އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 2019 ވަނަ އަހަރުގެ މަތީ ސާނަވީގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޢައިޝަތު ރީޝާ ހޮވައިފިއެވެ. ރީޝާ ވަނީ އިކޮނޮމިކްސް އިން މުޅި ދުނިޔެއިން ހަ ވަނަ ހޯދައިފައެވެ. އަދި އަޙްމަދިއްޔާގެ 2019 ވަނަ އަހަރުގެ ސާނަވީގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޝާހާ ޙުސައިން ވަނީ ހޮވައިފައެވެ.
ޝާހާއަކީ ކިޔެވުމުގެ އިތުރަށް އިތުރު ހަރަކާތްތަކުގައިވެސް އަހްމަދިއްޔާ ތަމްސީލުކޮށް ކާމިޔާބީ ހޯދާފައިވާ ދަރިވަރެކެވެ. އޭގެ ތެރެއިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ، ވާހަކަދެއްކުމުގެ ގައުމީ މުބާރާތެވެ.
އަޙްމަދިއްޔާގައި ރޭ ބޭއްވި ސާނަވީގެ އިނާމު ދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނެވެ. އިއްޔެ ހަވީރު ބޭއްވި މަތީ ސާނަވީގެ އިނާމު ދިނުމުގެ ހަފްލާގައި ޝަރަފްވެރިކޮށްދެއްވީ ޑެޕިޔުޓީ އެޓާނީ ޖެނެރަލް އަލްއުސްތާޛާ ޚަދީޖާ ޝަބީނެވެ.

އިއްޔެގެ ޖަލްސާގައި 2019 ވަނަ އަހަރުގެ ތަޢުލީމީ ގޮތުން އެކިއެކި ވަނަތައް ހާޞިލް ކުރި ދަރިވަރުންނަށާއި 2019 ވަނައަހަރު އޭލެވެލް އިމްތިޙާންގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށްވެސް ތައްޓާއި ސެޓްފިކެޓް ވަނީ ދީފައެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ބޭއްވި އެޗް.އެސް.ސީ އިމްތިޙާނާއި އެޑެކްސެލް އޭ.ލެވެލް އިމްތިޙާނު ތަކުގައި އަޙްމަދިއްޔާގެ 223 ދަރިވަރުން ބައިވެރިވެ ގައުމީ ގަދަ ދިހައެއްގައި އަޙްމަދިއްޔާގެ 32 ދަރިވަރުން ވަނީ ހިމެނިފައެވެ.

އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 އަށް އަޙްމަދިއްޔާއިން ހަ ދަރިވަރުން ހޮވުނެވެ. އާދަމް އަނޫސް ވަނީ އެކައުންޓިންގ އިން މުޅި ދުނިޔެއިން އެއް ވަނަ ހޯދައިފައެވެ. އަޙްމަދު މިޞްބާހު ޢަލީ އަށް އެކައުންޓިންގ އިން މުޅި ދުނިޔެއިން ދެ ވަނަ ލިބުނެވެ. ޢައިޝަތު ނިޝްމާ ޙަސަން އިކޮނޮމިކްސް އިން މުޅި ދުނިޔެއިން ތިން ވަނަ ހޯދިއެވެ. ޢައިޝަތު ހަމްނާ ޢުމަރު އިކޮނޮމިކްސް އިން މުޅި ދުނިޔެއިން ފަސް ވަނަ ހޯދިއެވެ. އަދި މަރިޔަމް އިޝްރާ ރަމީޒު ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން ހަ ވަނަ ހޯދިއެވެ.

މީގެ ތެރެއިން އާދަމް އަނޫސް ވަނީ އެކައުންޓިންގ އިން މުޅި ދުނިޔެއިން އެއް ވަނަ ހޯދުމުގެ އިތުރަށް މުޅި ރާއްޖެއިންވެސް އެއް ވަނަ ހޯދައިފައެވެ. އަދި މަރިޔަމް މާވީން މުޞްޠަފާ ވަނީ މުޅި ރާއްޖެއިން ދިވެހިން އެއް ވަނަ ހޯދައިފައެވެ.
202 ދަރިވަރުން އަހުމަދިއްޔާއިން 2019 ވަނަ އަހަރުގެ އޯ.ލެވެލް އިމްތިހާނުގައި 202 ދަރިވަރުން ބައިވެރިކޮށް، 95.05 އިންސައްތަ ދަރިވަރުން، ފަސް މާއްދާ އަށްވުރެ މަތިން ވަނީ ފާސްވެފައެވެ. އަދި އޯ.ލެވެލް އިމްތިޙާނުގެ ގައުމީ ގަދަ 10 ގެ އެއްވަނަ ވަނަ އާއި 10 ވަނައިގެ ތެރޭގައި އަޙްމަދިއްޔާގެ 50 ދަރިވަރުން ހިމެނުނެވެ. މި ދަރިވަރުންނަށްވެސް ރޭގެ ޖަލްސާގައި އިނާމާއި ސެޓްފިކެޓް ވަނީ ދީފައެވެ.



advertisment