މިއީ އެމެރިކާގެ ތާރީޚުގައި ހިނގި އެމެރިކާގެ ކޯޓެއްގައި ހިނގި އާދަޔާޚިލާފު މަސްއަލައެކެވެ. މިފަދަ އެހެން މަސްއަލައެއް ނުވެއެވެ. މި މަސްއަލައިގައި ޤާޟީ ވަނީ އިއްވަވާނެ ޙުކުން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ނުކުޅެދުންތެރިވެ ވަޑައިގަންނަވާކަން ޤަބޫލު ކުރައްވައިފައެވެ.
އެމެރިކާގެ ވަރޖީނިޔާގައި 2007ވަނަ އަހަރު ފައްޅިއެއްގެ ކައިރީގައި މީހަކު ރާޚާނާއެއް ހުޅުވިއެވެ. ފައްޅިއަށް ޤަދަރުކޮށް އިޙްތިރާމު ކުރުމަށް ޓަކައި މި ރާޚާނާ ފައްޅިއާ ދުރަށް ގެންދިޔުމަށް ފައްޅީގެ އިސް ފާދިރީ ރާޚާނާގެ ވެރިޔާގެ ކިބައިން އެދުނެވެ. ރާޚާނާ ހުޅުވުމުގެ ރަސްމީ ހުއްދަ އޭނާއަށް ލިބިފައިވާ ކަމަށް ބުނެ ފައްޅިއާ ދުރަށް ދިޔުމާ ދެކޮޅު ހެދިއެވެ.
މިހެންވެ ފައްޅީގެ ފާދިރީންނާއި އާދިއްތަ ދުވަހު ފައްޅިއަށް އަޅުކަންކުރުމަށް ދާ މީހުން ނިންމީ މި ރާޚާނާގެ މައްޗަށް ބަދުދުޢާކުރުމަށެވެ.
މި ގޮތަށް ދުޢާ ކުރަމުން ދަނިކޮށް އެއްދުވަހަކު ރާޚާނާގައި ކަރަންޓު ޝޯޓެއް ވެގެން އެތާނގައި ރޯވެ މުޅި ތަން އަނދައި ހުލިވެގެން ދިޔައެވެ. އެހިނދު މި ރާޚާނާގެ ވެރިއާ މި ފައްޅިއާ ދެކޮޅަށް ކޯޓަށް މަސްއަލަ ހުށައެޅިއެވެ. މި ރާޚާނާއަށް ލިބުނު ގެއްލުމުގެ ފުރިހަމަ ބަދަލު ދިނުމަށް އޭނާ ދަޢުވާ ކުރިއެވެ. ރާޚާނާގެ ވެރިޔާ އޭނާގެ ބަހަށް ހެކި ދެއްކުމަށް ޓަކައި ފައްޅީގައި ކޮންމެ އާދީއްތަ ދުވަހަކު ކުރަމުން ދިޔަ ބަދުދުޢާގެ ރެކޯޑެއް ކޯޓަށް ހުށައެޅިއެވެ. އޭނާ ބުނިގޮތުގައި ކަލާނގެ އޭނާގެ ރާޚާނާ ހަލާކުކޮށްލެއްވީ މި ފައްޅީން އެކަމަށް ދުޢާކުރީމައެވެ. އެހެން ވީމާ ބަދަލު ދޭން ޖެހޭނީ ފައްޅީންނެވެ.
ފައްޅީގެ އިސް ފާދިރީ ކޯޓުގައި ޖަވާބުދާރީ ވަމުން ބުންޏެވެ. "ފައްޅީގައި އަޅުކަންކުރާ މީހުންގެ ދުޢާއަކީ އެމީހުންނަށް ޙަޔާތުގައި ކުރިމަތިވާ ނުތަނަވަސްކަމާއި ހާސްކަމުން ލުއިކަން ހޯދުމަށް ކުރާ ކަމެކެވެ. ކަލާނގެ އަކީ އަޅުންގެ ދުޢާއަށް އިޖާބަ ދެއްވާ ފަރާތެއްނޫނެވެ."
ފާދިރީ ކޯޓުގައި ބުންނެވެ. "މި ކަމުގެ ދަލީލަކީ އަޅުކަންކުރާ މީހުން ކުރާ ދުޢާއިން އެމީހުންނަށް އެއްވެސް ކަމެއް ކަލާނގެ ޙާޞިލުކޮށް ދެއްވައިފައި ނުވުމެވެ."
އެހިނދު ޤާޟީ ތޮމްސަން ކުރުކުރު ނިޔާއެއް އިއްވަވައި މަސްއަލަ ނިންމަވައިލެއްވިއެވެ. މި ނިޔާގައި ވަނީ "ފައްޅި ކަލާނގެއަށް ކާފިރުވެ ރާޚާނާ ކަލާނގެއަށް އީމާންވާތީ ޙުކްމެއް އިއްވުމަށް އަހުރެން ނުކުޅެދުންތެރިވަމެވެ."



advertisment