ޔުކްރޭނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަށް ސަބަބުތަކެއް ވެއެވެ. އަދި މި ހަނގުރާމައަށް ދުނިޔޭގެ ބައްރުތަކުގައި ވަރަށް ފުޅައު ދާއިރާތަކެއްގައި އަދި ވަރަށް ދުރަށް ފެތުރިފައިވާ ގޮތަށް ރައްދުތަކެއް ވެސް ވެއެވެ.
މިއަދު ދުނިޔޭގެ ސިޔާސީ ވިސްނުންތަކުގެ މައްޗަށް ވެރިވެފައިވަނީ މި ހަނގުރާމަ ނިޔުޅެމުންދާ ގޮތުގެ ޚަބަރުތަކެވެ. ޚަބަރުފަތުރާ ތަފާތު ވަސީލަތްތަކުގެ ފަލަ ސުރްޚީތަކަށް ވެރިވެގަންފައި ވަނީ މި ހަނގުރާމައިގެ އަޑުތަކެވެ.
މި ހަނގުރާމަ ވަނީ ބައިނަލްއަޤްވާމީ އިޤްތިޞާދީ ފިއްތުންތަކަކަށް ވެސް ބަދަލުވެފައެވެ. ހަނގުރާމައިގައި ގެއްލުން ލިބެމުންދާ އިންސާނީ ގެއްލުންތަކުގެ ސަބަބުން އިންސާނީ ޟަމީރަށް ދަނީ ސިހުންތައް ލިބެމުންނެވެ.
ރަޝިޔާގެ ޖައްވީ ބާރުތައް ޔުކްރޭންގެ ވައިގެ ސަރަޙައްދު ތެރޭގައި ބޭނުން ގޮތަކަށް ބުރުޖަހަމުންދާއިރު ރަޝިޔާގެ އެއްގަމު ސިފައިންގެ ފައުޖުތައް ދަނީ ޔުކްރޭންގެ ތަފާތު ނާރެސްތަކުގައި އެ ޤައުމުގެ ވެލިގަނޑު ކަހަމުންނެވެ. ރައީސް ޕޫޓިން މި ހަނގުރާމައަށް ހަނގުރާމައެކޭ ވިދާޅެއް ނުވެއެވެ. ވިދާޅުވެފައިވަނީ ޢަސްކަރީ ޢަމަލުތަކެކޭއެވެ. މި ޢަމަލުތަކުގެ ލަނޑުދަނޑިތަކަކީ އޭނާ ޓީވީން ހާމަކުރައްވައިފައިވާ ގޮތުގައި
– ކްރެމިއާ އަކީ ރަޝިޔާއަށް ތަބާވާ ބިމެއް ކަމަށް ޔުކްރޭން ޤަބޫލުކުރުމާއި
– ޑޮންބާސް ސަރަޙައްދުން ވަކިވެގަންފައިވާ ޑޮނެސްޓްސްކާއި ލޮގާންސްކް މިނިވަން ދެ ޖުމްހޫރިއްޔާކަމަށް ޔުކްރޭނުން ޤަބޫލުކުރުމާއި
– ނޭޓޯއަށް ޔުކްރޭން ނުވަންނާނެކަމަށް ވަޢުދުވުމާއި
– ޔޫރަޕްގެ އިއްތިޙާދުގެ މެންބަރަކަށް ޔުކްރޭން ނުވާނެކަމަށް ވަޢުދުވުމާއި
– ޔުކްރޭނަކީ ޙަމަލާދެވޭވަރު ހަތިޔާރުނެތް ޤައުމަކަށް ހެދުމާއި
– ޔުކްރޭންގެ ވެރިކަމުގައި ތިބި "އައު ނާޒީން" ވެރިކަމުން ދުރުކޮށް ރަޝިޔާއަށް އާނ ބަސް ބުނާނެ ވެރިކަމެއް ޔުކްރާންގައި ޤާއިމު ކުރުމެވެ.
މުޙައްލިލުން ވިދާޅުވާ ގޮތުގައި މީގެތެރެއިން ބައެއް ކަންތައްތަކަށް އިޖާބަ ދެވިދާނެއެވެ. އަދި ބައެއް ކަންތައްތަކާމެދު ވާހަކަ ދެއްކިދާނެއެވެ. އެހެނަސް ބައެއް އެދުންތަކަކީ ޔުކްރޭނަށް އާއެކޭ ބުނެވޭނެ ކަންތައްތަކެއް ނޫނެވެ.
ގަނޑުފެން ފަރުބަދައިގެ މަތީ ފަށަލަ
ރަޝިޔާގެ މި އެދުންތަކަކީ ގަނޑުފެން ފަރުބަދައިގެ އެންމެ މަތީ ފަށަލައެވެ. މި ފެނުގެ އަޑީގައި އޮތީ ރައީސް ޕޫޓިންގެ ޝަޚްޞީ، ވަޠަނީ، ރޫސީ ދެލޯފުޅަށް ނޫނީ ނުފެނާނެ އިސްތިރާތީޖީ ކަންތައްތަކެކެވެ. ޙަޤީޤަތަށް ބަލާއިރު ޔުކްރޭނަކީ ޒާރީ ރަޝިޔާގެ ބައެއްގެ ގޮތުގައި އެތައް ސައްތަ އަހަރެއްވާންދެން އޮތް ބިމެކެވެ. އޭގެފަހުން ކޮމްޔުނިސްޓް ސޮވިއެޓް އިއްތިޙާދުގެ ދަށުގައި ވެސް އެތައް ދަހަރުތަކެއްގައި އޮތެވެ. ޔުކްރޭނަކީ ރޫސީ ކިޔާނު ބައްޓަންކުރުމުގައި މުހިއްމު ދައުރެއް ކުޅެފައިވާ ތަނެކެވެ. ޔުކްރޭނާ ރަޝިޔާއާ ދެމެދުގައި ސަޤާފީ ބަހަވީ އަދި ނަސްލީ ގުޅުންތައް ވަނީ ލާމެހިގުޅިފައެވެ. މި ގުޅުންތައް ވަކިކޮށް ބައިކުރެވޭ ވަރަށްވުރެ މާ ފުނަށް އަޑިއަށް ފައިބައިފައިވާ ތަން ފެނެއެވެ. މީގެ އިތުރަށް ރޫސީ ވިލާތުގެ 24 އަކަށް މިލިއަން މީހުން ޔުކްރޭނުގައި އެބަ ދިރިއުޅެއެވެ.
ސޮވިއެޓް އިއްތިޙާދު ދުނިޔޭގެ އެންމެ ބާރުގަދަ އެއް ޤައުމުގެ ގޮތުގައި އޮތް ދުވަސްތައް ޕޫޓިން ވަނީ ދެކެވަޑައިގެންފައެވެ. ސޮވިއެޓް އިއްތިޙާދު ރޫޅިގެން ދިޔުމާއެކު (ނުވަތަ ހުޅަނގުގެ މަކަރުވެރި ކެހިވެރި ރޭވުންތަކުގެތެރެއިން ލައިފާ ރޫޅައިލިއިރު) ހުޅަނގުގެ ރޭވުމުގެ ދަށުން ރޫސީވިލާތަށް އަލުން ބޮޑު ބާރެއްގެ ގޮތުގައި ހިންދަމައިނުލެވޭގޮތަށް ކަންތައްތައް ރޭވިއެވެ. ސޮވިއެޓް އިއްތިޙާދުން ވަކިވި އިރުމަތީ ޔޫރަޕްގެ ޤައުމުތައް ޔޫރަޕްގެ އިއްތިޙާދަށާއި ނޭޓޯއަށް ވެއްދިއެވެ.ބޮޑު ދެ ބާރުގެ ދެމެދުގައިވާ ހުރަސް ކަމުގައިވާ ބަރްލިން ފާރު ވެއްޓިގެން ދިޔަތަން ވެސް ޕޫޓިން ދެކެވަޑައިގެންނެވިއެވެ.
މި ފަރުބަދައިގެ ފެނުގެ އަޑީގައި އޮތީ ކޮން އެއްޗެއް ބާވައެވެ. ދާރިސުން ވިދާޅުވާގޮތުގައި ފެނުގެ އަޑިގައި ހަމަލޮލަށް ނުފެންނަ ހިސާބުގައި އޮތީ ރައީސް ޕޫޓިންގެ ސިޔާސީ ވަޠަނީ އަދި ބައިނަލްއަޤްވާމީ އިސްތިރާތީޖީ ކޯޅިތަކެކެވެ. އޭނާ ބޭނުންފުޅު ވަނީ ރަޝިޔާއާ ދިމާއަށް ދިގުކުރުމަށްދާ ހުޅަނގުގެ އަތަށް ސިޔާސީގޮތުންނާއި ސަޤާފީ ގޮތުންނާއި ޢަސްކަރީގޮތުން ހުރަސްއަޅައި ރަޝިޔާގެ އަމާން އައްޑަނައަކަށް ޔުކްރޭން ވުމެވެ.
ހަމައެކަނި ރައީސެއް ނޫން
ރަޝިޔާއަށް ބަލާއިރު މިއަދު ޕޫޓިނަކީ ހަމައެކަނި ރައީސެއްނޫނެވެ. މީގެއިތުރަށް އޭނާއަކީ ވެއްޓި ކުދިކުދިވެފައިވާ ރަޝިޔާގެ ގައިގައި ބޭސްގަނޑުތައް އަޅުއްވައި އެ ކިޔާނުގެ ކަށިތައް އަލުން ވަރުގަދަކޮށް އެ ކިޔާނު ކޮޅަށްނެންގެވި ވަޠަނީ ޒަޢީމެވެ. ސޮވިއެޓް އިއްތިޙާދުގެ އެންމެ ފަހު ޒަޢީމު ގަރްބަޗޯފް މި ކިޔާން ނައްތައިލެއްވުމުގައި މުހިއްމު ދައުރެއް ކުޅުއްވައިފައިވާ ކަމަށް ޕޫޓިން ދެކެވަޑައިގަންނަވައެވެ. ސޮވިއެޓް އިއްތިޙާދު ވެއްޔާ މޮޑެވެގެން ދިޔުމާވިދިގެން ރަޝިޔާގެ ރައީސްކަމަށް ހުޅަނގުން އިސްކުރީ މޮސްކޯގެ އޭރުގެ މޭޔަރ ޔެލްޓްސިނެވެ. ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި ހުޅަނގުން ވަނީ ޔެލްޓްސިނަށް އޮޅުވައިލައިފައި އެމީހުންގެ ބާރުގެ ދަށަށް ޔެލްޓްސިން ގެނެސްފައެވެ. ޔެލްޓްސިންގެ ސިޔާސަތުގެ ސަބަބުން ރަޝިޔާ ވަނީ ހުޅަނގުގެ ކުރިމަތީގައި ކަކޫ ޖައްސުވައިފައެވެ.
ރައީސް ޕޫޓިންގެ ޢަޤީދާއާއި ވިސްނުންފުޅާ ބެހޭގޮތުން އަޅުގަނޑު 2 މާރިޗުގައި ލިޔެފައިވާނޭ ފަދައިން ރަޝިޔާއާ ޔުކްރޭނާ ދެމެދުގައި މި ފެށުނު ހަނގުރާމައަކީ 30 އަހަރުވަންދެން ހިފުމާއި ބެއްދުމުގެ ނަތީޖާއެކެވެ. އެއީ ޔުކްރޭނަށްވުރެ ބޮޑު މަސްއަލައެކެވެ. އަދި އެއީ ޔުކްރޭން ނޭޓޯއަށް ވައްދަން ކުރެވޭ މަސައްކަތަށް ވުރެ ވެސް ބޮޑު ކަމެކެވެ. މި ކަންކަމުގެ އިތުރަށް އެއީ ސޮވިއެޓް ޔުނިއަން ރޫޅުމާ ވިދިގެން ޤާއިމުވެގެން ދިޔަ ޔޫރަޕްގެ ނިޒާމުގެ ކުރިމަގާ ވެސް ގުޅިފައިވާ ކަމެކެވެ. މިދިޔަ ސައްތައިގެ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި އެމެރިކާއާއި އެމެރިކާގެ އެކުވެރީން މި ނިޒާމު އެކުލަވައިލައި ބައްޓަން ކޮށްފައި ވަނީ މި ނިޒާމުގައި ރަޝިޔާއަށް އެއްވެސް ދައުރެއް ދިނުމަކާ ނުލައެވެ. މޮސްކޯއަށް އެއްވެސް ކަށަވެތިކަމެއް ވެސް ނުދީއެވެ.
ރަޝިޔާގެ ވެރިކަމާ ޕޫޓިން ޙަވާލުވެ ވަޑައިގެންނެވި ހިސާބުން ފެށިގެން އޭނާ ވަޑައިގަތީ މި ނިޒާމަށް ގޮންޖައްސަވަމުންނެވެ. ބައިނަލްއަޤްވާމީ ނިޒާމުގައި ރަޝިޔާގެ ސަލާމަތަށް ކަނު ލޮލެއް ދީފައިވާތީ ޕޫޓިން ތަކްރާރުކޮށް ދަނީ ޝަކްވާ ކުރައްވަމުންނެވެ. ކުރީގެ ސޮވިއެޓް ޔުނިއަންގެ ދާއިރާގެ ތެރޭގައި ރަޝިޔާއަށް ޚާއްޞަ އިމްތިޔާޒުތަކެއް ލިބެން ޖެހޭނެކަމަށް ޕޫޓިން ދެކެވަޑައިގަންނަ ވައެވެ.
ޔުކްރޭނާ ދިމާއަށް ވަޑައިގަތީ ކީއްވެ
ޕޫޓިން ޔުކްރޭނާ ދިމާއަށް ޢަސްކަރީ ބޫޓުގައި ޙަރަކާތްތެރިވެ ވަޑައިގަތުމުގެ އަސާސަކީ ޒާރީ މާޒީގެ އުސްމިންތަކާއި މަސީޙީ އޮތޮޑޮކްސް މަޒްހަބުގެ ޢަޤީދާގެ މަތީގައި ރޫސީންގެ ވަޠަނިއްޔަތު އަލުން ބިނާކުރެއްވުމަށް ޓަކައި ފަށްޓަވައިފައި މަސައްކަތްޕުޅެވެ.
ރަޝިޔާގެ މުފައްކިރެއްކަމުގައިވާ އެލެގްޒަންޑަރ ޑޮޖިން އަކީ ޕޫޓިންގެ ސިޔާސަތު ކުރެއްސެވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. އޭނާގެ ފިކްރު މާރެސް ކުރައްވައިފައި ވަނީ "ހަތަރުވަނަ ތިޔަރީ"ގެ ނަމުގައެވެ. މި ތިޔަރީގައި އޭނާ ގޮވައިލައްވައިފައި ވަނީ ލިބަރަލިޒަމާއި ޤައުމިއްޔަތާއި ކޮމްޔުނިޒަމް ފަހަނަޅައި ދިޔުމަށެވެ. އޭނާގެ ސިޔާސީ މި ތިޔަރީ ބިނާކުރައްވައިފައި ވަނީ ދީނާއި ތާރީޚާއި ޤައުމިއްޔަތާއި ރޫސީންގެ އިންސާނީ އަދި ޖޯގްރަފީ ޝަޚްޞިއްޔަތުގެ މަތީގައެވެ. އޭނާ ވިދާޅުވާގޮތުގައި ރަޝިޔާއަކީ އެއްވެސް ޒަމާނެއްގައި ސިޔާސީ ސިންދަފާތީ ނިޒާމެއް ދެކެފައިވާ ޤައުމެއް ނޫނެވެ. އެހެނަސް އަބަދުވެސް ރަޝިޔާ ހިނގައިފައި ވަނީ ބާރުގަދަ ޒަޢީމެއްގެ ފަހަތްޕުޅުގައެވެ. ޑޮޖިން ވިދާޅުވާ ގޮތުގައި ޒާރަކީ ބޮލެވެ. ދީނަކީ ހިތެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ނަޞާރާ އޮތޮޑޮކްސް މަޒްހަބަކީ ރަޝިޔާގެ ވަޠަނީ ޝަޚްޞިއްޔަތު އެކުލަވައިލުމުގައި އަސާސީ ބަހާއެކެވެ.އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޕޫޓިނަކީ އައު ރަޝިޔާއަށް ބޭނުންވާ މި ސިފަތައް ލިބިވަޑައިގެން ހުންނެވި ޒަޢީމެވެ. އޭނާ ރަޝިޔާގެ ވެރިކަމުގައި ކުރިއަށްއޮތް ދަހަރެއްހާ އަހަރު ދެމި ހުންނަވައިފިނަމަ ބާރުގަދަ ޒަމާނީ އައު ދައުލަތެއް އޭނާއަށް ބިނާކުރެއްވޭނެއެވެ. ރައީސް ޕޫޓިން އިސްކަން ދެއްވަނީ މި އައު ދައުލަތް ބިނާކުރެއްވުމަށެވެ.
ބައިނަލް އަޤްވާމީ ދުނިޔެއަށް ބަލާއިރު ދުނިޔެ ތަނޑިތަކަކަށް ބެހިފައި އޮތުމަކީ އޭނާ މާ އިސްކަމެއް ދެއްވާ ކަމެއް ނޫނެވެ. އެއީ އޭނާ އެކަމާ ދެކޮޅު ހައްދަވާ ކަމެއްވެސް ނުމެނޫންމެއެވެ. ރޫސީ- ހުޅަނގުގެ އަރާރުންތަކުގެ ސަބަބުން ވެރެމުންދާ މޭވާތައް ހޮވަން މި ލިބެނީ ޗައިނާއަށެވެ. ޗައިނާ މި އަރާރުމުގެ ތެރެއަށް ވަންނާކަށް ނޭދެއެވެ. އޭގެ ސަބަބުން ޗައިނާގެ އިޤްތިޞާދަށް ލިބެމުންދާ ފައިދާތަކުގެ ސަބަބުންނެވެ. ޗައިނާގެ ސިޔާސަތު ބިނާކޮށްފައި ވަނީ ހަމަހިމޭންކަމުގެ މަތީގައެވެ. ޙިކްމަތްތެރި ޅެންވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ "ބަޔަކާ ކުރިމަތިވާ މުޞީބާތަކީ އަނެއް ބަޔަކަށް ލިބޭ ފައިދާއެކެވެ."
ރައީސް ޕޫޓިން ޔުކްރޭން ގަހަށް އަރައިވަޑައިގެންފައި މިވަނީ ލޭގެ ސޭލާއެއްގައެވެ. ދުވަހަކުވެސް ބަޔަކު ބާރު ނުކުރާވަރަށް ހުޅަނގުން ވަނީ ބަރު ހިތި ޢުޤޫބާތްތަކުގެ ވައުވެލާވެލިތައް އޭނާގެ ކަރުފުޅުގެ ވަށައިގެން އޮޅައިފައެވެ. މިއަދު މުޅި ދުނިޔެ ދަނީ މި ހަނގުރާމަ ވަގުތުން ބަލަމުންނެވެ. މީގެ ކުރީން މިފަދަ ބޮޑު ހަނގުރާމައެއް ހިނގަމުންދާތަން ފެނިފައި ނުވާ މިންވަރަށެވެ. ދުނިޔޭގެ ގިނަ ޤައުމުތައް އދ ގައި ވަނީ ރަޝިޔާ ކުށްވެރިކޮށްފައެވެ.
ހުޅަނގުން މި ވަނީ ހިތި ބުރަ ޢުޤޫބާތްތަކުގެ މަރުތެލާއި ޔުކްރޭންގެ ރައްޔިތުންގެ ފައިވިދެލުންތަކުގެ ކަރުނައިގެ ތެރޭގައި ރަޝިޔާ ތާށިކޮށްފައެވެ. ޕޫޓިނަށް ޔުކްރޭންގެ ލޭ ގަހުން ފައިބައި ވަޑައިގެންނެވޭނީ ކޮން ހަރުގަނޑަކުން ބާވައެވެ؟



advertisment