Support Us

ބްލިންކެނާ ބައްދަލު ކުރެއްވުމަށް 4 ޢަރަބި ޤައުމެއްގެ ޚާރިޖީ ވަޒީރުން އިސްރާއީލަށް

އިސްރާއީލުގެ ނަޤަބުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެނާ ބައްދަލު ކުރެއްވުމަށް ޓަކައި މިޞްރާއި އިމާރާތާއި މަޣްރިބާއި ބަޙްރައިނުގެ ޚާރިޖީ ވަޒީރުން ރޭ އިސްރާއީލަށް ވަޑައިގަންނަވައިފިއެވެ. މި ބޭފުޅުން އިސްރާއީލަށް ވަޑައިގަތީ އިސްރާއީލުގެ ޚާރިޖީވަޒީރު ޔާއީރު ލެޕިޑްގެ ދައުވަތަކަށެވެ.

އިސްރާއީލުން ބުނާގޮތުގައި މި ބައްދަލުވުމުގެ ބޭނުމަކީ އީރާނާ ކުރިމަތިލުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާކޮށް އައު ޖަމާޢަތެއް އުފެއްދުމެވެ. މި ބޭފުޅުން އިސްރާއީލަށް ވަޑައިގަތީ އެމެރިކާއިން އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން އެއްބަސްވުމަކަށް ހިނގައިދާނެތީއާއި އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރު އެމެރިކާގެ ނިރުބަވެރީންގެ ލިސްޓުން އުނިކޮށްފާނެތީ ގަންނަ ބިރާމެދު ވާހަކަދެއްކުމަށް ޓަކައެވެ.

އިސްރާއީލުގެ ޚާރިޖިއްޔާއިން ބުނާގޮތުގައި ނަޤަބު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނާ އިސްރާއީލުގެ ވަޒީރު ރޭ ބައްދަލު ކުރައްވައި އިސްރާއީލުގެ ޚުޟައިރާއަށް ދެވުނު ޙަމަލާއާ ބެހޭ ގޮތުން މަޢުލޫމާތު އެރުއްވިއެވެ. އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި އެމެރިކާގެ ވަޒީރާއެކު މި ފަސް ވަޒީރުން ބާއްވަވާ ބައްދަލުވުން މިއަދު ބޭއްވޭނެއެވެ.

ބްލިންކެން ޢައްބާސާ ބައްދަލު ކުރެއްވުން

ރޭ ހުޅަނގު އައްސޭރީގެ ރާމަﷲގައި އެމެރިކާގެ ޚާރިޖީ ވަޒީރު ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާ ބައްދަލު ކުރެއްވިއެވެ. ޢައްބާސް ބާރުއެޅުއްވި ގޮތުގައި އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިފާފައި އޮތް އޮތުން ނިމުމަކަށް ގެނެވޭ ސިޔާސީ ޙައްލަކުންނެވެ. އަދި ފަލަސްޠީނު މީހުންނާ ބެހޭ އެންމެހައި މަސްއަލަތައް ، ރެފިޔުޖީންގެ މަސްއަލައާއި ޤުދްސުގެ މަސްއަލައާއި އިސްރާއީލުން ހައްޔަރުކޮށްފައި ތިބި ފަލަސްޠީނުގެ އެތައް ސަތޭކަ އަސީރުންގެ މަސްއަލަ ފަދަ މަސްއަލަތައް ޙައްލު ކުރެވިގެންނެވެ.

ރައީސް ޢައްބާސް ވިދާޅުވިގޮތުގައި ރައީސް ބައިޑްންގެ ސަރުކާރުން ދެ ދައުލަތުގެ ޙައްލަށް ކަށަވެތިވާން ޖެހޭނެއެވެ. ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމާއި ޔަހޫދީ އާބާދީތައް ހެދުން ހުއްޓުވަން ޖެހޭނެއެވެ. ޕީއެލްއޯ އަކީ ނިރުބަވެރި ޖަމާޢަތެއް ކަމަށް ބުނާ އެމެރިކާގެ އެންމެހައި ޤާނޫނުތައް އުވާލަންޖެހޭނެއެވެ. އަލްމަސްޖިދުލް އަޤްޞާގެ ތާރީޚީ ޙާލަތު ދަމަހައްޓަން ޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *