Support Us

ޢިމްރާން ޚާނުގެ ސަރުކާރު ވެއްޓުނީ ކީއްވެ؟

ޕާކިސްތާނުގެ ބަރްލަމާނުގައި ބޮޑުވަޒީރު ޢިމްރާނާ ދެކޮޅަށް ރޭ މެންދަމު ނެގި ވޯޓުގައި އޭނާއަށް ވަނީ ނާކާމިޔާބު ލިބިވަޑައިގެންފައެވެ. އޭނާގެ ސަރުކާރާމެދު އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓު ނާކާމިޔާބުވީ ޢިމްރާނު ޚާންގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އޭނާއާ ދެކޮޅަށް ވޯޓު ދިނުމުންނެވެ. ބަރްލަމާނުގައި އިތުބާރު ނެތްކަމުގެ ވޯޓު ނެގީ ސުޕްރީމު ކޯޓުން ވޯޓު ނަގަންޖެހޭނެ ކަމަށް އަމުރު ކުރުމުންނެވެ.

އިދިކޮޅު ޕާޓީތައް ތުހްމަތު ކުރާ ގޮތުގައި ޚާނުގެ ސިޔާސަތުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ވަނީ ޚަރާބުވެފައެވެ. މި ޕާޓީތައް ބުނާގޮތުގައި ޚާނުގެ އިންތިޚާބީ ވަޢުދުތައް ފުއްދަވާ ދެއްވަމުން ނުގެންދަވައެވެ. އިތުބާރު ނެތްކަމަށް ވޯޓު ނެގި ބަރްލަމާނުގެ ޖަލްސާ 14 ގަޑިއިރަށް ދެމިގެންދިޔައެވެ. މި ޖަލްސާގައި ބަރްލަމާނުގެ ރައީސާއި ނާއިބު ރައީސް އިސްތިއުފާ ދެއްވައިފައި ވެއެވެ. ބަރްލަމާނުގެ 342 މެންބަރުންގެ ތެރެއިން 174 މެންބަރުން ޢިމްރާން ޚާނުގެ ސަރުކާރުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވިއެވެ.

އައު ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ޙަވާލުކުރުމަށް ޓަކައި މާދަމާ ޕާކިސްތާނުގެ ބަރްލަމާނުގެ ބައްދަލުވުމެއް ބާއްވާނެއެވެ. ޚަބަރު ފަތުރާ އޭޖެންސީތައް ބުނާގޮތުގައި އައު ސަރުކާރު އެކުލަވައިލުމުގެ މަސައްކަތް ޙަވާލު ކުރެވޭނީ އިދިކޮޅު ޕާޓީގެ ޒަޢީމު ޝަހްބާޒު ޝަރީފާއެވެ. ޢުމުރުފުޅުން 70 އަހަރުގެ ޝަހްބާޒު ޝަރީފަކީ ކުރިން ތިން ފަހަރަކު ބޮޑުވަޒީރުކަން ކުރެއްވި ނަވާޒު ޝަރީފުގެ ކޮއްކޯފުޅެވެ. އިދިކޮޅު ޕާޓީއަށް ވެރިކަމުގައި 2023 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް އޮވެވޭނެއެވެ.

ޢިމްރާން ޚާން، 69، ވެރިކަމަށް ވަޑައިގަތީ 2018ވަނަ އަހަރުއެވެ. އޭނާ ވެރިކަމަށް ވަޑައިގަތީ ޕާކިސްތާނު ފަސާދައިން ސަލާމަތް ކުރެއްވުމަށާއި ބައިނަލްއަޤްވާމީ މަސްރަޙުގައި އިޙްތިރާމު ލިބިގެންވާ ދައުލަތަކަށް ޕާކިސްތާނު ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *