ކަރުންމަތީގެ ޚާއްސަ ޑޮކްޓަރު، ޑރ. މައުރޫފު ހުސެއިންގެ ފޭސްބުކް އެކައުންޓު ހެކްކޮށްގެން، ފޯނަށް ރާސްޓަސް އަޅައިދޭން އާދޭސްކޮށް މެސެޖްތަކެއް ފޮނުވައިފިއެވެ.
"މީގެ ތިން ދުވަސް ކުރިން ކޮންމެވެސް މީހަކު އަޅުގަނޑުގެ ފޭސްބުކް/ މެސެންޖަރ ހެކްކޮށްގެން އަޅުގަނޑުގެ ނަމުގައި ބައެއް ބޭފުޅުންނަށް މެސެޖް ކޮށްފިއެވެ. މި މެސެޖް ތަކުގައި އެދިފައި ވަނީ ފައިސާ ކޮޅަކަށެވެ. މީނާޔަށް އަޅުގަނޑުގެ ފޭސްބުކްގެ ކޮންޓްރޯލް ލިބުނު ގޮތެއް ނުދެންނެވިޔަސް ހުރިހާ ބޭފުޅުން ވެސް ސަމާލުވެ ރައްކާތެރިވެގެން އުޅުއްވުމަށާއި ގޮތް ނޭނގޭ އެއްވެސް މީހަކަށް އިތުބާރު ނުކުރެއްވުމަށް ލަފާ އަރުވަމެވެ." ޑރ. މައުރޫފު މިއަދު ލިއުއްވާފައިވެއެވެ. "އަޅުގަނޑަށް ލިބުނު ޢިބްރަތަކީ މިއީ އެވެ. ފޭސްބުކްގެ ކޮންޓްރޯލް އަޅުގަނޑަށް މި ލިބުނީ އެތައް މަސައްކަތްތަކެއް ކޮށްގެން ތިން ދުވަސް ފަހުންނެވެ. ތިރީގައި މިވަނީ އޭނާ އަޅުގަނޑުގެ ނަމުގައި ކޮށްފައިވާ މަސައްކަތުގެ ސްކްރީން ޝޮޓެވެ."
އެ މެސެޖްތަކުގައި ހެކަރު އެދިފައި ވަނީ އިންޓަނެޓް ބޭންކިންގައި ކުޑަ މައްސަލައެއް ދިމާވެގެން 9388493 އަށް 650ރ.ގެ ރާސްޓަސްއެއް ކޮށްލަދިނުމަށެވެ.
ޑރ. މައުރޫފުގެ މެސެންޖަރުން ވަރަށް ގިނަ މީހުންނަށް އެ މެސެޖް ފޮނުވި ނަމަވެސް، އެއްވެސް މީހަކު ރާސްޓަސްކޮށްދީފައެއް ނުވެއެވެ. މެސެޖްކޮށްގެން އުޅެނީ ޑރ. މައުރޫފު ނޫންކަން ކޮންމެ މީހަކަށް ވެސް އެނގެއެވެ. ނުވަތަ އެ ކަމާ ސުވާލު އުފައްދައެވެ.





advertisment