Support Us

ބެނެޓާއި ޕޫޓިން ބައްދަލު ކުރައްވައިފި

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ރޫސީ ރައީސް ޕޫޓިނާ މޮސްކޯގައި އިއްޔެ ބައްދަލު ކުރައްވައިފި ކަމަށް އިސްރާއިލު ސަރުކާރުން ބުނެފިއެވެ. އެ ދެބޭފުޅުން ބަހުސް ކުރެއްވީ ޔުކްރޭނުގައި ރަޝިޔާއިން ދެމުން ގެންދާ ޢަސްކަރީ ޙަމަލާތަކާ ބެހޭގޮތުން ކަމަށް ތައްލު އަބީބުން ބުންޏެވެ. އިސްރާއީލަކީ ރަޝިޔާގެ ވަރަށް ގިނަ ޔަހޫދީން އުޅޭ ތަނެކެވެ.

އިސްރާއީލީ– ޔުކްރޭން ގުޅުންތައް

އެމެރިކާގެ ގާތް އެކުވެރިއެއް ކަމުގައިވާ އިސްރާއީލުން ވަނީ އެމެރިކާގެ އެދުމުގެ މަތީން އދގެ ޢާންމު ޖަމްޢިއްޔާގައި ރަޝިޔާ ކުށްވެރިކޮށްފައެވެ. އަދި ކިޔޭފާއެކު އެއްބާރުލާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އިސްރާއީލުން ދަނީ ޔުކްރޭނަށް އިންސާނީ އެހީތައް ފޮނުވަމުންނެވެ. އިސްރާއީލު ބުނާގޮތުގައި ޔުކްރޭން- ރަޝިޔާ މަސްއަލަ ޙައްލުކުރުމަށް ޓަކައި މޮސްކޯއާއެކު ގުޅުންތައް ދަމަހައްޓާނެއެވެ.

އިސްރާއީލުގެ އަވަށްޓެރި ސޫރިޔާއަށް ރޝިޔާއިން ވަމުންދާ އެހީތަކަކީ އެކަމާމެދު އިސްރާއީލު ކަންބޮޑުވާ ކަމެކެވެ. އިސްރާއީލުން ދަނީ ސޫރިޔާގައި ތިބި އީރާނު ސިފައިންނާއި ޙިޒްބުﷲ ސިފައިންގެ ތަންތަނަށް ދޭތެރެދޭތެރެއިން ޙަމަލާތައް ދެމުންނެވެ. މޮސްކޯއާއި އިސްރާއިލާ ދެމެދުގައި އޮޅުމަކުން ވިޔަސް ކުރިމަތިލުމެއް ހިނގައިފާނެތީ ތައްލު އަބީބުން ދަނީ މޮސްކޯއާއެކު ގުޅުންތައް ވިލަރެސް ކުރަމުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓަކީ ވަރަށް ދީންވެރި ޔަހޫދީއެކެވެ. އެހެނަސް އޭނާ މި ފަހަރު މޮސްކޯއަށް ވަޑައިގަތީ ހޮނިހިރު ދުވަހު އޭނާގެ ދީނުގެ ޤަވާޢިދުތައް މުގުރާލައްވައިފައެވެ.

ބެނެޓް ފޯނުން ޔުކްރޭން ރައީސާ ގުޅުއްވުން

ރަޝިޔާގެ ނޫސް އޭޖެންސީ ސްޕްޓްނިކް ބުނާގޮތުގައި ބެނެޓް ރޫސީ ރައީސާ ރޭ ބައްދަލު ކުރެއްވުމަށް ފަހު ޔުކްރޭންގެ ރައީސް ޒިލެންސްކީއާ ފޯނުން ގުޅުއްވިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނިގޮތުގައި ޕޫޓިން- ބެނެޓް ބައްދަލު ކުރެއްވުން ތިން ގަޑިއިރަށް ދެމިގެން ދިޔައެވެ. މި ބަޔާން އިޝާރާތް ކުރި ގޮތުގައި ބެނެޓް ގެންދަވަނީ އެމެރިކާއާއި ޖަރްމަނާއި ފަރަންސޭސިވިލާތާއެކު ވިލަރެސް ކުރައްވަމުންނެވެ. މީގެ އިތުރަށް ބެނެޓް ދަނީ ޔުކްރޭންގެ ރައީސާއެކު ދާއިމީ ސިފައެއްގައި ގުޅުއްވަމުން ހަނގުރާމަ ހިނގަމުންދާ ގޮތް ބައްލަވަމުންނެވެ.

އިސްރާއީލުން ބުނިގޮތުގައި ބެނެޓް މޮސްކޯގައި ބަޙުސް ކުރެއްވި މަސްއަލަތަކުގެ ތެރޭގައި ޔުކްރޭންގައި ދިރިއުޅޭ ޔަހޫދީންގެ މަސްއަލަ ވެއެވެ.

ޔުކްރޭންގެ ޢަސްކަރީ ބިނާރުތައް ފުނޑައިލުން

ރޫސީ ރައީސް ރޭ ދެއްވި ޚިޠާބުގައި ރޫސީ ސިފައިން ޔުކްރޭންގެ ޢަސްކަރީ ހުރިހާ ބިނާރުތަކެއް ތަޅައި ކުދިކުދިކޮށް ފުޑައިލައިފި ކަމަށް ވިދާޅުވިއެވެ. އޭނާ ޕައިލެޓުންނަށް ތަމްރީނުދޭ މަރްކަޒަކަށް ޒިޔާރަތްކުރައްވައި ވިދާޅުވިގޮތުގައި ޔުކްރޭނާ ދެކޮޅަށް ޢަސްކަރީ ޢަމަލުތަކެއް ފެށުމަށް ނިންމެވި ނިންމެވުމަކީ "ވަރަށް ބުރަ" ނިންމެވުމެކެވެ. ޕޫޓިން ހާމަކުރެއްވި ގޮތުގައި ރޫސީ ސިފައިންގެ މަސައްކަތަކީ ޔުކްރޭން ވަކި ފަރާތަކަށް ނުޖެހޭ ޤައުމަކަށް ހެދުމާއި ނޭޓޯއަށް ވަނުން މަނާކުރުމެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭން ނޭޓޯއަށް ވަނުމަކީ ނޭޓޯއާއި ރަޝިޔާއާ ދެމެދުގައި ހަނގުރާމައެއް ފެށުމަށް އެހީވެދޭނެ "ނާމާން" ކަމެކެވެ. ރައީސް ޕޫޓިން ވިދާޅުވިގޮތުގައި ރަޝިޔާ ސިފައިންގެ މަސައްކަތް އޮންނާނީ ހަމައެކަނި ޑޮންބާހުގައެއް ނޫނެވެ. ޔުކްރޭނަށް ދާއިމީ ގޮތެއްގައި ހުޅަނގުންނާއި އެމެރިކާއިން ހަތިޔާރު ދެމުންގެންދާތީ ފުރަތަމަ ފިޔަވަހީގެ އަމާޒުފަތްގަނޑަކީ ޔުކްރޭންގެ ޢަސްކަރީ ހުރިހާ ބިނާރުތަކެއް ނައްތައިލުމެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް