ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގައި ޗައިނާއިން ރަޝިޔާއަށް އެހީވުމަށް ޓަކައި ހަތިޔާރު ދީފާނެތީ އެމެރިކާ ކަންބޮޑުވާކަން ހާމަކޮށްފިއެވެ.
ޔުކްރޭން ހަނގުރާމައިގައި ރަޝިޔާ ކުރިއެރުން ލަސްވަމުންދިޔުމާއި ރަޝިޔާއާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކުރިއަށް ދިޔަނަމަވެސް، ރޫސީ ރައީސް ޕޫޓިން އެންމެ ފިޔަވަޅެއް ފަހަތަށް އަޅުއްވާނެ ކަމަށް ނުފެންނަ ކަމަށް އެމެރިކާއިން ބުންޏެވެ. މި އިޤްތިޞާދީ ބިރުތަކުގެ ކުރިމަތީގައި ފައިވިދެލުމަށް ޓަކައި ރަޝިޔާއިން ޗައިނާގެ އެހީ ހޯދުމަށް ތެދުވެދާނެ ކަމަށް ވޮޝިންގްޓަނުން ބުނެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ރޭ ހާމަކުރެއްވި ގޮތުގައި ކިޔޭފަށް އެހީވުމަށް ޓަކައި އެމެރިކާއިން 800 މިލިއަން ޑޮލަރު ދިނުމަށް މިހާރު ވަނީ ނިންމައިފައެވެ. އޭނާ ވިދާޅުވިއެވެ. "ޗައިނާއިން ރަޝިޔާއަށް ނުސީދާކޮށް ހަތިޔާރު ދީފާނެތީ އެމެރިކާ ވަރަށް ކަންބޮޑުވެއެވެ."
ބްލިންކެން ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ހާމަކުރެއްވި ގޮތުގައި މިރޭ ރައީސް ބައިޑްން ޗައިނާގެ ރައީސް ޝީއާ ފޯނުން ބައްދަލު ކުރައްވާއިރު "ރަޝިޔާގެ ޢުދުވާނަށް ވާގިވެރިވުމަށް ޓަކައި ބޭޖިންގުން އަޅާ ކޮންމެ ފިޔަވަޅަކާމެދު ޒިންމާވާން ޖެހޭނެ ކަމަށް ރައީސް ބައިޑްން ރައީސް ޝީއަށް ދަންނަވާނެއެވެ. އެމެރިކާ އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފަހަތަކަށް ނުޖެހޭނެއެވެ."
ޗައިނާއިން ވަނީ ރަޝިޔާއިން ޔުކްރޭނަށް ދެމުންގެންދާ ޙަމަލާތައް ކުށްވެރިކުރުމާ ދުރަށް ޖެހިފައެވެ. ޗައިނާ ބުނާގޮތުގައި ޔުކްރޭން ޤައުމީ ސިޔާދަތަކީ ޗައިނާ ޤަބޫލުކުރާ ކަމެކެވެ. އެހެނަސް ސަލާމަތީ ގޮތުން ރަޝިޔާ ބިރުގަންނަ ކަންތައްތަކެއް އެބަ ހުއްޓެވެ. މިކަމާ މެދު ރަޝިޔާއަށް ފިޔަވަޅު އެޅުމުގެ ޙައްޤު ލިބިގެން ވެއެވެ.
އެމެރިކާ ބުނާގޮތުގައި ރަޝިޔާއާ ސިދާ ކުރިމަތިލުމަކަށް ދާން އެމެރިކާ ބޭނުމެއް ނޫނެވެ. އެހެނަސް ބޭޖިންގުން މޮސްކޯއަށް ޢަސްކަރީ އެހީ ދީފިނަމަ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގެ ޤައުމަކަށް ދެވޭ ޙަމަލާގައި ބޭޖިންގާ ވޮޝިންގްޓަން ދެ ފަރާތަށް ޖެހިގެން ދާނެއެވެ.
އަރާރުން ކުރިއަށް
އަނެއްކޮޅުން ބަލާއިރު ޔުކްރޭން ހަނގުރާމަ ސަހަރުތައް ޙިޞާރު ކުރުމުގެ ހަނގުރާމައަކަށް ބަދަލުވަމުންދާން ފަށައިފިއެވެ. އދ ބުނާގޮތުގައި މި ހަނގުރާމައިގެ ސަބަބުން ޔުކްރޭންގެ 3.2 މިލިއަން ޢާންމުން އަވަށްޓެރި ޤައުމުތަކަށް ރެފިޔުޖީންގެ ގޮތުގައި ހިނގައްޖެއެވެ. ހުޅަނގުން ބުނާގޮތުގައި ރަޝިޔާއަށް ޔުކްރޭންގެ އެއްވެސް ބޮޑު ސަހަރެއް ނުހިފެއެވެ. ޔުކްރޭނުން ދަނީ ރަޝިޔާއާ ދެކޮޅަށް ގަދައަށް ހަނގުރާމަ ކުރަމުންނެވެ.
އަނެއްކޮޅުން ބަލާއިރު ހަނގުރާމަ ހުއްޓުމާ ބެހޭގޮތުން ބޭއްވެމުންދާ ވާހަކަދެއްކުންތައް މެދުނުކެނޑި ކުރިއަށް އެބަ ދެއެވެ. މި ވާހަކަދެއްކުންތައް ބޭއްވެމުންދަނީ ދާދިވަރުކޮށް ވީޑިއީކޮށްނެވެ. ރަޝިޔާގެ ރައީސްގެ ތަރްޖަމާނު ވިދާޅުވާ ގޮތުގައި އެއްބަސްވުމަކާ ހަމައަށް ދެވޭނެ ދުވަހެއް ނޭނގެއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ ވަފްދުން ކުރަމުންދާ ބުރަ މަސައްކަތަށް އަނެއްކޮޅުން އިޖާބަ ދިނުމަށް އަހުރެމެން އެދެމެވެ. އަހުރެމެން މި ތިބީ 24 ގަޑިއިރު މަސައްކަތް ކުރާން ތައްޔާރުވެގެންނެވެ. އެހެނަސް އަނެއްކޮޅުން މި ކަމަށް އިޖާބައެއް ނުދެއެވެ."



advertisment