Support Us

ނޭޓޯއަށް ވަންނަން ބޮސްނިޔާ އުޅެފިނަމަ ޔުކްރޭނާ އެއްފަދަ ނިމުމަކާ ކުރިމަތިލާން ޖެހިދާނެ: ރަޝިޔާ

ނޭޓޯއަށް ވަނުމާ ބެހޭގޮތުން ގޮތެއް ނިންމުގެ ޙައްޤު ބޮސްނިޔާއަށް ލިބިގެންވިޔަސް ރަޝިޔާގެ ޤައުމީ މަޞްލަޙަތާ އެއްގޮތަށް ރައްދު ދިނުމުގެ ޙައްޤު މޮސްކޯއަށް ލިބިގެންވާ ކަމަށް ސެރިއޯވާގެ ހުންނަވާ ރޫސީ ސަފީރު އީގޯރު ކަލަބުޚޯފް ވިދާޅުވެއްޖެއެވެ.

ތުރްކީގެ އަނާޟޫލް ނޫސް އޭޖެންސީ ބުނާގޮތުގައި ބޮސްނިޔާ ހެޒްގަވީނާގެ ރިޔާސީ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ޝަފީޤު ޑިޒަވީރޯވިޗް ރަޝިޔާ ސަފީރަށް ރައްދު ދެއްވަމުން ވިދާޅުވިއެވެ. "އެއީ ބޮސްނިޔާ ހެޒްގަވީނާގެ ބިމުގެ އެއްބައިވަންތަކަމަށް އޭނާ ދެއްވި ޙަމަލާއެކެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ބޮސްނިޔާ ހެޒަގަވީނާއަކީ މިނިވަން ދައުލަތެކެވެ. އެ ޤައުމުގެ ކުރިމަގާ ބެހޭ ޤަރާރުތައް ކަނޑައަޅާނީ އެ ޤައުމުގެ މަޞްލަޙަތާ އެ ޤައުމުގެ ޤާނޫނުއަސާސީއާއި އެހެނިހެން ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ. މި ކަންކަމުގައި އަހުރެމެން އެހެން ޤައުމެއްގެ މަޞްލަޙަތަކަށް ނުބަލާނަމެވެ. ބޮސްނިޔާގެ ކުރިމަގާ ބެހުމުގެ ޙައްޤު ރަޝިޔާއަށް ލިބިގެން ނުވެއެވެ."

ބޮސްނިޔާގެ ރިޔާސީ މަޖިލީހުގެ ކްރޮވޭޝިޔާ މެންބަރު ޒެލެކޯ ކޮމްސިޗް ވިދާޅުވާ ގޮތުގައި ރަޝިޔާ ސަފީރުގެ ބަޔާނަކީ "ޤަބޫލު ކުރެވޭނެ އެއްޗެއްނޫނެވެ."

ބޮސްނިޔާ ހެޒްގަވީނާގައި ހުންނަ އެމެރިކާ އެންބެސީން ވެސް ރަޝިޔާ ސަފީރުގެ ބަޔާން ކުށްވެރިކުރިއެވެ. "އެމެރިކާ އެންބެސީން ނެރުނު ބަޔާން ބުނިގޮތުގައި ނޭޓޯއާ އެހެނިހެން މިނިވަން ޤައުމުތަކާ ބެހޭ ގުޅުންތަކަކީ ތިންވަނަ ޤައުމަކާ ބެހޭ ކަމެއްނޫނެވެ."

ބޯލްކަން ސަރަޙައްދުގެ އަމާންކަން

ޔުކްރޭނިޔާގައި ހިނގަމުންދާ ހަނގުރާމައާ ދިމާއަށް ދުނިޔޭގެ ލޯތައް ހުއްޓިފައިވަނިކޮށް ބޮސްނިޔާ ހެޒްގަވީނާގައި ހިނގަމުންދާ ވަކިވެގަތުމުގެ ޙަރަކާތްތަކުގެ ސަބަބުން އެ ސަރަޙައްދު ނުތަނަވަސްވަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. އެ ޤައުމުގައި ދިރިއުޅޭ މުސްލިމުންނާއި ސަރބުންނާއި ކްރޮވޭޓުންގެ މެދުގައި ހިނގަމުންދާ ނަސްލީ އަރާރުންތަކުގެ ސަބަބުން އެ ޤައުމު ކުދިކުދި ދައުލަތްތަކަކަށް ބައިބައިވެގެން ހިނގައިދާނެ ކަމުގެ ބިރު ދަނީ އިތުރުވަމުންނެވެ. މުސްލިމުންނާ މަސީޙީންނާ ދެމެދުގައި އަލުން ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ދަނީ ބޮޑުވަމުންނެވެ. ސަރބުންނަށް (ކްރިސްޓިއަނުންނަށް) ރަޝިޔާއިން އެހީވާނެކަމަށް ބެލެވެއެވެ.

މުޙައްލިލުންނާއި ދާރިސުން އިންޒާރު ކުރައްވާ ގޮތުގައި ޔުކްރޭން ހަނގުރާމައިގެ އަސަރު ބޯލްޓިކް ސަރަޙައްދުގެ ހުޅަނގު ބިތަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު ވަރަށް ބޮޑެވެ. މި ސަރަޙައްދުގެ ޤައުމުތައް ދަނީ ނޭޓޯއާ ރަޝިޔާއާ ދެމެދުގައި ވާ ވާދަވެރިކަމުގެ ތެރެއަށް ވެއްޓެމުންނެވެ. ތާރީޚީ ގޮތުން ބަލާއިރު ސަރބުންނަކީ ރަޝިޔާގެ އެކުވެރީންނެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރެއަށް ރަޝިޔާއަށް ވަންނަން ޖެހުނީ އޮސްޓްރިއާ ހަންގެރީ އިމްބަރާޠޫރިއްޔަތުގެ ޙަމަލާތައް ސަރބުންނަށް އަމާޒުވުމުންނެވެ.
ބޮސްނިޔާ ހެޒްގަވީނާ އުފެދިފައިވަނީ ސަރްބިސްކާ ޖުމްހޫރިއްޔަތާ ބޮސްނިޔާ ހެޒްގަވީނާ އިއްތިޙާދާ ގުޅިގެންނެވެ. ބޮސްނިޔާ ހެޒްގަވީނާގެ އާބާދީގެ ބޮޑު ބަޔަކީ މުސްލިމުންނެވެ. ސަރްބިސްކާ ޖުމްހޫރިއްޔާގެ ބޮޑު ބަޔަކީ މަސީޙިންނެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ތަފާސްހިސާބުތައް ބުނާގޮތުގައި ބޮސްނިޔާގައި މުސްލިމުންގެ އަދަދަކީ 50.11% އެވެ. ސަރބުންގެ ޢަދަދަކީ 30.78% އެވެ. ކްރުވޭޓުންގެ ޢަދަދަކީ 15.43% އެވެ.
މި ހުސްވި ފެބްރުވަރީގައި ބޮސްނިޔާ ހެޒްގަވީނާ ފެޑަރޭޝަނުން ވަކިވުމަށް ސަރބިސްކާ ޖުމްހޫރިއްޔާގެ ތަމްސީލު ކުރާ މެންބަރުން ބަރްލަމާނުގައި ވޯޓުދެއްވުމާ ވިދިގެން މި އިއްތީޙާދުގެ ޙާލަތު ވަނީ ވަރަށް ނާޒުކުވެ ނުތަނަސް ވެފައެވެ. ސަރބުން ވޯޓުދީ ވަކިވުމަށްފަހު އެމީހުން ދަނީ ވަކި ލަޝްކަރަކާއި އިދާރީ އޮފީސްތައް ޤާއިމު ކުރަމުންނެވެ. އެމެރިކާގެ ފޯރބްސް މަޖައްލާ ބުނާގޮތުގައި މިއީ ސަރބުން ބޮސްނިޔާ ހެޒްގަވީނާ އިއްތިޙާދުން ވަކިވުމަށް ތައްޔާރުވަމުންދާ ކަމުގެ ނިޝާނެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *