Support Us

ކިޔޭފަށް އެހީވާން ނޭޓޯގެ ޢަސްކަރީ ބޭހެއް ބޭނުންކުރުމާ އެމެރިކާ ދެކޮޅުހަދައިފި

ޕޮލެންޑުން މިގް– 29ގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޔުކްރޭނަށް ފޮނުވުމާ ބެހޭގޮތުން ވޯސޯއިން ހުށައެޅި ހުށައެޅުމަކާ ވޮޝިންގްޓަނުން ދެކޮޅު ހަދައިފިއެވެ.

ވޯސޯ އިން ހުށައަޅަނީ މި ބޯޓުތައް ޖަރްމަނުގައި އޮންނަ ނޭޓޯގެ ޢަސްކަރީ ބޭހަކަށް ފޮނުވައިގެން ވޮޝިންގްޓަންގެ ބެލުމުގެ ދަށުން މި ބޯޓުތައް ޔުކްރޭންގެ ސިފައިންނާ ޙަވާލު ކުރުމަށެވެ. މިއީ ރަޝިޔާގެ ވައިގެ ޙަމަލާތަކުން ދިފާޢުވުމަށް ޓަކައި ޔުކްރޭނުން އެދުނު ކަމެކެވެ. ވޮޝިންގްޓަނުން މިކަމާ ދެކޮޅު ހެދީ ރަޝިޔާއާއި ޔުކްރޭނާ ދެމެދުގައި ހިނގަމުންދާ އަރާރުމުގެ ތެރެއަށް ނޭޓޯ ވަނުން ރަނގަޅުނުވާނެ ކަމަށް ދެކޭތީއެވެ. މި ކަމުގެ ސަބަބުން ނޭޓޯއާއި ރަޝިޔާ ދެމެދުގައި ސީދާ ކުރިމަތިލުމަކަށް ހިނގައިދާނެތީއެވެ.

ޕޮލެންޑްގެ ޚާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއް ބުނާގޮތުގައި މިގް 29 މަރުކާގެ 28 ބޯޓު ޖަރްމަނުގައި އޮންނަ އެމެރިކާގެ ރަމްޝްޓައިން ވައިގެ ބޭހާ ޙަވަލު ކުރުމަށް ވޯސޯ އޮތީ ތައްޔާރަށެވެ. ޕޮލެންޑް ބުނާގޮތުގައި މި ކަމަށް އެއްވެސް ބަދަލެއް ވެސް ބޭނުމެއްނޫނެވެ.

ޔުކްރޭންގެ ރައީސް ޒިލެންސްކީ ހުޅަނގަށް ގޮވައިލައްވަމުން ގެންދަވަނީ ނޭޓޯއިން އޭނާގެ ޤައުމަށް ޙަޤީޤީ އެހީއެއް ވެދިނުމަށެވެ. ރަޝިޔާއިން ޔުކްރޭނުގެ ވައިގެ ސަރަޙައްދަށް ވެރިވެފައިވާތީ ރަޝިޔާއާ ކުރިމަތި ލުމަށް ޓަކައި ޔުކްރޭނަށް ހަނގުރާމަމަތީ ވައިގެ ހަތިޔާރު ބޭނުންވާ ކަމަށް ރައީސް ޒިލެންސްކީ ވިދާޅުވިއެވެ.

ޕެންޓަގަން ދެކޮޅު

ޕޮލެންޑުން މި ގޮތަށް ހުށައެޅުމުން ޕެންޓަގަނުން އެކަމާމެދު ހިތްހަމަނުޖެހޭ ކަމަށް ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން އެމެރިކާއަށް "ވަރަށް ދަތި ޙާލަތަކަށް" ދާންޖެހޭނެ ކަމަށް ޕެންޓަގަނުން ބުންޏެވެ. ވޮޝިންގްޓަން ބުނާގޮތުގައި "ޕޮލެންޑްގެ މި ހުށައެޅުމަކީ ވިލަރެސް ނުކޮށް ހުށައަޅައިފައިވާ ހުށައެޅުމެކެވެ." އެމެރިކާއިން މި ގޮތަށް ބުނުމުން ރައީސް ޒިލެންސްކީ ވަރަށް ނާއުއްމީދުވެ ވަޑައިގަތެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ އެހީތެރިޔާ ވިކްޓޯރިޔާ ނޮލެންޑް އެމެރިކާގެ ކޮންގްރެސްގައި ވިދާޅުވިގޮތުގައި "މި ކަން ކޮށްފައި ވަނީ އެއްވެސް މަޝްވަރާކުރުމަކާ ނުލައެވެ."

ނޭޓޯ ވެސް ތަރްޙީބެއް ނުދޭ

އަނެއްކޮޅުން ބަލާއިރު ޕޮލެންޑްގެ މި ހުށައެޅުމަށް ނޭޓޯ ވެސް މަރްޙަބާއެއް ނުކިޔައެވެ. ނޭޓޯއާއި އެމެރިކާ ބުނާގޮތުގައި ޕޮލެންޑްގެ މަތިންދާބޯޓުތައް ނޭޓޯގެ ބެލެމުގެ ދަށުގައި ބެހެއްޓުމަކީ އެދެވޭ ކަމެއްނޫނެވެ. މިކަމުގެ ސަބަބުން ޔުކްރޭނާއި ރަޝިޔާގެ ވައިގެ ސަރަޙައްދުތެރެއަށް ނޭޓޯއަށާއި އެމެރިކާއަށް ވަންނާން ޖެހޭނެތީއެވެ. އެމެރިކާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ޖޯން ކަރބީ ވިދާޅުވާ ގޮތުގައި "މި ކަމަށް އެއްވެސް ބަހަނާއެއް ނެތެވެ."

އަނެއްކޮޅުން މޮސްކޯއިން އިންޒާރުކުރާ ގޮތުގައި ޔުކްރޭނަށް ވައިގެ ދިފާޢާ ބެހޭގޮތުން އެއްވެސް އެހީއެއް ދިނުމަކީ "މި އަރާރުމުގެ ތެރެއަށް ވަނުމެވެ." އަދި ރަޝިޔާއިން "ބަދަލު ހިފުމަށް ފިޔަވަޅު އެޅުމަކީ އެކަށީގެންވާ ކަމެކެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް