Support Us

ޔުކްރޭންގެ އެންމެ ބޮޑު ނިޔުކްލިއަރ ސްޓޭޝަން ޒަޕަރޯޖިޔާ ރަޝިޔާއިން ހިފައިފި

ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ދެމުންގެންދާ ޢަސްކަރީ ޙަމަލާތަކުގެ ނުވަ ވަނަ ދުވަހާއެކު ރޫސީ ސިފައިން ޔުކްރޭނުގެ ދެކުނު އިރުމަތީ ސަރަޙައްދުގައި ހުންނަ ޒަޕަރޯޖިޔާ ނިޔުކްލިއަރ ސްޓޭޝަން ހިފައިފި ކަމަށް ސީއެންއެނާއި ޖަޒީރާއާއި ޓާސް ފަދަ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފިއެވެ. މި އެކުވެނީގައި ހުންނަ ތަމްރީނުދޭ މަރްކަޒެއްގައި ރޯވެ އަނދަމުންދާ ކަމަށް ޖަޒީރާ ބުންޏެވެ.

ޔުކްރޭން ބުނާގޮތުގައި އެތަނުގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވައިލެވިފައެވެ. އެ ސްޓޭޝަނުގެ ނިޔުކްލިއަރ އަމާންކަން ގަރަންޓީކުރެވިފައިވާ ކަމަށް ވެސް ޔުކްރޭނުން ބުންޏެވެ. ރޫސީ ސިފައިން މި ނިޔުކްލިއަރ ސްޓޭޝަނަށް ޙަމަލާދެމުންދާތީ ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވާގޮތުގައި ރަޝިޔާއިން ދަނީ ނިޔުކްލިއަރ ބިރުވެރިކަން އުފައްދަމުންނެވެ. އޭނާ ތުހްމަތު ކުރެއްވި ގޮތުގައި ރަޝިޔާއިން މަސައްކަތް ކުރަމުންދަނީ 1986ގައި ހިނގި ޗަރްނޯބަލް ރިއެކްޓަރުގެ ޙާދިސާފަދަ  ހާދިސާއެއް ކުރިމަތިކުރުވާށެވެ.

ރަޝިޔާ ސިފައިން ޔުކްރޭންގެ ވެރިރަށް ކިޔޭފާ ދިމާއަށް ކުރިއަރަމުންދާ ކަމަށާއި އެމީހުން މިހާރުވަނީ ޚޭރުސަން ނަމަކަށް ކިޔާ ސަހަރު ހިފައިފައި ކަމަށް ޚަބަރުތައް ބުނެއެވެ.

ރަޝިޔާގެ ޙަމަލާތަކާ ވިދިގެން ޔުކްރޭންގެ ރައީސް ޒިލެންސްކީ އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް ޓަކައި ރައްކައުތެރި ފާލަންތަކެއް އަޅައިދިނުމަށް ރެޑްކްރޮސް ޖަމާޢަތަށް މިއަދު ގޮވައިލެއްވިއެވެ. ޔުކްރޭންގެ ރައީސް ވިދާޅުވިގޮތުގައި ޔުކްރޭންގެ ރައްޔިތުން ރޭ ހޭދަކޮށްފައި ވަނީ ބިރުވެރި ނާމާންކަމެއްގެ ތެރޭގައެވެ. އޭނާ ތުހްމަތު ކުރެއްވި ގޮތުގައި ރަޝިޔާއިން ދަނީ ގަސްތުގައި ޔުކްރޭންގެ ބިނާރުތައް ހަލާކުކުރަމުންނެވެ. އަދި ރަޝިޔާއިން ދަނީ ޢާއްމުން ދިރިއުޅޭ ބޯހިޔާވަހިތަކަށް ވެސް ޙަމަލާދެމުންނެވެ. ރައީސް ޒިލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާއިން ނިޔުކްލިއަރ ސްޓޭޝަނަށް ޙަމަލާ ދެނީ ޔުކްރޭން ރައްޔިތުން ބިރުގެންނެވުމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ ނިރުބަވެރި ޢަމަލެކެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭން ހަނގުރާމައިގައި މިހާތަނަށް ރަޝިޔާގެ 9200 ސިފައިން މަރައިލެވިއްޖެއެވެ.

ރަޝިޔާގެ ރައްދު

އަނެއްކޮޅުން ރޫސީ ދިފާޢީ ވުޒާރާއާ ޙަވާލާދީ އިންޓަރފެކްސް ނޫސް އޭޖެންސީ ބުނާގޮތުގައި ޔުކްރޭނިޔާގެ ޒަޕަރޯޖިޔާ ނިޔުކްލިއަރ ހަކަތަ ސްޓޭޝަން މިހާރު އޮތީ ރަޝިޔާ ސިފައިން ހިފައިފައެވެ. އެ ތަނުގެ މަސައްކަތް ރަނގަޅަށް ހިނގަމުން ދެއެވެ. ނިޔުކްލިޔަރ އެއްވެސް ރޭޑިއޭޝަނެއް ފޭދިގެން ބޭރަކަށެއް ނުނުކުމެއެވެ.

ރަޝިޔާ ބުނާގޮތުގައި މި ތަނަށް ޙަމަލާ ދިނުމަށް އައި ތަޚްރީބީ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ސްޓޭޝަން ކައިރީގައި ހިނގި އަލިފާނުގެ ޙާދިސާއަކީ– ރޫސީން ބުނާގޮތުގައި– ޔުކްރޭން ސަރުކާރުން ޒިންމާ އުފުލަން ޖެހޭނެ ކަމެކެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ނިޔުކްލިއަރ މަރްކަޒަށް ޖެއްސުން ކުރަން ޔުކްރޭނުން މަސައްކަތް ކުރަނީ ރަޝިޔާއިން ނިޔުކްލިއަރ ވިސަޑު ވެށްޓެއް އުފައްދައިފިކަމުގެ  ތުހްމަތު ރަޝިޔާގެ ބޮލުގައި އެޅުވުމަށް ޓަކައެވެ. ރަޝިޔާއިން ބުނާގޮތުގައި ރޫސީ ސިފައިން އެ ތަން ހިފުމުގެ ކުރިން ޔުކްރޭން ސިފައިން އެ ތަން ދޫކޮށް ފިލައިފިއެވެ. ރަޝިޔާގެ ދިފާޢި ވުޒާރާ ބުނާގޮތުގައި ރޫސީ ސިފައިން މި ހުސްވި މަހުގެ 28 ވަނަ ދުވަހު ވަނީ ޒަރަޕޯޖިޔާ ނިޔުކްލިއަރ ސްޓޭޝަން ހިފައިފައެވެ.

ފަރަންސޭސި ވިލާތުގެ ހަކަތަޔާ ބެހޭ ވަޒީރު ހާމަކުރެއްވި އެ ސްޓޭޝަނުގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ރޭޑިއޭޝަން މިންވަރު އިތުރުވެފައިވާ ކަމަކަށް ރެކޯޑްތަކެއް ނުބުނެއެވެ. މި ޙާދިސާއާ ވެދިގެން ފަރަންސޭސި ވިލާތުގެ ނިޔުކްލިޔަރ އަމާންކަން ސަމާލުކަމަށް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޭޓޯ ހަނގުރާމައިގެ ބައެއް ނޫން

އަނެއްކޮޅުން ބަލާއިރު ނޭޓޯއަކީ މި ހަނގުރާމައިގެ ބައެއްނޫން ކަމަށް ނޭޓޯގެ އިސް މަސްއޫލުވެރިޔާ ސްޓޮލްޓަންބަރގް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ނޭޓޯގެ ދައުރަކީ ދިފާޢީ ކަމެކެވެ. ރަޝިޔާއާ ކުރިމަތިލުމަށް ނޭޓޯއިން މަސައްކަތެއް ނުކުރާނެއެވެ. އެހެނަސް އޭނާ ހާމަކުރެއްވި ގޮތުގައި ނޭޓޯގެ މެންބަރުން ދަނީ ރަޝިޔާގެ ޢަމަލުތަކަށް ފާރަލަމުންނެވެ . އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭންގެ ނިޔުކްލިއަރ މަރްކަޒުތަކަށް ޙަމަލާދެވެމުންދާތީ މިއީ ވަރަށް ނުރައްކާތެރި ކުރިމަތިލުމެއްކަން އެނގެއެވެ. ރަޝިޔާއިން މި ވަނީ ޔޫރަޕްގެ އަމާންކަން ފުނޑުފުނޑުކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް