ފަރަންސޭސި ރިޔާސީ އިންތިޚާބުގައި އިއްޔެ ބޭއްވި ދެވަނަ ބުރުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މިހާރުގެ ރައީސް އިމާނިއުއަލް މެކްރޯނަށް 58.2 އިންސައްތަ ވޯޓު ލިބިވަޑައިގެންފިއެވެ. އޭނާއާ އެންމެ އަރިހުން ވާދަކުރައްވާ ލޭޕެން އަށް ލިބިވަޑައިގަތީ 41.8 އިންސައްތަ ވޯޓެވެ. ނަމަވެސް ރަސްމީ ނަތީޖާ އިޢުލާނު ކުރާނެ ކަމަށް ބެލެވެނީ މިއަދުއެވެ.
ވަގުތީ ނަތީޖާއަށް މާބޮޑު ބަދަލެއް ނައިސްފި ނަމަ، މިއީ ފަރަންސޭސި ވިލާތުގައި އެ ގައުމުގެ ރައީސަކަށް ރައީސްކަމުގެ ދެވަނަ ދައުރެއް ވޭތުވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ކަށަވަރުވާ ފުރަތަމަ ފަހަރެވެ. މިއީ ތާރީޚީ ކާމިޔާބީއަކަށް ވާނެއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ފުރު ބޭއްވުނީ މި އެޕުރީލުމަހު 10ގައެވެ. އެ ބުރުން އެއް ވެސް ކެންޑިޑޭޓަކަށް %50 ވޯޓް ކާމިޔާބު ނުކުރެއްވުމުން ދެ ވަނަ ބުރެއްގައި ވާދަކުރައްވާން ޖެހިވަޑައިގަތީއެވެ. އެ ބުރުގައި މެރޯނާއި ނޭޝަނަލް ރެލީ ޕާޓީގެ މަރީނޭ ލޭޕެން ފިޔަވައި އެހެން ކެނޑިޑޭޓުން އުޅުއްވީ މާ ފަހަތުގައެވެ. ފުރަތަމަ ބުރުގައި މެކްރޯން %27.85 ވޯޓް ހޯއްދެވިއިރު، ލޭޕެނަށް ލިބިވަޑައިގަތީ %23.15 ވޯޓެވެ.
މެކްރޯންގެ ރިޔާސީ ދައުރުގެ ބޮޑު ބައެއް ހޭދަވީ ކޮވިޑް 19ގެ ތެރޭގައެވެ. އޭގެ ފަހުން މިހާރު ހިނގަމުންދާ ރޫސީ-ޔޫކްރޭންގެ ހަމަނުޖެހުމުގެ ތެރޭގައެވެ. މިހާރު ފެންނަން އޮތް ނަތީޖާ ރަސްމީ ގޮތުން ކަށަވަރު ވެއްޖެ ނަމަ، އަނެއްކާ ވެސް މި ހަމަނުޖެހުމުގެ ތެރެއަށް ވަދެވަޑައިގަންނަވާން މެކްރޯނަށް ޖެހިވަޑައިގަންނަވާނެއެވެ. މެކްރޯނަކީ މިހާރު ހިނގަމުންދާ ޔޫކްރޭނު ހަމަނުޖެހުމުގެ ތެރޭގައި ވެސް ރޫސީ ރައީސް ވްލަޑިމީރް ޕޫޓިނާ ގަވާއިދުން ގުޅުއްވައި ވާހަކަފުޅުދައްކަވާ ހުޅަނގުގެ މަދު އިސްވާރުންގެ ތެރެއިން އެއް ބޭފުޅެކެވެ. ހަމަ އެއާއެކު އޭނާއަކީ ރޫސީންނާ ދެކޮޅަށް ވިލާތުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މުހިންމު ދައުރެއް އަދާކުރައްވައި ޔޫކްރޭނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެކެވެ. އަދި ނޭޓޯގެ އިރުމަތީ ފައުޖުތަކަށް ސިފައިން ވެސް ފޮނުއްވާ ބޭފުޅެކެވެ.

ވިލާތުގެ ބައެއް އިސްވާރުން ވަނީ ފަރަންސޭސި އިންތިޚާބީ ރޭހުގައި ލޭޕެނާ އިދިކޮޅަށް ފާޅުގައި މެކްރޯނަށް ތާއީދުކުރައްވައިފައެވެ. އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމުގެ ތިން ދުވަސް ކުރީން ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލާފް ޝޯލްޒާއި އިސްޕޭންވިލާތުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒާއި ޕޯޗްގީޒް ބޮޑުވަޒީރު އެންތޯނިއޯ ކޮސްޓާ ވަނީ މެކްރޯނަށް ވޯޓްދޭން ފަރަންސޭސި ރައްޔިތުންނަށް ގޮވައިލައްވައި ގުޅިފައިވާ ކޮލަމެއް ޝާއިޢުކުރައްވައިފައެވެ.
މި އިސްވާރުން ޝާއިޢުކުރެއްވި ކޮލަމްގައި އެ ބޭފުޅުން ބަޔާންކުރައްވައިފައިވެއެވެ. "މިއީ ފަރަންސޭސިވިލާތް ވަރުގަދަވެ ސިޔާދަތީ ވިލާތެއް ގާއިމުކުރައްވާން ތާއީދުކުރައްވާ ދީމުޤުރާޠީ ކެންޑިޑޭޓަކާއި، އަހަރެމެންގެ މިނިވަންކަމާއި ދީމިޤްރާޠިއްޔަތަށް ޙަމަލާދޭ ފަރާތް ފާޅުގައި ނަންގަވައިގެން އުޅުއްވާ ކެންޑިޑޭޓަކާ ދެމެދުގައި އޮތް އިޚުތިޔާރެކެވެ."
އެހެންކަމުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހުޅަނގުގެ ބާރުގަދަ ބައެއް އިސްވާރުން މި ވަނީ މި އިންތިޚަބަށް ނުފޫޒު ފޯރުއްވައިފައެވެ.
ކޮންމެއަކަސް މިހާރު ހާމަކުރެވިފައިވާ ނަތީޖާ ރަސްމީ ގޮތުން ކަށަވަރު ވެއްޖެ ނަމަ، އިމާނިއުއަލް މެކްރޯން ވެވަޑައިގަންނަވާނީ ވޭތުވެ ދިޔަ ވިހި އަހަރުގެ ތެރޭގައި ރިޔާސީ ދެ ވަނަ ދައުރެއް ކަށަވަރުވާ ފުރަތަމަ ރައީސަށެވެ. މިއީ ތާރީޚީ ގޮތުން އޭނާއަށް ލިބިވަޑައިގަންނަވާނެ ވަރަށް މަތީ ކާމިޔާބީއެވެ. މުޙައްލިލުން ލަފާކުރާ ގޮތުގައި މިހާރު ހާމަވެފައިވާ ވަގުތީ ނަތީޖާއަށް މާ ބޮޑު ބަދަލެއް ނައިސް ރިޔާސީ ދެ ވަނަ ދައުރެއް، އިމާނިއުއަލް މެކްރޯނަށް ކަށަވަރުވެވަޑައިގަންނަވާނެއެވެ.



advertisment