ޔުކްރޭންގެ މަސްއަލައިގައި ޕާކިސްތާނުން ރަޝިޔާ ކުށްވެރި ނުކުރާތީ ޕާކިސްތާނުގައި ތިއްބަވާ ހުޅަނގުގެ ސަފީރުން އިސްލާމްއާބާދަށް ފާޑުވިދާޅުވުމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ހުޅަނގާ ދެކޮޅަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިއެވެ. "އެމީހުން ހީކުރަނީ ޕާކިސްތާނަކީ އަޅެއް ކަމަށް ހެއްޔެވެ؟"
މި ގޮތަށް ބޮޑުވަޒީރު ޢިމްރާންޚާން ފާޑު ވިދާޅުވީ ޑިޕްލޮމެޓިކް 22 މިޝަނަކުން މި މަހުގެ ފުރަތަމަ ދުވަހު ރަޝިޔާ ކުށްވެރި ކުރުމަށް ގޮވައިލައި އިސްލާމްއާބާދަށް ސިޓީއެއް ފޮނުވުމުންނެވެ. މި 22 މިޝަންގެ ތެރޭގައި ޔޫރަޕްގެ އިއްތިޙާދުގެ މިޝަންތަކާއި އެމެރިކާއާއި އިނގިރޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާއާއި ނިވްޒީލެންޑް ހިމެނެއެވެ.
ހުޅަނގުގެ ފިއްތުންތަކާ ދެކޮޅު
ރޮއެޓަރޒް ބުނާގޮތުގައި މި މިޝަންތަކުން ގުޅިގެން ފޮނުވި ސިޓީ މި ގޮތަށް ހާމަކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ޢިމްރާންޚާން ސިޔާސީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އެމީހުން ހީކުރަނީ ކީކޭހެއްޔެވެ؟ އަހުރެމެންނަކީ އެމީހުންގެ އަޅުންތަކެއް ކަމަށް ހެއްޔެވެ؟ އެ މީހުން ބުނާހާ ކަމެއް އަހުރެމެން ކުރާނެކަމަށް ހެއްޔެވެ؟"
ޕާކިސްތާނަކީ ޢާންމު ގޮތެއްގައި ހުޅަނގުގެ އެކުވެރި ޤައުމެކެވެ. އެހެނަސް އދ ގެ ޢާންމު ޖަމްޢިއްޔާގައި ޕާކިސްތާނުން ވަނީ ޔުކްރޭންގެ މަސްއަލައިގައި ރަޝިޔާ ކުށްވެރިކުރުމާ ދުރުހެލިވެފައެވެ.
ޢިމްރާންޚާން ވިދާޅުވިއެވެ. "އަހުރެން ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގެ ސަފީރުންނާ ސުވާލުކުރަން ބޭނުމެވެ. އެމީހުން އެފަދަ ސިޓީއެއް އިންޑިޔާއަށް ފޮނުވި ހެއްޔެވެ؟" އިންޑިއާވެސް ވަނީ ރަޝިޔާ ކުށްވެރި ކުރުމާ ދުރުހެލިވެފައެވެ. ސަލާމަތީ މަޖިލީހަށް ހުށައެޅުނު ދެ ޤަރާރަށް ވެސް އިންޑިއާއިން ވޯޓެއް ނުދެއެވެ.
ޚާން ވިދާޅުވިއެވެ. "އިންޑިއާއިން ކަޝްމީރުގެ ރައްޔިތުންނަށް ދެމުންގެންދާ ޙަމަލާތައް ޔޫރަޕްގެ އިއްތިޙާދުން ކުށްވެރިއެއް ނުކުރެއެވެ. އެކަމާދެކޮޅަށް ފާޑެއް ވެސް ނުކިޔައެވެ."
އޭނާ ވިދާޅުވިއެވެ. "އަފްޣާނިސްތާނުގައި ޕާކިސްތާނުން ނޭޓޯއަށް އެހީވެދިނުމުން ޝުކްރެއް ވެސް ނުލިބުނެވެ. އެއާ ޚިލާފަށް ޕާކިސްތާނާ ދެކޮޅަށް ވަނީ އެތައް ފާޑުކިޔުންތަކެއް ކިޔައިފައެވެ."
އަހުރެމެންނަކީ ރަޝިޔާގެ ރަޙްމަތްތެރީން
ރޫސީ ރައީސް ޕޫޓިން ޔުކްރޭނަށް ޙަމަލާ ދިނުމަށް އަމުރުކުރެއްވި ވަގުތު ޢިމްރާން ޚާނަށް ހުންނެވުނީ މޮސްކޯގައެވެ. އޭގެ ދެތިން ގަޑިއިރު ފަހުން އޭނާ ރައީސް ޕޫޓިނާ ބައްދަލު ކުރެއްވިއެވެ.
ޚާން އިއްޔެ ވިދާޅުވިއެވެ. "އަހުރެމެން އެމެރިކާއާއި ޔޫރަޕާއި ޗައިނާއާއެކު ރަޙްމަތްތެރިކަން ބާއްވާގޮތަށް އަހުރެމެން ރަޝިޔާއާއެކުގައި ވެސް ރަޙްމަތްތެރިކަން ބާއްވާނަމެވެ. އަހުރެމެންނަކީ ވަކި ފޭލިގެއެއްގެ ބައެއްނޫނެވެ." ޚާން ވިދާޅުވި ގޮތުގައި ޕާކިސްތާނު އޮންނާނީ ވަކި އަތަކަށް ނުޖެހިއެވެ. ޕާކިސްތާނު މި ހަނގުރާމަ ހުއްޓުވުމަށް ޓަކައި މަސައްކަތް ކުރާނެއެވެ. ވަކި ފަރާތަކަށް ޖެހިގެން މި ކަމެއް ނުކުރެވޭނެއެވެ.
ރައީސް ޕޫޓިނާ ބައްދަލު ކުރެއްވުމަށްފަހު ޕާކިސްތާނުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި ޔުކްރޭންގެ މަސްއަލައިގެ ސަބަބުން ތަރައްޤީވުމަށް މަސައްކަތް ކުރާ ޤައުމުތަކުގެ އިޤްތިޞާދަށް ނުބައި އަސަރުތަކެއް ކުރާނެކަމަށް ބޮޑުވަޒީރު ޢިމްރާން ޚާން ރައީސް ޕޫޓިނަށް ދެންނެވިއެވެ. ޢިމްރާން ޚާނަކީ ޔުކްރޭނަށް ރަޝިޔާއިން ޙަމަލަދޭން ފެށިފަހުން ރައީސް ޕޫޓިނާ ބައްދަލު ކުރެއްވި ބޭރުގެ ފުރަތަމަ ޒަޢީމެވެ. އޭނާ ވިދާޅުވި ގޮތުގައި މި ފަދަ އަރާރުންތަކުން އެންމެ ބޮޑަށް ގެއްލުން ލިބޭނީ ތިންވަނަ ދުނިޔެއަށެވެ.
އިޤްތިޞާދީ މަޞްލަޙަތު
ޢިމްރާން ޚާން ވިދާޅުވާގޮތުގައި އޭނާ މޮސްކޯއަށް ވަޑައިގަތީ ރަޝިޔާ އަތުން ދެ މިލިއަން ޓަނުގެ ގޮދަން ބައްލަވައިގަންނާށެވެ. އަދި ރަޝިޔާއާ ޕާކިސްތާނާ ދެމެދުގައި އެއްބަސްވެވޭ ޚާއްޞަ އެއްބަސްވުމެއްގެ ދަށުން ޠަބީޢީ ގޭސް ހޯއްދަވާށެވެ. ޢިމްރާން ޚާން ވިދާޅުވިއެވެ. "އަހުރެން ރަޝިޔާއާށް ދިޔައީ ހަނގުރާމައަށް ތާއީދުކުރާކަށް ނޫނެވެ. އެހެނަސް ޕާކިސްތާނުގެ އިޤްތިޞާދީ ޙާލަތު އެ ކަމަށް ނިޔާކުރާތީއެވެ."
މި ދަތުރުފުޅުގައި ޢިމްރާންޚާން ޕޫޓިނާއެކު ތިން ގަޑިއިރުގެ ވާހަކަދެއްކުންތަކެއް ބޭއްވެވިއެވެ.



advertisment