Support Us

ވައިގެ މަގުންނާއި ބޮޑުބަޑިން އިސްރާއީލުން ޣައްޒާއަށް ޙަމަލާދީފި

އިސްރާއީލުން ރޭ ދަންވަރުގެ ވަގުތެއްގައި ޣައްޒާއަށް ވައިގެ ދެ ޙަމަލާއަކާއި ބޮޑުބަޑީގެ ޙަމަލާއެއް ދީފިއެވެ. އިސްރާއީލުގެ ވައިގެ ޙަމަލާތަކާ ދެކޮޅަށް ފަލަސްޠީނުގެ ފިދާއީ ޖަމާއަތްތަކުން ބަރު ވަޒަނުން ރައްދުދިން ކަމަށް ޖަޒީރާ ބުނެއެވެ.

ފަލަސްޠީނު ބުނާގޮތުގައި އިސްރާއީލުން ވައިގެ މަގުން ދިން ރޮކެޓް ޙަމަލާގެ އަމާޒުފަތްގަނޑަކީ ޣައްޒާގެ މެދުތެރޭ ސަރަޙައްދެއްގައި ހުރި ފިދާއީންގެ މަރްކަޒެކެވެ. މީގެ އިތުރަށް ފަލަސްޠީނުން ބުނާގޮތުގައި އިސްރާއީލުގެ ޓޭންކުތަކުން ބުރޭޖު ފޭލިގެ އަވަށުގެ އިރުމަތީ ސަރަޙައްދަށް ޙަމަލާދިނެވެ.

އަނެއްކޮޅުން އިސްރާއީލު ބުނާގޮތުގައި ފަލަސްޠީނުގެ ރޮކެޓް ޙަމަލާތަކެއް ޔަހޫދީ އާބާދީތަކަކަށް ރޭ އެރިއެވެ. އިސްރާއީލު ބުނާގޮތުގައި އެމީހުންގެ ދިފާޢީ ނިޒާމު ދަގަނޑު ޤުއްބުން ފަލަސްޠީނުގެ ހަތަރު ރޮކެޓެއް ވައްޓައިލިއެވެ. އެހެނަސް ފަލަސްޠީނުގެ ޖަމާޢަތްތަކުން މިކަން ދޮގު ކުރިއެވެ. އެ ޖަމާޢަތްތައް ބުނާގޮތުގައި އެމީހުން އިސްރާއީލާ ދިމާއަށް ރޮކެޓެއް ނުފޮނުވައެވެ. ޣައްޒާއިން އިސްރާއީލުގެ ބޯޓުތަކަށް ޙަމަލާދިނުމަށް ބޭނުންކުރި ބަރު ވަޒަންތަކަށް ހުރަސްއެޅުމަށް ޓަކައި ދަގަނޑު ޤުއްބުން އެތައް ރޮކެޓްތަކެއް ފޮނުވައިލިކަމަށް ފަލަސްޠީނުގެ ޖަމާޢަތްތަކުން ބުންޏެވެ.

އިސްރާއީލުގެ ރޭގެ ޙަމަލާއާ ބެހޭގޮތުން ޙަމާސުން ނެރުނު ބަޔާން ބުނާގޮތުގައި ޣައްޒާއަށް އިސްރާއީލުން ދޭ ޙަމަލާތަކުގެ ސަބަބުން އެމީހުންގެ ޢަޒްމު ވަރުގަދަވުންނޫން ކަމެއް ނުވާނެތެވެ. ޤުދުސުގެ ރައްޔިތުންނާއި މުޤައްދަސް ތަންތަން ޙިމާޔަތް ކުރުމަށް ޓަކައި ޙަމާސުން ފިޔަވަޅުތައް އަޅާނެއެވެ.

