ރޫސީވިލާތުގެ ބާރުތަކުން ޔޫކްރޭނަށް އަރައިގަތުމުން ނޫސްވެރިއަކު، އެމެރިކާގެ ރިޔާސީ ގަނޑުވަރު (ވައިޓްހައުސް)ގެ ޕްރެސް ސެކްރެޓަރީ، ޖެން ސާކީއަށް ސުވާލު ދެންނެވިއެވެ. "ރޫސީންގެ އެ ހަރުކަށި ޢަމަލަށް ސީނުކަރައިން އެއްބާރުލުން ދީފިނަމަ އެކަން ހުއްޓުވާން ބައިޑްންގެ އިދާރިއްޔަތުން އެއްވެސް ކަމެއް ކުރައްވާނަންތޯއެވެ؟" މި ސުވާލަށް ޖެން ސާކީ އިޖާބަދެއްވީ މިފަދަ މޭރުމަކުންނެވެ. "ތިޔައީ ހަގީގަތުގައި ސީނުކަރައަށް އޮތް ސުވާލެކެވެ. އެކަމަށް ބަލައި ވިސްނައި އެއީ ގަބޫލުކުރެވޭނެ ޢަމަލެއްތޯ (އެއީ ސީނުކަރައިން ޖަވާބުދޭން ޖެހޭ ސުވާލެކެވެ.)"
މި ދިޔަ މަދު ހަފުތާތަކެއްގެ ތެރޭގައި ރޫސީ ވިލާތާއި ސީނުކަރައިން ވިޔަފާރީގެ ޙިކުމާތީ ގުޅުންތައް ބަދަހިކޮށްފައިވާއިރު ޔޫކްރޭނަށް ރޫސީވިލާތުން ބިރުދައްކާ ބިރުދެއްކުމުގައި ސީނުން ބައިވެރިވުމަކީ އެ ގައުމަށް އޮތް ހިރާހަކަށް ނުވާނެތޯއާއި ޔޫކްރޭނަށް އަރައިގަތް އަރައިގަތުމުގައި ދެ ގައުމުގެ ބަދަހިކަން އެ ގޮތުގައި އޮންނާނެތޯ ވެސް މީހުން ސުވާލު އުފެއްދިއެވެ. އަދި ބައެއް މީހުން ތުހުމަތު ކުރި ގޮތުގައި ރޫސީވިލާތުން ޔޫކްރޭނަށް އަރައިގަތުމުގެ ކުރީން ރައީސް ޕޫޓިން، ސީނުކަރައިގެ ރައީސް ޝީޖިންޕިނާއެކު މަޝްވަރާކުރިއެވެ. ބޭނުމަކީ ރޫސީން ޔުކްރޭނު ހިފުމަށް ފަހު އެކަން ނިމުނީމާ ކުރިމަގުގައި ސީނުކަރައިން ތައިވާނު ހިފުމެވެ. މި ދެ ކަމުގައި ވެސް ދެ ގައުމުން އެއް ގައުމު އަނެއް ގައުމަށް އެހީތެރިވެދޭން އޮތީ އެއްބަސްވެފައެވެ. މިއީ ބައެއް މީހުން ކުރި ދޮގު ތުހުމަތެކެވެ.
ހަގީގަތަކީ ޔޫކްރޭނަށް ރޫސީން އަރައިގަތް އަރައިގަތުމަކީ ސީނުކަރައާ މަޝްވަރާކޮށްފައި ކުރި ކަމެއް ނޫންކަމެވެ. ނަމަވެސް މިކަން ހިނގީމާ ސީނުކައިން އެ ގައުމުގެ ފައިދާއަށް ޓަކައި ރޫސީންނަށް އެހީވާނެ ކޮންމެވެސް ގޮތެއް ހޯދުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ސީނާއި ރޫސީން ވެސް ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ ނަޒަރުން ބަލާއިރު ހުޅަނގަކީ ފަސާދަ އުފައްދާ ބަޔެކެވެ. ސީނުކަރައާއި ރޫސީވިލާތަކީ އެ ޢަމަލުތަކުގެ މަޒުލޫމުންނެވެ. މީގެ އިތުރަށް ރޫސީން އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ދުނިޔޭގައި އެކަހެރިވާ އެކަހެރިވުމުގެ ފައިދާ ސީނުކަރައިން ހޯދާނެއެވެ.
އަނެއްކޮޅުން ބަލާއިރު ފަންނިއްޔާތުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރޫސީންނާ ދެކޮޅަށް ހުޅަނގާއި އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ސީނުކަރައަށް ކުރިމަގަށް ވިސްނާން މަގު ފަހިވާނެއެވެ. އެ ކަމަށް މަޖުބޫރުވާނެއެވެ. އަދި ރޫސީ ވިލާތާއި ސީނުކަރައަކީ ވެސް ދުނިޔޭގައި ފަންނިއްޔާތުގެ ގޮތުންނާއި ޢިލްމީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ކުރިއަރައިފައިވާ ދެ ގައުމު ކަމަށް ވާތީ، ތަފާތު ރޮނގުރޮނގުން އިތުރު ޤާބިލުކަން ހޯދާން އެ ދެ ގައުމު ގުޅިގެން މަސައްކަތްކުރާނެއެވެ. މި ވާހަކަ ރޫސީ ރައީސް ހުކުރު ދުވަހު ދެއްކެވި ވާހަކަފުޅުން ވެސް ދޭހަވެއެވެ.
އެމެރިކާއާއި އެ މީހުންގެ ބައިވެރީން ރޫސީވިލާތާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ތާރީޚީ ފިޔަވަޅުތަކަށް އިޝާރާތްކުރައްވައި ޕޫޓިން ވިދާޅުވީ "ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރޫސީވިލާތަށް ކުރިމަތިވާ މައްސަލަތައް އެ ގައުމުން ހައްލުކުރާނެ" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި "އިތުރު ހުނަރުތައް ތަރައްގީ ކޮށް ޤާބިލިއްޔަތު އިތުރުކޮށްގެން ރޫސީވިލާތަށް ފައިދާ ކުރާނެ" އެވެ.
"އަހަރެމެން ބޭނުންވަނީ އިތުރު ހުނަރާއި ޤާބިލިއްޔަތު ލިބިގަތުމަށް ޓަކައި އަހަރެމެންގެ މަޝްރޫޢުތައް ކުޑައިކޮށް ކުރިއަށް ޙަރަކާތްތެރިވެލާށެވެ. އަހަރެމެންނަށް ކުރިމަތިވާ މައްސަލަތައް އަހަރެމެން ޙައްލުކުރާނަމެވެ. އާޚިރުގައި މި ދަތިކުރުމުގެ ފިޔަވަޅުތަކުން އަހަރެމެންނަށް ކުރާނީ ފައިދާއެވެ. އެހެނީ މި ކަމުގެ ސަބަބުން އިތުރު ޤާބިލިއްޔަތު އަހަރެމެން ހޯދާނަމެވެ."
މި ކަންކަމަށް ނަޒަރެއް ދިނުމުން އެއްވެސް ޝައްކެއް ނެތް ގޮތުގައި ރޫސީ-ޔޫކްރޭންގެ އަރައިރުމުގެ ސަބަބުން ސީނުކަރައަށް ޙިކުމާތީ ފައިދާތަކެއް ކުރާނެއެވެ. ފަންނިއްޔާތާއި އުފެއްދުންތެރިކަމުގެ ގޮތުން އިތުރު ކުރިއެރުންތައް ހޯދާނެއެވެ. ރޫސީންނާ ގުޅިގެން ވިޔަފާރީގެ އިތުރު ކުރިއެރުންތައް ހޯދާނެއެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ނަޒަރެވެ.



advertisment