުރެވޭނެއެވެ. މިސައިލާއި ބޮން ފަދަ 680 ކީލޯގްރާމުގެ ގޮވާ އެއްޗެހި އުފުލުމުގެ ބާރު ލިބިފައިވާ ރީޕަރ ޑްރޯނަށް ހަ ހާސް ކީލޯމީޓަރުގެ މައިދާނެއްގައި މަސައްކަތް ކުރެވޭނެއެވެ.
އަލްޤާޢިދާގެ އިސް މަސްއޫލުވެރިއެއް ކަމުގައިވާ އައްޝައިޚުލް މިޞްރީ 2010ވަނަ އަހަރު އެމެރިކާއިން އަވަހާރަކޮށްލީ މި ޑްރޯން ބޭނުންކޮށްގެންނެވެ. އެއަށްފަހު 2020ގެ ކުރީކޮޅުގައި އީރާނުގެ އިންޤިލާބީ ލަޝްކަރުގެ އިސް މަސްއޫލުވެރިއެއް ކަމުގައިވާ ޤާސިމު ސުލައިމާނީ ވެސް އަވަހާރަކޮށްލީ ވެސް މި ބާވަތުގެ ޑްރޯނަކުން ޙަމަލާދީގެންނެވެ.
ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މި ބޭބޭފުޅުން އަވަހާރަކޮށްލަން މި ދިން ޙަމަލާތައް ދީފައިވަނީ އެމެރިކާގެ މި ޑްރޯން ނިޒާމާ އިދިކޮޅު ދުޝްމަނުންގެ ހަތިޔާރެއް ނެތް ވެށިތަކެއްގައެވެ.
ނަމަވެސް އެމެރިކާގެ ޢަސްކަރީ ރިޓަޔަރޑް ޖެނެރަލެއް ކަމުގައިވާ ކެނެތު މެކެންޒީ ވިދާޅުވާ ގޮތުގައި މި ޑްރޯނަކީ ދުވެލި ތަތް އެއްޗެކެވެ. މި ޒަމާނުގެ ޖައްވީ ދިފާޢީ ނިޒާމުތަކުގެ ކުރިމަތީގައި މި ޑްރޯނަށް ކަމެއް ކުރެވޭނެހެނެއް ހީއެއް ނުވެއެވެ.
މި ނިޒާމު ބޭނުންކުރުމަށް ޓަކައި މަދުވެގެން އެއް އަހަރު ދުވަހުގެ ތަމްރީނު ބޭނުންވާނެއެވެ. އެހެންކަމުން މި ނިޒާމަކީ ފައިދާ ހުރި ހަތިޔާރަކަށް ނުވާނެއެވެ. ޕެންޓަގަން ބުނާގޮތުގައި 2011ން ފެށިގެން އެމެރިކާއަށް މި ބާވަތުގެ 11 ޑްރޯން ގެއްލިފައި ވެއެވެ.



advertisment