އިސްލާމީ ޖިހާދު ޖަމާޢަތް ބުނާގޮތުގައި އިސްރާއީލަށް ރައްދު ދިނުމަށް ޓަކައި އެ ޖަމާޢަތަށް  ހުރިހާ ޚިޔާރުތަކެއް ލިބިގެން ވެއެވެ. މުނާސަބު ވަގުތުގައި މުނާސަބު ވަސީލަތުން ރައްދު ދޭނެކަމަށް މި ޖަމާޢަތުން ބުންޏެވެ.

ޤުދުސް ވަރަށް ނުތަނަވަސް ޙާލަތެއްގައި

ވަޒަންވެރިކުރުވާފައިވާ ޔަހޫދީން "ދިދަ ހިނގައިލުން"ގެ ނަމުގައި ބާއްވަން އުޅުނު ހިނގައިލުން ހުއްޓުވުމަށް އިސްރާއީލު ފުލުހުން މަސައްކަތް ކުރުމުން ޤުދުސް ވަނީ ވަރަށް ނުތަނަވަސްވެފައެވެ. ޙަމާސުން މި ހިނގައިލުން ޢާމޫދު ދޮރު ކައިރީގައި ނުބޭއްވުމަށް ވަނީ އިންޒާރުކޮށްފައެވެ.

މި ހިނގައިލުން ފަށައިފައި ވަނީ ކަނާތު ފިޔައިގެ ޙައްދުފަހަނަޅައިފައިވާ ބަރްލަމާނީ މެންބަރު އީތުމާރު ބިން ޣަފީރު ބައިވެރިކޮށްގެންނެވެ. މި ހިނގައިލުން ބާއްވަން ހަމަޖެހިފައި ވަނީ ޢާމޫދު ދޮރާށްޓާއި އިސްލާމީ އަވަށް ހިމެނޭ ސަރަޙައްދުގައެވެ. މި ހިނގައިލުން ހަމަ ފެށުމާއެކު އިސްރާއީލު ފުލުހުން ވަނީ މަގުތައް ބަންދުކޮށްފައެވެ. އިސްރާއީލު ގެ ކާން ޓީވީ ބުނާގޮތުގައި އިސްރާއީލު ފުލުހުންނާ މި ހިނގައިލުމުގެ ބައިވެރީންނާ ދެމެދުގައި ކުރިމަތިލުންތައް ހިނގިއެވެ.

މި ހިނގައިލުން ފެށުމާއެކު އިސްރާއީލު ފުލުހުން ޢާމޫދު ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނުގެ އެތައް ބަޔަކަށް ޙަމަލާދިން ކަމަށް ވެސް ޚަބަރު ލިބެއެވެ. އިސްރާއީލުގެ ފުލުހުން ފަލަސްޠީނީންނަށް ޙަމަލާ ދިނީ އެ ސަރަޙައްދު ހުސްކުރަންވެގެންކަމަށް އިސްރާއީލު ޓީވީން ބުންޏެވެ.

މި ދިޔަ އަހަރުގެ ރަމަޟާން މަހުގައި ހިނގި "ޤުދްސު ކަނޑި" ހަނގުރާމަ ފެށުނީ ޔަހޫދީން ބޭއްވި ދިދަ ހިނގައިލުމާއި ޝައިޚު ޖައްރާޙު އަވަށަށް އަރައި އެ އަވަށުގެ ވަޒަންވެރީންނަށް ޙަމަލާދީ ދުއްތުރާ ކުރުމާ ވިދިގެންނެވެ.

އިސްރާއީލުގެ ޖާސޫސީ މަޢުލޫމާތުތައް ބުނާގޮތުގައި އިސްރާއީލުގެ ކަނީސަތުގެ މެންބަރު ބިން ޣަފީރު ޢާމޫދު ސަރަޙައްދަށް ވަޑައިގަންނަވާއިރަށް ޣައްޒާއިން އޭނާއަށް ރޮކެޓުން ޙަމަލާދިނުމަށް ޙަމާސުން ވަނީ ރާވައިފައެވެ.

މި ދިޔަ އަހަރު ހިނގި ހަނގުރާމަ 11 ދުވަހަށް ކުރިއަށް ދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *