Support Us

އަލްމަސްޖިދުލް ޙަރާމުގައި އިޢުތިކާފަށް ތިބޭ މީހުންނަށް ފަސް ކްލިނިކް ޤާއިމުކޮށްފި

ރަމަޟާންމަހު އަލްމަސްޖިދުލް ޙަރާމުގައި އިޢުތިކާފަށް ތިބޭ މީހުންނަށް ޓަކައި ދެ ޙަރަންފުޅު ބަލަހައްޓާ އިދާރާއިން ފަސް ކްލިނިކް ޤާއިމުކޮށްފިއެވެ. މީގެ ތެރެއިން ދެ ކްލިނިކް ޚާއްޞަކުރެވިފައި ވަނީ ފިރިހެނުންނަށެވެ. އަނެއް ތިން ކްލިނިކް، އަންހެނުންނަށެވެ.

ސުޢޫދީ ނޫސް އޭޖެންސީ (ވާސް) ބުނާގޮތުގައި މި ކްލިނިކްތަކުން އިޖްތިމާޢީ ޚިދްމަތްތަކާއި ޞިއްޙީ ޚިދްމަތްތަކާއި އެހެނިހެން ބާވަތްތަކުގެ ދަރުމަވެރި ޚިދްމަތްތައް ލިބޭނެއެވެ. ދެ ޙަރަންފުޅުގެ އިދާރާގެ މަސްއޫލުވެރީންނާ ޙަވާލާދީ މި އޭޖެންސީ ބުނާގޮތުގައި މި ކްލިނިކްތަކުން ބޭސްފަރުވާއާއި ޞިއްހީ އިރްޝާދާއި ދީނީ މަސްއަލަތަކާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތައް ހިންގާނެއެވެ. މި ކްލިނިކްތަކުގައި ދެވޭ ޚިދްމަތްތައް ދެވެނީ ޞިއްޙީ ދަރުމަވެރި މަސައްކަތްތަކާ ބެހޭ ސުޢޫދީ ވިދާރާ (އެކަޑަމީ) އާ ގުޅިގެންނެވެ. މި ކްލިނިކްތަކުގައި ޑަކްޓަރުންނަށް ދައްކައި ބޭސް ހިލޭ ލިބޭނެއެވެ. މި ކްލިނިކްތަކުގައި މަސައްކަތްކުރާ ޑަކްޓަރުން ވެސް ބަލިމީހުން ބަލައި ޞިއްޙީ ފަރުވާ ދޭނީ ހިލޭސާބަހަށް، ދަރުމައަށެވެ.

އަނެއްކޮޅުން އަލްމަސްޖިދުއްނަބަވީގެ އިދާރާއިން ބުނާގޮތުގައި އެ އިދާރާއިން ނަބަވީ ޙަރަންފުޅުގައި މުޞްޙަފާއި ތަފާތު ބަސްބަހަށް ތަރްޖަމާކުރެވިފައިވާ ޤުރްއާނުގެ ކޮޕީތައް ލިބޭނެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ. އަދި ލޯފަން މީހުންނަށް ޚާއްޞަ ބްރިއަލް ޚަތިމުވެސް ނަބަވީ ޙަރަންފުޅުން ލިބެން ހުންނާނެ ކަމަށް މި ޙަރަންފުޅާ ބެހޭ އިދާރާއިން ބުންޏެވެ.

ނަބަވީ ޙަރަންފުޅުގެ މުޞްޙަފާ ބެހޭ ޔުނިޓްގެ ރައީސް ޞާލިޙުއްސުމައިރީ ވިދާޅުވާގޮތުގައި އަލްމަސްޖިދުއްނަބަވީގައި 155 ހާސް މުޞްޙަފާއި 52 ބަހަށް ތަރްޖަމާ ކުރެވިފައިވާ ޤުރްއާނުގެ ތަރްޖަމާތައް ހުންނާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އަލްމަސްޖިދުއްނަބަވީގައި މިހާރު ހުރި މުޞްޙަފުތަކަކީ މުޞްޙަފު ޗާޕުކުރާ ފަހްދު ރަސްގެފާނު އެކުވެނިން ޗާޕުކޮށްފައިވާ އެންމެ ފަހު ޗާޕުގެ މުޞްޙަފުތަކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *