އިސްރާއީލު ސިފައިން އަޤްޞާ މިސްކިތަށް ވަދެ ނަމާދު ކުރާން ތިބި މީހުންނަށް އިއްޔެ ޙަމަލާދިނުމުން އިސްލާމީ ޤައުމުތަކުންނާއި ޢަރަބި ޤައުމުތަކުން އެ ކަން ކުށްވެރިކޮށްފިއެވެ.
އިސްރާއީލުގެ މި ނޭއްގާނީ ޢަމަލު ކުށްވެރިކޮށް ރޭ ބަޔާން ނެރުނު ޤައުމުތަކުގެ ތެރޭގައި ސުޢޫދީ ޢަރަބިއްޔާއާއި ޤަޠަރާއި ކުވައިތާއި ޢުމާނާއި މިޞްރާއި ޖަޒާއިރާއި ލުބްނާނާއި ލީބިޔާއާއި ޔަމަނާއި މޮރިޓޭނިޔާއާއި ތޫނިސް ވެއެވެ. މި ޤައުމުތަކުގެ އިތރަށް އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) އާއި ގަލްފްގެ އެއްބާރުލުމުގެ މަޖިލީހުން ވެސް އިސްރާއީލުގެ މި ޢުދްވާނު ކުށްވެރިކޮށް ބަޔާންތައް ނެރުނެވެ.
އިސްރާއީލު ސިފައިން އަޤްޞާ މިސްކިތަށް ވަދެ ހިންގި ހަރުކަށި ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ 150 މީހަކު ޒަޚަމުވިއެވެ. އަދި ފަލަސްޠީނުގެ 400 މީހަކު ހައްޔަރު ކުރިއެވެ.
ސުޢޫދީ ޢަރަބިއްޔާއިން ނެރުނު ބަޔާނުގައި އިސްރާއީލު ސިފައިންގެ މި ޖަރީމާ ކުށްވެރިކޮށް މިއީ އަޤްޞާ މިސްކިތުގެ ޙުރްމަތްކެނޑުން ކަމަށާއި މިއީ އިސްލާމީ އުންމަތަށް ދެވުނު ޢުދްވާނެއް ކަމަށް ސިފަކޮށްފައި ވެއެވެ. މި މިސްކިތަކީ މުސްލިމުންގެ ހިތްތަކުގައި ޤަދަރު ލިބިގެންވާ މުޤައްދަސް ތަނެއް ކަމަށް ބުނެ މުސްލިމުންގެ ޝުޢޫރުތަކަށް އިޙްތިރާމު ކުރުމަށް ރިޔާޟުގެ ބަޔާނުގައި އިސްރާއީލަށް ގޮވައިލައިފައި ވެއެވެ.
މިޞްރުގެ ޚާރިޖިއްޔާއިން އިސްރާއީލުގެ މި ޢަމަލު ކުށްވެރިކޮށް ނަފްސު ކޮންޓްރޯލް ކުރުމަށާއި ނަމާދުކުރާ މުސްލިމުންނަށް ފުރިހަމަ ޙިމާޔަތް ދިނުމަށް ގޮވައިލައިފާ ވެއެވެ. އަޒްހަރުން އިސްރާއީލުގެ މި ޢަމަލު ކުށްވެރިކޮށް ޝައިޚުލްއަޒްހަރު ބަޔާނެއް ނެރުއްވިއެވެ.
ގަލްފްގެ އެއްބާރުލުމުގެ މަޖިލީހުން ނެރުނު ބަޔާނުގައި އިސްރާއީލުގެ އިދާރިއްޔަތުން އަޤްޞާ މިސްކިތަށް އެރިއެރުމަކީ ވަރަށް ނުރައްކާތެރި ޢުދްވާނެއް ކަމަށް ބުނެފައި ވެއެވެ.
އިސްލާމީ ޤައުމުތަކުތަކުގެ ޖަމްޢިއްޔާ އޯއައިސީން ނެރުނު ބަޔާން ބުނާގޮތުގައި އިސްރާއީލުގެ މި ޢަމަލުތަކުގެ ސަބަބުން ކުރިމަގުގައި ހިނގައިފާނެ ކޮންމެ ޢަމަލެއްގެ ޒިންމާ އިސްރާއީލަށް އުފުއްލަން ޖެހޭނެއެވެ.
ޢަރަބި ޤައުމުތަކުގައި މުޒާހަރާތައް
އިސްރާއީލުން އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑައި އެތައް ބަޔަކު ޒަޚަމުކޮށް އެތައް ބަޔަކު ހައްޔަރު ކުރުމާ ވިދިގެން ޣައްޒާއާއި އުރްދުނުގައި ބޮޑެތި މުޒާހަރާތަކެއް ބޭއްވުނެވެ. އުރްދުންގެ ވެރިރަށް ޢައްމާނުގައި ބޭއްވުނު މުޒާހަރާގެ ބައިވެރިން ޢައްމާނުގައި ހުންނަ އިސްރާއީލު އެންބެސީ ކައިރިއަށް ގޮސް އިސްރާއީލާ ދެކޮޅަށް ޝުޢޫރުތައް ފާޅުކުރިއެވެ. ޢަރަބި ބައެއް ޤައުމުތަކުން އިސްރާއީލާއެކު ގުޅުންތައް ޤާއިމުކުރަމުންދާތީ އެކަން ކުށްވެރިކޮށް އިސްރާއީލާއެކު ގުޅުންތައް ކަނޑައިލުމަށް ވެސް މުޒާހަރާގެ ބައިވެރީން ގޮވައިލިއެވެ.
އިސްލާމީ ޤައުމުތައް
އިސްރާއީލުގެ މި ޢުދްވާން އިސްލާމީ ޤައުމުތަކުން ވަނީ ކުށްވެރި ކޮށްފައެވެ. ތުރްކީގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި އިސްރާއީލުގެ ޖެއްސުންކުރުމުގެ މި ޢަމަލު ކުށްވެރިކޮށް އަޤްޞާ މިސްކިތުގެ ރޫޙާނިއްޔަތާއި މަޤާމު ވައްޓައިލުމަށް މަސައްކަތް ނުކުރުމަށް އިސްރާއީލަށް ގޮވައިލައިފައި ވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން ވިދާޅުވިގޮތުގައި އިސްރާއީލުގެ ޢުދްވާނުން އެނގެނީ ފަލަސްޠީނުގެ ޖިހާދީ ޖަމާޢާތްތަކުގެ ކުރިމަތީގައި އިސްރާއީލު ނުކުޅެދުންތެރިވެފައިވާ ކަމެވެ. ޙަމާސް ޖަމާޢަތުގެ ސިޔާސީ އޮފީހުގެ ވެރިޔާ އިސްމާޢީލު ހަނިއްޔާއާ ގުޅުއްވާ ވިދާޅުވިގޮތުގައި އިސްރާއީލުން އަޤްޞާ މިސްކިތަށް މި ދިން ޢުދްވާނަކީ ބައެއް ޤައުމުތަކުން އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމުގެ ނަތީޖާއެކެވެ.
އެމެރިކާއާއި ޗައިނާ
ޤުދްސުގައި ހަރުކަށި ޢަމަލުތައް އިތުރުވަމުން ދާތީ އެމެރިކާއިން ކަންބޮޑުވުން ހާމަކޮށްފައި ވެއެވެ. އެމެރިކާގެ ބަޔާނުގައި ނަފްސު ކޮންޓްރޯލް ކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވައިލައިފައި ވެއެވެ. އަދި ޤުދްސުގެ ތާރީޚީ ޙާލަތު ރައްކައުތެރިކުރުމަށް ވެސް އެމެރިކާގެ ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ. މި ބަޔާނުގައި އިސްރާއީލު ކުށްވެރިކޮށްފައެއް ނުވެއެވެ.
އދގެ އަމީންޢާންމެ ގުޓަރެސް މަސްރަޙު އިތުރަށް ހޫނުވެގެން ދިޔަ ނުދިނުމަށް ގޮވައިލެއްވިއެވެ. އޭނާގެ ބަޔާނުގެ ޤުދްސުގެ މުޤައްދަސް ތަންތަން ރައްކައުތެރިކުރުމަށާއި އެ ތަންތަނުގެ ޙުރްމަތް ނުކެނޑުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މެދުއިރުމައްޗާ ބެހޭ އދގެ ވިލަރެސްވެރިޔާ ވިންސްލޭންޑް މިހާރު ގެންދަވަނީ ކަމާބެހޭ ހުރިހާ ފަރާތްތަކަކާ ގުޅުއްވަމުންނެވެ.
ޗައިނާގެ ޚާރިޖިއްޔާއިން މި ކަމާ ބެހޭގޮތުން ނެރުނު ބަޔާނުގައި މަދަނީންނަށް ލިބުނު ގެއްލުންތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. މި ކަމުގެ ސަބަބުން ފަލަސްޠީނު – އިސްރާއީލު އަރާރުން އިތުރަށް ހޫނުވެގެން ހިނގައިދާނެކަމަށް ޗައިނާއިން ބުންޏެވެ. މަސްރަޙު އިތުރަށް ހޫނު ނުކުރުމަށް ޓަކައި ހުރިހާ ފަރާތްތަކެއް ވެސް ހަމަހިމޭން ވުމަށް ޗައިނާއިން ގޮވައިލިއެވެ.



advertisment