ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ އަކީ ދިވެހިރާއްޖޭގެ ދެ ވަނަ ރައީސުލްޖުމްހޫރިއްޔާ އެވެ. ރައީސް މައުމޫނަކީ ޤައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ރާއްޖޭގެ ޤައުމީ ތަރައްޤީއަށްޓަކައި އަގުނުކުރެވޭ ފަދަ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޤައުމީ ޒަޢީމެކެވެ. މިގޮތުން ދާޚިލީ ގޮތުންނާއި ޚާރިޖީގޮތުން ރާއްޖޭގެ ޤައުމީ މިނިވަންކަމަށްޓަކައި ކުރެއްވި ގިނަގުނަ މަސައްކަތްޕުޅު ތާރީޚްގައި ރަން އަކުރުން ފާހަގަކުރަންޖެހެއެވެ.
މިނިވަންކަމުގެ ނަޒަރުން ބަލާއިރު ޚާއްޞަ ގޮތެއްގައި 3 ނޮވެމްބަރ 1988ގެ ޢުދުވާނީ ހަމަލާއިން ދިވެހި ޤައުމަށް ނަސްރާއި ނަޞީބާއި ކާމިޔާބު ލިބުނީ މާތްﷲ ޞުބްޙާނަހޫ ވަތަޢާލާގެ މިންވަރުފުޅާއެކު، ރައީސް މައުމޫނު ގެންގުޅުއްވި ޙިކުމަތު ޢަމަލީގެ ހަރުދަނާ ސިޔާސަތުގެ ސަބަބުންނެވެ. އަދި މި ޙަމަލާއިން ރާއްޖެ ދިފާއުކުރުމުގައި އެހީތެރިވުމަށް ރައީސް މައުމޫނު، އިންޑިޔާ ސަރުކާރުގައި އެދިވަޑައިގެންނެވި އެދިވަޑައިގަތުމަކަށް ރާއްޖެއައި އިންޑިޔާ ސިފައިން އަހަރެއްހާ ދުވަސްވެސް ނުވަނީސް ރާއްޖެއިން ފައިބައިގެން ގޮސްފައިވަނީ ވެސް ރައީސް މައުމޫނުގެ ތޫނު ވިސްނުންފުޅާއި ހަރުދަނާ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުންކަންވެސް ރާއްޖޭގެ ޤައުމީ މިނިވަންކަމުގެ ނަޒަރުން ފާހަގަކުރަންޖެހެއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގެ (11 ނޮވެމްބަރ 1978 އިން 11 ނޮވެމްބަރ 2008 އަށް) 30 އަހަރުގައި ގެންގުޅުއްވާފައިވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ޤައުމީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމާއެކު، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ރިވެތިނަމާއި ކުރިއެރުން ވަނީ ލިބިފައެވެ. ރާއްޖޭގެ ރަށްތައް ތަރައްޤީކުރައްވައި އިޖްތިމާއީ ގޮތުންނާއި އިޤްތިޞާދީގޮތުންނާއި ޒަމާނީ ރޮނގުތަކުން ގެންނެވި ބަދަލުތަކާއި ކުރިއެރުމާއެކު، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން، ކުރިއަރަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް މިކުޑަކުޑަ ދިވެހިރާއްޖެ އުފުލިގެންދިޔައެވެ.
ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޒަމާނީ ޑިމޮކްރަސީގެ ޤާނޫނު އަސާސީއަކީވެސް ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު އިޢުލާންކުރެއްވި ސިޔާސީ އިޞްލާޙީ އެޖެންޑާގެ ތެރެއިން އެކުލަވާލެވުނު ޤާނޫނު އަސާސީއެއްކަން ފާހަގަކުރެވެއެވެ.