Support Us

ޢަސްކަރިއްޔާތަކަށް ކުރާ ހޭދަ ފުރަތަމަ ފަހަރަށް ދެ ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް

ދުނިޔޭގައި ޢަސްކަރީ ކަންކަމަށް ކުރާ ހޭދަ ފުރަތަމަ ފަހަރަށް ދެ ޓްރިއަން ޑޮލަރަށްވުރެ މައްޗަށް ހިނގައްޖެއެވެ. މި ޢަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ދިރާސާތައް ލަފާކުރެއެވެ. މި ކަމުގެ ސަބަބުތަކުގެ ތެރޭގައި ރޫސީ- ޔުކްރޭން ހަނގުރާމަ ހިމެނެއެވެ.

ސުލްޙައާބެހޭ ދިރާސާތައް ކުރާ ސްޓޮކްހޮލްމް ބައިނަލްއަޤްވާމީ މަރްކަޒު ބުނާގޮތުގައި 2021ވަނަ އަހަރު ދުނިޔޭގެ ތަފާތު ޤައުމުތަކުން ޢަސްކަރީ ކަންކަމަށް ކޮށްފައިވާ ހޭދަ ވަނީ 2113 ބިލިއަން ޑޮލަރަށް އަރައިފައެވެ. އެއީ އޭގެ ކުރީ އަހަރަށްވުރެ 0.7 % އިތުރު މިންވަރެކެވެ. އެމެރިކާގެ ބްލޫމްބަރގް އޭޖެންސީ މި މަރްކަޒުގެ ދިރާސާއާ ޙަވާލާދީ ބުނާގޮތުގައި 2011ވަނަ އަހަރާއި 2014ވަނަ އަހަރާ ދެމެދުގައި ޢަސްކަރީ ޚަރަދު ވަނީ މަދުވެފައެވެ. އެއަށްފަހު އައި ހަތް އަހަރުގެ ތެރޭގައި މި ހޭދަތައް ވަނީ އިތުރުވެފައެވެ. ރަޝިޔާއިން ޔުކްރޭނިޔާއަށް ދޭން ފެށި ޢަސްކަރީ ޙަމަލާތަކާ ވިދިގެން ޔޫރަޕްގެ ވަރަށް ގިނަ ޤައުމުތަކަކުން ވަނީ ޢަސްކަރީ ކަންކަމަށް ކުރާ ހޭދަ އިތުރުކުރާނެ ކަމަށް ބުނެފައެވެ.

ސްޓޮކްހޮލްމް މަރްކަޒުގެ ޢަސްކަރީ ހޭދަކުރުންތަކާ ބެހޭ ޕްރޮގްރާމުގެ ޑިރެކްޓަރު ލޫސީ ސުޑްރޯ ވިދާޅުވާގޮތުގައި ޔޫރަޕްގައި ޢަސްކަރީ ހޭދަކުރުންތައް ދަނީ އިތުރުވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ޢަސްކަރީ ހޭދަކުރުންތައް ޢާންމު ގޮތެއްގައި އިތުރުވަމުން ގޮސްފައިވަނީ މަޑުމަޑުންނެވެ. އެހެނަސް ފަހަކަށް އައިސް މި ބައްޓަމަށް ހަލުވި ބަދަލުތަކެއް ދަނީ އަންނަމުންނެވެ.

ބްލޫމްބަރގް ބުނާގޮތުގައި 2021ގައި ޢަސްކަރީ ހޭދަތަކަށް ޔޫރަޕުން ކޮށްފައިވާ ހޭދަތައް ވަނީ މުޅި ދުނިޔޭގެ ހޭދައިގެ 20% އާ އެއްވަރަށް މައްޗަށް ގޮސްފައެވެ. މި އޭޖެންސީ ބުނާގޮތުގައި އެމެރިކާއަށް ފަހު ޢަސްކަރީ ކަންކަމަށް ދެވަނައަށް އެންމެ ބޮޑަށް ހޭދަކުރާ ޤައުމަކީ ޗައިނާއެވެ. ޗައިނާއިން ހޭދަކުރާ މިންވަރަކީ މުޅިދުނިޔޭގެ 14 % އެވެ.

ސްޓޮކްހޮލްމް މަރްކަޒުގެ ޑިރެކްޓަރު ވިދާޅުވާ ގޮތުގައި ޢަސްކަރީ ހޭދަތައް އިތުރުވަމުން ދަނީ ހަތިޔާރުގެ ނިޒާމުތައް ޒަމާނީ ކުރުމަށާއި އިތުރަށް ތަރައްޤީ ކުރުމަށެވެ.

މި މަރްކަޒުގެ މި ދިރާސާ ބުނާގޮތުގައި އަދިވެސް ޢަސްކަރީ ކަންކަމަށް އެންމެ ގިނައިން ހޭދަކުރަނީ އެމެރިކާއެވެ. އެއީ ދުނިޔޭގެ ހޭދަކުރުމަށް ބަލާއިރު 39 % އެވެ. މި ދިރާސާ ބުނާގޮތުގައި އެމެރިކާއިން އިސްކަންދެނީ އައު ޖީލުގެ ފަންނިއްޔާތު ކުރިއެރުވުމަށެވެ.

މި ދިރާސާ ބުނާގޮތުގައި ރަޝިޔާއިން ހޭދަކުރާ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވޭތުވެދިޔަ ތިން އަހަރު ރަޝިޔާއިން ވަނީ އެ ޤައުމުގެ ޢަސްކަރިއްޔާއަށް ކުރާ ހޭދަ 65.9 ބިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ. ރަޝިޔާއިން އެ ޤައުމުގެ ދިފާޢީ ކަންކަމަށް އެ ޤައުމުގެ ހަތަވިވަރުން 4.1 % ހޭދަކުރާކަމަށް މި ދިރާސާ ބުނެއެވެ. ރަޝިޔާއަކީ ދުނިޔޭގައި ޢަސްކަރީ ކަންކަމަށް އެންމެ ގިނައިން ފަސްވަނައަށް ހޭދަކުރާ ޤައުމެވެ. ތެލުގެ އަގާއި ގޭހުގެ އަގު މައްޗަށް ދިޔުމުގެ ސަބަބުން ރަޝިޔާގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. ރަޝިޔާއިން ޢަސްކަރީ ކަންކަމަށް ހޭދަކުރުން އިތުރުވީ މި ކަމުގެ ސަބަބުންނެވެ.

ރަޝިޔާއިން ކްރެމިޔާ ސަރަޙައްދު ހިފުމާ ވިދިގެން ޔުކްރޭންގެ ޢަސްކަރީ ހޭދަކުރުން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. މިއަދު ޔުކްރޭނުން އެ ޤައުމުގެ ހަތަވިވަރުގެ 3.2 % ޢަސްކަރީ ކަންކަމަށް ހޭދަކުރެއެވެ.

އޮސްޓްރޭލިޔާއަށް ބަލާއިރު އެ ޤައުމުން ޢަސްކަރީ ކަންކަމަށް 2021ގައި 31.8 ބިލިއަން ޑޮލަރު ހޭދަކޮށްފައި ވެއެވެ.

ދުނިޔޭގައި އަސްކަރީ ކަންކަމަށް ތިންވަނައަށް އެންމެ ބޮޑަށް ހޭދަކުރާ ޤައުމަކީ އިންޑިއާއެވެ. މިދިޔަ އަހަރު އެ ޤައުމުގެ ހަތިޔާރު ގުދަންތަކަށް 76.6 ބިލިއަން ޑޮލަރު ހޭދަކޮށްފައި ވެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *